ޕްރައިވަޓައިޒޭޝަން ބޯޑުން ސަރުކާރު ކުންފުނިތައް ނުބަލަހައްޓާ މައްސަލަ މަޖިލިހަށް

ސަރުކާރުގެ ކުންފުނިތައް ޤާނޫނުގައި ބުނެފައިވާ ގޮތަށް ހިންގަމުންދޭތޯ އެކަމަށް ޚާއްޞަކޮށްފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބަލަހައްޓަމުންނުދާ މައްސަލަ ރައްޔިތުން މަޖިލިހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ރައްޔިތުން މަޖިލިހަށް ހުށަހެޅުއްވީ ދައުލަތުގެ ކުންފުނިތަކާ ބެހޭ މަޖިލިހުގެ ކޮމިޓީ އެސްއޯއީ ކޮމިޓީގެ މުޤައްރިރު އަދި ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އެވެ. މި މައްސަލަ އޭނާ ހުށަހަޅުއްވާފައިވަނީ މަޖިލިހުގެ އެސްއޯއީ ކޮމިޓީއަށެވެ. މި މައްސަލައާ ގުޅޭ ގޮތުން "ދަ ޕްރެސް" ނޫހަށް މައުލޫމާތު ދެއްވަމުން ބޮޑެ ވިދާޅުވެފައިވަނީ ޕްރައިވަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމުގައެވެ. އަދި އެ ބޯޑުން ކުންފުނިތަކުން އަމަލުކުރަނީ ޤާނޫނާ އެއްގޮތަށްކަން ބަލަންޖެހޭ ކަމުގައެވެ. އަދި އެ ކުންފުނިތަކުން ޢަމަަލުކުރަނީ ޤާނޫނުގައި ބުނެފައިވާ ގޮތަށްކަން ކަށަވަރުކުރުމަކީ އެ ކޮމިޓީގެ ޒިންމާއެއް ކަމުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބައެއް ކުންފުނިތަކުގައި ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތެއް އެކުލަވާލާފައި ނޯވެއެވެ. އެެފަދައިން ޢާންމުކޮށްފައި ނެތް ކަންކަން ހުރި ކަމުގައި ވިދާޅުވިއެވެ. ބީލަމަށް ހުޅުވައިލުމުގެ ސިޔާސަތުތަކެއްވެސް އެ ކުންފުނިތަކުގައި ނުހުންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. މި ސިޔާސަތުތަކަކީ ޕީސީބީން އެކުލަވައިލަންޖެހޭ ކަންކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ބޯޑުން ޒިންމާ އަދާނުކުރުމުގެ އިތުރަށް އާންމުންނާ އެ ބޯޑު ވަރަށް ދުރުކަމުގައިވެސް އޭނާއަށް ފާހަގަކުރެއްވޭ ކަމުގައި ވިދާޅުވިއެވެ. ބޮންޑެ އިތުރަށް ވިދާޅުވި ގޮތުގައި އޭނާ މަޖިލިހަށް ހުށަހެޅި މައްސލައަކީ ދައުލަތުގެ ވިޔަފާރިތައް މޮނިޓާކޮށް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެ ބޯޑުން ކުރަމުންދާކަން ނުވަތަ ނޫންކަން ބެލުމަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ ބައެއް ކުންފުނިތަކުން ޤާނޫނާ އެއްގޮތަށް އަމަލުކުރަމުންދާތަން ފެނިވަޑައިނުގަންނަވާތީ ކަމުަގއި ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް ޢައްޔަންކުރާ މީހުންނަކީ ޤާނޫނުގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތައްކަން ކަށަވަރުވާންޖެހެއެވެ. އަދި އެ މީހުން ޢައްޔަންކުރުމުގައި އެމީހުން ސްކްރީންކޮށް ރަނގަޅަށް ބަލައި ބައިނަލްއަޤުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށްވެސް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ