ރައީސް ޔާމީން އިތުރުފުޅުހެއްދެވި ކަމަށް ބައެއް މީޑިޔާއިން ފަތުރާ ޚަބަރު ވަކީލުން ދޮގުކޮށްފި

ހައިކޯޓުގައި އޮތް ރައީސް ޔާމީން ޢަބްދުﷲގެ އިސްތިއުނާފު ޝަރީޢަތުގައި އެމަނިކުފާނު އިތުރުފުޅުހެއްދެވި ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިޔާތަކުން ގެންސީފައިވާ ޚަބަރުތަކަކީ ދޮގެއް ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ. ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ކޯޓުގައި ވޮޑަމުއްލާ ރަށް ދީފައިވަނީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ގާތް ދެ އެކުވެރިންނަށް ކަމުގއި ވިދާޅުވި ވިދާޅުވުމުން، އެމަނިކުފާނަށް ވޮޑަމުއްލާގެ ވާހަކަ އެނގިވަޑައިގަތީ ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއްކަން ދޭހަވާ ގޮތަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގެ ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވަނީ ވޮޑަމުއްލާއާ ގުޅޭ ގޮތުން ތަހުގީގުގައި ސުވާލުކޮށްފައިނުވާ ކަމަށެވެ. އަދި ތަހުގީގު ނިންމައި ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރުވެސް ވޮޑަމުއްލާގެ އެއްވެސް ވާހަކައެއް ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމުގައި ވަކީލުން ފާހަގަކުރެއްވިއެވެ.  އަދި ވޮޑަމުއްލާ އަދީބުގެ ގާތް އެކުވެރިންތަކަކަށް ކުއްޔަށް ދީފައިވާ ކަމުގައި ރައީސް ޔާމީން ވިދާޅުވީ ޤާނޫނީ ޓީމުން ހޯދި ހޯދުމުން ލިބުނު މައުލޫމާތެއް އެމަނިކުފާނާ ހިއްސާކުރުމުން ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ. ހަމައެހެންމެ ވޮޑަމުއްލާ ވަކި ބަޔަކަށް ކުއްޔަށް ދިނުމަށް ބޭނުންވެގެން ރައީސް ޔާމީން އަރިހުގައި އަދީބު ވިދާޅުވިކަމަށް ނުވަތަ އެދިވަޑައިގެންނެވިކަމަށް ހައިކޯޓުގެ ޝަރީޢަތުގައި ރައީސް ޔާމީން ވިދާޅުނުވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސް ޔާމީން ހައިކޯޓުގައި އިތުރުފުޅެއް ނުހައްދަވާ ކަމުގައިވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ރައީސް ޔާމީނުގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޚަބަރު ގެނެސްދިނުމުގައި ތެދު މައުލޫމާތު ގެނެސްދިނުމަކީ ޤާނޫނީ ގޮތުން ބްރޯޑްކާސްޓަރުންގެ ޒިންމާއެކެވެ. އަދި ޚަބަރެއް ގެނެސްދިނުމުގެ ކުރިން ޚަބަރުގެ ތެދު ދޮގު ބެލުމަށް އޮތުމާއެކު، ދައުލަތުގެ މީޑިޔާއިން ރައީސް ޔާމީނާމެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ރިޕޯޓުކުރުމަކީ ހިތާމަކުރާ ކަމެއް ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ