400 ދިވެހި އަންހެނުން ސީރިއާގައި ހަށިވިއްކަމުން އެބަދޭ – ނަޝީދު

ސިރިޔާއަށް ދިޔަ ދިވެހި ފިރިހެނުންގެ އަނބީން އެ މީހުންގެ ފިރީން މަރުވުން ހަށިވިއްކަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސީރިޔާގެ ދާހިލީ ހަގުރާމާގައި ބައިވެރިވުމަށް ސީރިޔާއަށް ބައެއް ދިވެހީން ދަތުރު ކުރަމުންދެ އެވެ.
"ޕީއެސްއެމް" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ދިވެހި 400 އެއްހާ އަންހެނުން ސީރިއާގައި ހަށިވިއްކަމުންދާ ކަމަށެވެ.
"ސީރިޔާއަށް ގޮއްސި ދީނުގެ ނަމުގައި އެތައްސަތޭކަ ދިވެހިން. ގޮސް އެތާނގައި މަރުވެއްޖެ 60، 70 އެއްހާ ދިވެހިން. ދިވެހިންގެ 400 އެއްހާ އަންހެނުން އެތާގައި ހަށިވިއްކަމުން އެދަނީ. ދެން މި ބޭފުޅުން މި ބުނަނީ އެއީ އެއް ކައިވެންޏޭ، މިވެނި ކައިވެންޏޭ، އެވެނި ކައިވެންޏޭ، ހަމަ އެކަކު މަރުވާ ތަނުން އެ އަންހެން މީހާ އެދަނީ އެކަކު އަތްމަތިން އަނެކަކު އަތް މަތިިން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ސީރިޔާއަށް ދިޔަ ބައެއް ދިވެހިންގެ އާއިލާގެ ފަރާތަތްތަކުން އެމަނިކުފާނަށް އެކަން އަންގަމުން ގެންދަވާ ކަމަށެވެ.
"އެމީހުން މާމަ ދަރިން، ކާފަ ދަރިން ވެއްޖެ ސީރިޔާގައި. އެމީހުންގެ އަންހެން ދަރީން ވެއްޖެ ސީރިޔާގައި. އެ އަންހެން ދަރީން އެދަނީ އެއް ފިރިހެނެއްގެ އަތުން، އަނެއް ފިރިހެނެއްގެ އަތުން، އަނެއް ފިރިހެނެއްގެ އަތުން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ދީނާއި ހިލާފު ސިޔާސަތުތަކެއް ގެންގުޅޭ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަނީ ސީރިއާ އަަށް ހަނގުރާމަކުރަން ދިވެހިން ދިއުމާއި އެމްޑީޕީން ދެކޮޅު ހަދާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެފަދަ ތުހުމަތުތަކެއް ކުރަނީ އެބޭފުޅުންގެ އަތުގައި ރައްޔިތުންނަށް ދައްކަވާނެ ސިޔާސަތުތަކެއް ނެތުމުން ކަމަށެވެ.
"އިސްލާމް ދީން ހިމާޔަތް ކުރެވޭނެ މީހުން މިތިބީ ދިވެހި ރާއްޖޭގެ ވެރިކަމުގައި. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގައި." ނަޝީދު ވިދާޅުވި އެވެ.
400 ދިވެހި އަންހެނުން ސީރިއާގައި ހަށިވިއްކަމުންދާ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ ސީރިއާގައި މިހާރު ރާއްޖެއަށް ނާދެވިފައި ތިބީ ހައެއްކަ އަންހެނުން ކަމަށެވެ.
ނަޝީދު ވަނީ މީގެ ކުރިން ވެސް ސީރިއާ އަށް ގޮސްފައިވާ ދިވެހިންނާއި ގުޅޭ ގޮތުން ގަބޫލުކުރަން ދަތި އެތައް ވާހަކައެއް ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ