އަދަބެއް ދިނަސް ސިޓީގެ ސްކޮޑަށް އަސަރުނުކުރާނެ

މެންޗެސްޓާ (މާޗް 16) – ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބު ދިނަސް، އޭގެ އަސަރެއް ނުކުރާހާ މެންޗެސްޓާ ސިޓީ ވަރުގަދަ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައިވާތީ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މައްސަލަތައް ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ތަހުގީގުކުރަމުން އަންނާތީ، އެ ކަމުގައި ސިޓީ އަށް ސަސްޕެންޝަނެއް އައުމުގެ ބިރު ބޮޑެވެ.
ދާދި ފަހުން ޖަރުމަނާއި ރަޝިއާގެ ބައެއް މީޑިއާތަކުން ވަނީ ޕީއެސްޖީ އާއި ސިޓީން އެފްއެފްޕީގެ ގަވާއިދުތަކާ ހިލާފަށް ގިނަ ހަރަދުތަކެއް އޮޅުވާލައިގެން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ ލިޔުންތަކެއް ލީކުކޮށްލައިފަ އެވެ.
އެ ވާހަކަތަކާ ބެހޭގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުނީ ކްލަބުގެ ވެރިން އޭނާ އަށް ގުޅައި އެ ވާހަކަތައް ކިޔައިނުދޭ ކަމަށާއި އޭނާ އަކީ އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަން އެންމެ އެކަށީގެންވާ މީހާ ނޫން ކަމަށެވެ.
"އަހަރެން ސަމާލުކަން ދެނީ އަހަރެން ކުރަން ޖެހޭ ކަންތައްތަކަށް. ކޮންމެ ދުވަހަކު މިކަމާ ބެހޭ ވާހަކައެއް އަހަންނަށް ނުދެއްކޭނެ،" ގާޑިއޯލާ ބުންޏެވެ.
އެ މައްސަލައިގެ އަދަބެއްގެ ގޮތުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ސަސްޕެންޑްކުރިޔަސް، ވާދަކުރެވޭނެތޯ އެހުމުން ބުނީ ޔަގީންކަން އެބައޮތް ކަމަށާއި ސިޓީގެ ސްކޮޑް އެހާ ވެސް ވަރުގަދަ ކަމަށެވެ.
މި ސީޒަނުގެ ލީގު ކަޕް ކާމިޔާބުކޮށްފައިވާ ސިޓީން އަންނަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕުގެ ތަށްޓަށް ވެސް ވާދަކުރަމުންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެ ޓީމު ލައްވާނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ.
"އަހަންނަށް ޓޮޓެންހަމް ވަރަށް ރަނގަޅަށް އެނގޭ. އެ ޓީމުން ބޭނުންކުރާ ތަފާތު ސިސްޓަމްތަކާއި ސޮން ހެއުން މިން އާއި ހެރީ ކޭން އާއި ޑެލޭ އަލީ އާއި ކްރިސްޓިއަން އެރިކްސެންއާ އެކު އެ ޓީމުގެ ފޯވާޑްލައިންގެ ވަރުގަދަކަން ވެސް. އެކަމަކު ޗެމްޕިއަންސް ލީގުގެ ކޮންމެ ޓީމަކާ ބެހޭގޮތުން ދައްކަން ޖެހޭނީ ވަރުގަދަކަމުގެ ވާހަކަދައްކަން،" ގާޑިއޯލާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ