އޭސީސީގެ މެމްބަރުކަމަށް ޝަކީލް އައްޔަން ކުރައްވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، އިބްރާހީމް ޝަކީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އިބްރާހީމް ޝަކީލް ޢައްޔަން ކުރެއްވުމުގެ ކުރިން، އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އިބްރާހީމް ޝަކީލަށް ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ. މިރަސްމިއްޔާތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އިބްރާހީމް ޝަކީލާ ހަވާލުކުރައްވައިފައެވެ.
އިބްރާހީމް ޝަކީލް އެންމެ ފަހުން ހުންނެވީ ދިރާގުގެ އިންޓަރނަލް އޮޑިޓަރއެއްގެ ގޮތުގައެވެ. އޭގެ ކުރިން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ އޮފިސަރ އިންޗާޖުގެ މަޤާމާއި ދިރާގާއި އެމްއެމްއޭގެ އެކި މަޤާމުތަކާއި ޔޫއެންޑީޕީގެ އެކި މަޤާމުތައް ފުރުއްވާފައި ވެއެވެ.
އިބްރާހީމް ޝަކީލް ވަނީ ކޮންޕިއުޓަރ ސައިންސްގެ ދާއިރާއިން ލަންކާގެ، އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ހާޞިލްކުރައްވާފައެވެ.
ޝަކީލް އެމަގާމަށް އައްޔަން ކުރެއްވިއިރު، އޭސީސީގެ މެމްބަރުކަމަށް އަންޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ޝަކީލް ހިމެނޭ ގޮތަށް ފަސް ބޭފުޅަކަށް ރުހުން ދީފައެވެ އޭސީސީގެ މެމްބަރުކަމަށް މަޖިލީހުން ރުހުން ދީފައިވާ އިތުރު ބޭފުޅުންނަށް ބަލާއިރު، މަރިޔަމް ޝިއުނާ އާއި އޭސީސީގައި ކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ފާތުމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ