ގިނަ އެއާލައިންތަކުގެ ދަތުރުތައް އޮގަސްޓްގައި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މި މަހުގެ 15 ގައި ހުޅުވައިލި ނަމަވެސް ގިނަ އެއާލައިންތަކުގެ ދަތުރުތައް ފަށަނީ އޮކްޓޫބަރުގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލް އިން އާންމުކޮށްފައިވާ ލިސްޓުގައި ވަނީ 11 އެއާލައިނެއްގެ ދަތުރު ފަށާނެ ތާރީހުތައް އިއުލާނުކޮށްފަ އެވެ. ޖުލައި މަހު ގަތަރު އެއާވޭސް އާއި އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސްގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާނެ އެވެ. މީގެ އިތުރުން ގަލްފް އެއާ އާއި ހޮންކް ކޮންގް އެއާލައިނާއި އިންޑިގޯ އާއި ސިލްކް އެއާ އާއި ސިންގަޕޯ އެއާލައިނާއި ސްރީ ލަންކަން އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓްގަ އެވެ. ސްވިޓްޒަލޭންޑްގެ އެއިޑުލްވައިސް އެއާލައިން އާއި ޓާކިޝް އެއާލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރުގަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 11 އެއާލައިނަކުން ދަތުރު ކުރާނެ ތާރީހުތައް އިއުލާނުކޮށްފައިވާ އިރު އެ އެއާލައިންތަކުން ޝެޑިއުލްކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ދަތުރުތަކެކެވެ.
މިދިޔަ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގައި އެމްއޭސީއެލްގެ އޭރުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ، ތިން މަސް ފަހުން ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނަށް ދާއިރު، މިހާރު ދަތުރުކުރާ ވަރުގެ ތިން ގުނަ އިތުރަށް ފްލައިޓްތައް ބާއްވަން ވެސް އެއާލައިންތަކުން ހުށަހަޅާފައިވާ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މާޗް 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މިމަހުގެ 15 ގައި ބޯޑަރު ހުޅުވާށެވެ. އަލުން ދަތުރުތައް ފަށާއިރު، ޝެޑިއުލަށް ވުރެ ގިނައިން ރާއްޖެއަށް ކުރާނީ ޗާޓަޑް ދަތުރުތަކާއި ޕްރައިވެޓް ދަތުރުތައް ވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ލަފާ ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ