ވެލި އެރުވީ، ސީސީސީސީގެ ބޯޓަކަށް، ދުއްވީ ހުއްދަ ނުހޯދާ!

ގަވައިދާ ހިލާފަށް އިއްޔެ ލ. ހިތަދޫ ކައިރިން ވެލި ބަރުކުރި އުޅަނދު، ދަތުރުކޮށްފައި ވަނީވެސް ގަވާއިދާ ހިލާފަށް ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.
ވެލި ބަރުކުރި އުޅަނދު ފެނިފައި ވަނީ އިއްޔެ ހަވީރު އެވެ. ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ބަނޑުގެ ސިފައިގައި އޮތް އެ ބޯޓުގައި ރެޖިސްޓްރޭޝަން ނަންބަރެއް ވެސް އަދި ދިދައެއް ވެސް ނެތެވެ.
އެ އުޅަނދުގެ މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އެ ބޯޓަށް އަރުވަން ވެލި ނަގާފައި ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެންކަން އެނގޭ އެއްވެސް ލިޔުމެއް ވެސް އެ ބޯޓުގައި ނެތް ކަމަށެވެ. އެ ބޯޓަށް ވެލި އަރުވާފައި ވަނީ ކޮން ރަށަކުން ނޫނީ ކޮން ފަޅަކުން ވެލި ނަގައިގެން ކަމެއް އަދި ސާފުކޮށްދީފައެއް ނުވެއެވެ.
ހަމަ އެކަނި ބުނެފައި ވަނީ އެ ބޯޓަށް ވެލި ބަރާކޮށްފައިވާ ކަމަށާއި ބޯޓުގައި ތިބި މީހުން ބުނާ ގޮތުން އެ ބޯޓަށް އަރުވާފައި ހުރި ވެއްޔަކީ އޭގައި ހުރި ބަރު ވެހިކަލްތަކެއްގެ ބެލެންސް ކުރަން އަރުވާފައިވާ ވެލި ކަމަށެވެ. ބަނޑު ފަހަރު ގޮތަށް ހުންނަ އުޅަނދުގައި މުދާ އުފުލާއިރު ބެލެންސް ކުރަން "ނިގާރަން" ގެ ގޮތުގައި ފެނާއި ވެލި އެރުވުމަކީ ކުރާ ކަމެކެވެ. -- ނިގާރަން އަކީ ކަނޑުދަތުރުފަތުރު ކުރާ އުޅަނދު ދުއްވުމުގައި ކޮންމެހެން ބޭނުންވާ ބަރެވެ.
މި ބޯޓްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަކީ ސިނަމާލެ ބްރިޖްގެ ޕްރޮޖެކްޓްގައި ބޭނުން ކުރަން ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށާއި އެ އުޅަނދު އިއްޔެ ދަތުރު ކުރީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ނެތި ކަމަށެވެ.
ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރު ކުރުމާއި ގޮސް އައިސް ވުމާއި ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާ ކަމެކެވެ.
"... ރާއްޖެއަށް އައިސް ގޮސްފައިވާ އުޅަނދުފަހަރަށް ރާއްޖޭގައި ހިންގާ އެންމެހާ މުއާމަލާތްތައް ހިންގަން ޖެހެނީ ކަސްޓަމްސްގެ ހުއްދަ ހޯދުމަށްފަހުގަ އެވެ. އަދި ރާއްޖޭގައި ހިންގާ އިގްތިސޯދީ ބޮޑެތި ޕްރޮޖެކްޓަތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެއްޗެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން އިއްޔެ ބުނީ މި ބޯޓުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ