ބައެއް މީޑިޔާއިން މައުލޫމާތު ހާމަކުރާ ގޮތުން އާންމުނަށް އޮޅޭ: ރައީސް

ބައެއް މީޑިޔާތަކުން މައުލޫމާތު ހާމަކުރާ ގޮތުން އާންމުންނަށް ކަންކަން އޮޅޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު މިފަދައިން ވިދާޅުވީ މިއަދު ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ފުލުހުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވިދާޅުވެފައިވަނީ ބައެއް މީޑިޔާތަކުން މައުލޫމާތު ހާމަކުރާ ގޮތުން ރައްޔިތުންނަށް މައުލޫމާތު އޮޅޭ ކަމުގައެވެ. އަދި މީޑިޔާތަކުން މައުލޫމާތު ހާމަކުރާ ގޮތުން ރައްޔިތުންނަށް އޮޅުން އަރައި ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލޭ ކަމުގައިވެސް ރައީސް ޞާލިޙު ވިދާޅުވއިެވެ. މިފަދައިން ރައީސް ޞާލިޙު ވިދާޅުވެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ އަނިޔާ ކުރި 2 މީހަކު ދޫކޮށްލާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެގޮތަށް ކަންކަން ދިމާވަނީ އެންމެ ހަލުއިކޮށް އެކަށީގެންވާ ދުވެލީގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްނުދެވޭތީ ކަމުގައިވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި އަވަހަށް މައުލޫމާތު ފޯރުކޮށްދޭނަމަ އެފަދަ ކަންކަން ދިމާނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުން ސަރުކާރުގެ ކިބައިން ބޭނުންވަނީ ޢަދުލު އިންސާފު ކަމަށާއި، ތަހުގީގުކުރުމާއި ޝަރީޢަތްކުރުންވެސް ދުވެލި ހަލުއިކޮށް އަވަސްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބިދޭސީންގެ މައްސައާއި ޖިންސީ ގޯނާގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތައް އެބަހުރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ