ލޯބިން ބުނެލަން

(5 ޖުލައި 2020 އާ ގުޅޭ)
"ކާކު މިގަޑީގަ ގުޅީ... ކޮންކަމަކާ މާ އެކްސައިޓްވެފަ...." ކެންޒާގެ އަޑުން ލައިތު ދެނެގަތެވެ. ލުއި ހީނލުމަކާއެކު ކެންޒާ ކަމެއްނުވެޔޭ ބުނެލިއެވެ. އެހެންވިޔަސް ތަފާތު އުފާވެރިކަމެއް އޭނާއަށް ލިބިފައިވެއެވެ.
"ޕެންޑާ!... ކީއްތިކުރަނީ؟..." ކެންޒާގެ ސަމާލުކަން ކުޑަވެގެން ލައިތު ގޮވާލިއެވެ.
"ކަމެއްނުކުރަން." ކެންޒާ ބުންޏެވެ. ޚިޔާލުތައް އެއްފަރާތްކޮށްލަން ކެންޒާ މަސައްކަތް ކުރިއެވެ.
"ނުވާނެ އެހެނެއް. ކާކު ގުޅީ... ކޯލްވެއިޓިން އެރިއޭ..." ލައިތު ބުންޏެވެ.
"ފްރެންޑެއް..." ކެންޒާ ބުނެލިއެވެ.
"މިގަޑީގަތަ؟..." ލައިތުއަށް ބުނެލެވުނެވެ.
"މިގަޑިއާ ދިމާވީ އެ. ލައިތު ގުޅާނަމޭ ބުނެފަ އޮތީމަ އޭ އެހާ އަވަހަށް ފޯނު ބޭއްވީ. ނުވެއެއްނު ގިނައިރެއް." ލައިތުގެ ހިތުގައި ވަހުމެއް އުފެދިދާނޭކަމަށް ވިސްނާ ކެންޒާ ބުންޏެވެ. އެއާއެކު ލައިތު ސުވާލުކުރުން ހުއްޓާލިއެވެ.
ފޯނުގައި ތިބެފައި ކޯލު ނިންމާލަން އިސްނެގީ ލައިތެވެ. މުޅި ރޭ ވެސް އޭނާއަށް ކެންޒާގެ ފޯނުގައި އޮވެވިދާނެއެވެ. އެހެންނަމަވެސް އަމިއްލަ ނަފްސަށްވުރެ ބޮޑަށް ލައިތު ވިސްނީ ކެންޒާއާ މެދުއެވެ. އޭނާގެ ނިދި ނަގާލުމުގެ ގަސްދެއް ލައިތުގެ ނެތެވެ. ކެންޒާއަކީ އަދިވެސް ކިޔަވާ ކުއްޖެކެވެ. މަސައްކަތް ކުރަމުން ކިޔެވުމަކީ ފަސޭހަކަމެއްނޫނެވެ. ވީއިރު އޭނާ ހާސިލުކުރަން އެދޭ ލަނޑުދަނޑިތަކަށް ހުރަސްއަޅާ މީހަކު ކަމުގައި ލައިތުވާކަށް ނޭދެއެވެ. ޚުދު އޭނާ ވެސް ކެންޒާ ކާމިޔާބު މީހެއްގެ ގޮތުގައި ދުށުމަށް އެދެއެވެ.
* * * * *
ދަންވަރު އެކެއް ޖަހަނީއެވެ. ނުނިދިގެން ލައިތު ކޮޓަރިން ނުކުތެވެ. ޓީވީއިން ފުޓުބޯޅައިގެ އަޑު އިވިއިވި ހުއްޓެވެ. ކުރިއަށް އައުމާއެކު ސޯފާގައި ތިބި ޖިނާނާއި ސެހްރާނު އޭނާއަށް ފެނުނެވެ. ދެމީހުން ފޯރީގައި ފީފާ ގޭމުގައި ޖެހިފައެވެ. ތަނަށް އެޅިފައި ހުރީ ހަމައެކަނި ޓީވީގެ އައްޔެވެ. ލައިތު އައިސް އެމީހުން ތިބި ސޯފާގެ ފަހަތުގައި މަޑުކުރިއިރު ވެސް ދެމީހުންނަށް ރެއަކާނުލިއެވެ. މެޗު ނިމި ޖިނާނަށް ލިބުނު ކާމިޔާބާއެކު ސެހްރާނާ ދިމާއަށް އަތުގައި އޮތް ޖޮއިސްޓިކް ދިއްކޮށްލިއެވެ. އެވަގުތު އޭނާގެ ލޮލުގެ ހިމަކޮޅުން ސޯފާގެ ފަހަތުގައި މީހެއްގެ ބޮޑު ހިޔަންޏެއް ހުރީތީ އަޅައިގަތެވެ. ކުއްލިއަށް ސިހުނުވަރުން އޭނާ ސޯފާއިން އަރިއަޅައިލީއެވެ.
"ސެންބޭ..." ހާސްވެފައިވާ ޖިނާނަށް ގޮވާލެވުނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރި ގޮތް ފެނި ސެހްރާނު ވެސް ބަލާލައިފިއެވެ. އޭނާއަށް ފުންމައިގެން ތެދުވެވި ސޯފާއާ ދުރަށް ޖެހެވުނީ ނުހަނު އަވަހަށެވެ.
"ނިދުމެއް ވެސް ނެތްތަ؟" އިވުނީ ލައިތުގެ އަޑެވެ.
"ލައިތު..." ސެހްރާނަށް ބުނެވުނެވެ. އޭރު ރަގުމަތީ އޮތް ޖިނާނަށް ވެސް ހަރަކާތެއްކޮށްލަން ކެރިއްޖެއެވެ. ސެހްރާނު ދިއްކޮށްލި އަތުގައި ހިފަމުން ޖިނާނު ތެދުވިއެވެ. ފާރުގައި ހުރި ސުވިޗު ޖައްސާލީ ލައިތެވެ. އެއާއެކު މުޅިތަނަށް އަލިވެގެން ހިނގައްޖެއެވެ.
"ބިރުގަތީތަ؟" ލައިތު ބުނީ ޖިނާނަށެވެ. އޭނާ އެއްބަސްނުވާ ފަދައަކުން ހީނލީއެވެ.
"މި ގަޑީގަ ޖިމަށް ވަންނަންތަ ތިދަނީ؟" ލައިތު އަޅައިގެން ހުރި ހެދުން ފެނި ސެހްރާނު އަހާލިއެވެ. އާނއެކޭ ބުނާފަދައިން ބޯޖަހާލައި ލައިތު އެލެވޭޓާއާ ދިމާއަށް އައެވެ. ސެހްރާނު ނިކަން އަވަހަށް ކޮފީ މޭޒުމަތީ ޖޮއިސްޓިކު ބާއްވާފައި ޖިނާނު ގާތު މިރެއަށް ނިމުނީކަމުގައި ބުންޏެވެ. އަދި ހުޅުވުނު އެލެވޭޓާ ތެރެއަށް ލައިތުއާއެކު އޭނާ ވަނެވެ.
"ކިހިނެއްވީ؟." ލައިތުގެ ފަހަތުން ސެހްރާނު އައުމުން އަހާލިއެވެ.
"ކިހިނެއްވީ މިރޭ ނިދިނައިސްގެން ތިއުޅެނީ." ސެހްރާނު އެއްސެވެ.
"ހަވީރު މާގިނައިރު ނިދުނީމަ ކަންނޭނގެ" ލައިތު ބުނެލިއެވެ. އެހެންނަމަވެސް އެއީ ހަޤީޤަތެއް ނޫނެވެ. އޭނާއަށް އަދިވެސް ވިސްނެނީ ކެންޒާ ފޯނުން ވާހަކަދެއްކި މީހަކާ މެދުއެވެ. އޭނާ ކުއްޖަކާ ރައްޓެހިވެގެން އުޅެފައި ލައިތު ޚިޔާރުކުރީއެވެ. އެހެންވިޔަސް އެމީހަކު ކެންޒާ ދޫކޮށްލަން ބޭނުންނުވުމަކީ ވެދާނޭ ގޮތެކޭ ލައިތުގެ ހިތަށް އަރަނީއެވެ. ކެންޒާ ވާހަކަދެއްކި ގޮތުން ވަކިން ބޮޑަށް ލައިތަށް ޝައްކުވެއްޖެއެވެ. އެމީހަކީ ކާކުކަން ބުނަން ކެންޒާ ބޭނުންނުވާކަން ލައިތު ދެނެގަތީއެވެ. އެއީ ކާކުކަން ނުބުނީ ލައިތު މިހާރު އެ ވިސްނާ ގޮތަށް ވިސްނަފާނެކަމަށް ބަލާފައޭ އޭނާ ހިތަށް އެރިއެވެ. އެހެންވިޔަސް އެކަމާމެދު ނުވިސްނައެއް ލައިތަށް ނުހުރެވުނެވެ.
"ލައިތު... އޮފީހުން އައިސް ނިދުމަކީ ޢާއްމުކަމެއް. ރޭގަނޑުގެ ނިންޖަށް ބަދަލެއް ނާދޭ." ކަންކަން އެނގޭ މީހަކު ފަދައިން ސެހްރާނު ބުންޏެވެ. ލައިތު އަނގައިން ނުބުނެ ހުންނަން ފެށުމުން އޭނާގެ ކުރިމަތީ ސެހްރާނު ހުއްޓުނެވެ. ލައިތުގެ ދެ ލޮލަށް އޭނާ ބަލަންފެށިއެވެ.
"ލީވް މީ އެލޯން ސެހެރް." ލައިތު ބުންޏެވެ.
"ވާހަކައެއް ދައްކަން އެބައޮތް؟" އެލެވޭޓާ ހުޅުވުނު ވަގުތު ސެހްރާނު ބުންޏެވެ. ލައިތު ސުވާލެއް ނުކޮށް ނުކުތީއެވެ. އޭނާ އައިސް ޖިމްގެ ތެރެއަށް ވަނެވެ. ދުވާ މެޝިނާ ދިމާއަށް ލައިތު އައުމުން ސެހްރާނު ހުރަސްއެޅިއެވެ. އެއާއެކު ކައިރީގައި ހުރި ވެއިޓް ލިފްޓިންގް ބެންޗުގައި ލައިތު އިށީނެވެ.
"ވަޓް؟..." ލައިތު އެއްސެވެ.
"ޔާދުއާ ފައިޓް ކުރުން ހުއްޓާލާކަށް ނުވޭތަ؟" ސެހްރާނު ބުންޏެވެ.
"އަހަރެން އޭނާއާ ފައިޓެއް ނުކުރަން." ލައިތު ވަގުތުން ބުނެލިއެވެ.
"ލައިތު، އަހަންނަށް ފެނުނޭ ލައިތު ކުރި ކަންތައް..." ސެހްރާނު ބުނި އެއްޗަކުން ލައިތު ބަލާލީ ތަފާތު ނަޒަރަކުންނެވެ.
"އަހަރެން ޖަހަންޖެހުނީ އޭނާ ދެއްކި ވާހަކައިން. އަދިވެސް ހުރިހާކަމެއް ހިތުގައި އަޅައިގެން އުޅޭ މީހަކީ އޭނާ. އަހަރެން ހުރެދާނަން އޭނާ ނުފެންނަ ކަމަށް ހަދައިގެން. މިހާރު ވެސް މިއުޅެނީ އެހެންނު. އެކަމަކު އޭނާއަށް ހުރެވޭނެތަ އަހަރެންގެ ކަންކަމާ ނުބެހި." ލައިތު ނުރުހުންވީ ކަހަލައެވެ.
"ލައިތު ތިކުރާ ކަންތަކުން ޔާދު ހައްތަހާ ނަފުރަތުކުރާނީ." ސެހްރާނު ބުންޏެވެ.
"އަހަރެން ކަމެއް އެބަކުރަންތަ، މިބުނީނު އެ ދުވަހު ޖެހީ ޖަހަންވެގެންނޭ. އަދިވެސް ޖަހާނަން އޭނާ އެކަހަލަ ބުނެފިއްޔާ. ހީ އިޒް ފުލް އޮފް ޝިޓް" ލައިތުގެ މޫނުން ފޫހިކަން ފާޅުވިއެވެ. ކެންޒާގެ ނަން ނުކިޔާ ލައިތު ކުރި ކަންތައް ބުނެދޭން ސެހްރާނު މަސައްކަތްކުރިއެވެ. އެކަމަކު އޭނާ ދައްކާ ވާހަކަ ލައިތު އެނގެން ބޭނުންނުވަނީއޭ ހީވަތީ ސެހްރާނަށް ކެންޒާގެ ނަންގަތުން މުހިންމުވިއެވެ.
"އަހަރެން މިދައްކަނީ ދެމީހުން ތަޅައިގަތް ވާހަކައެއްނޫން. ޔާދުއަށް ކެން ކަމުދާކަން ބުނިން ދޯ. ދެން ކީއްވެ ކެން ގޮވައިގެން ލައިތު ކޮޓަރިއަށް ވަނީ." ސެހްރާނު ސީދާ ކަމުގެ އަސްލަށް ވާސިލުވިއެވެ. ލައިތުގެ ދެބުމަ ކައިރިވެލިއެވެ. އޭނާއަށް ސެހްރާނަށް ބަލަން އިނދެވުނީއެވެ.
"އަހަންނަށް ފެނިގެން މިބުނީ." ލައިތު ބަލަން އިންނާތީ ސެހްރާނު ޔަގީންކޮށްދިނެވެ.
"ދެމެދަށް ވަންނަން އުޅޭ އިތުރު މީހަކީ ޔާދުއޭ ސެހެރްގެ ހިތަށް ނާރާތަ؟" ލައިތު ބުންޏެވެ.
"ވަޓް؟..." ކުއްލި ހައިރާންކަމެއް ސެހްރާނުގެ މޫނަށް ވެރިވިއެވެ.
"އިވުނުކަން އެނގޭ. ދެން ކީއްކުރަން ތަކުރާރުކޮށް ބުނުވަން ތިއުޅެނީ." ލައިތު ބުންޏެވެ.
"ޤަބޫލުކުރަން އުނދަގޫވީ" ސެހްރާނަށް ލިބިފައިވާ ހައިރާންކަމުގެ ތެރެއިން ބުނެލިއެވެ.
"ލައިތުއަށް އަންހެންކުއްޖެއްގެ ވާހަކަ އަހަރެން ގާތު ދެއްކުނު ހަނދާން އެބަހުރި. ޔޫ ވާ ރިގްރެޓިން... އެކަމަކު އެ ރިލޭޝަން އެންޑް ކުރުމުގެ ވިސްނުމެއް ނެތޭ ވެސް ބުނި... އެ އަންހެންކުއްޖަކީ ކެންޒާތަ؟" ސެހްރާނު ކަމެއް ހަނދާންކޮށްލިއެވެ.
"ނޯ..." ވަގުތުން ލައިތު ބުނެލިއެވެ.
"ކޮންއިރަކު، ކިހިނެއްވީ ކަމެއްމީ... އައި މީން. ޔޫ އެންޑް ކެން." ސެހްރާނު ޝައުގުވެރިވި ކަހަލައެވެ.
"އެހެންވީ އެ ފައިޓަކީ ވެސް ކެންއާ ގުޅުން ހުރި ފައިޓެއް ދޯ... މިހާރު ވިސްނިއްޖެ. އަނެއްކާ ކޮޓަރިއަށް ވެއްދި ފުރަތަމަ ފަހަރުތަ އަހަންނަށް އެ ފެނުނީ. ނޫން ދޯ. ޑިޑް ޔޫ... ވިތް ހާ..." ދުރުދުރުން ނޫން ގޮތަކަށް ސެހްރާނު އެންމެފަހުން އަހަން އުޅުނު އެއްޗެއް ލައިތުއަށް ވަގުތުން ނަގައިގަނެވުނެވެ.
"އެއީ ސެހެރްއަށް އެނގެންޖެހޭ ކަމެއްނޫން. ދެން ނާހާތި." ވަގުތުން ލައިތު ބުންޏެވެ.
"ވޯ... ބްރޯ... ސީރިއަސްކޮށްތަ؟... ކެން ދެކެ ލޯބިވެވުނީތަ؟. ޔާދުއަށް އެނގޭތަ؟" ސެހްރާނު އިނީ އަޖައިބުވެފައެވެ. ލައިތު ފުށުން ފެންނާނޭ ކަމަށް ހީކުރެވިފައިނުވާ ސިފައެއް ފެނުމުން ޤަބޫލުކުރަން ވެސް ދަތިވެފައެވެ.
"އޭނައަށް ނޭނގިގެންތަ އެ އުޅެނީ. ކޮންމެވެސް ގޮތަކުން އޭނާއަށް އަހަރެންނާއި ކެންގެ ގުޅުން އެނގިއްޖެ. މިގުޅުން އިހަށް ސިއްރުކުރަން އަހަރެން ބޭނުންވަނީ ކެންއަށް ޓަކައި، އޭނާގެ މަސައްކަތަށް ހުރަސް އެޅިދާނެތީ. އަހަންނާ ހެދި އޭނާގެ ވަޒީފާ ގެއްލޭކަށް ނޭދެން. އެންމެންގެ ޚިޔާލު މިކަމަށް ހުންނާނޭ ގޮތެއް ނޭނގެ. އަނެއްކޮޅުން ޔާދިން ގަސްދުކުރަނީ ކެންޒާގެ ބޮލަށް އެރެން. ވަސްވާހުގައި ޖައްސާ ކެންޒާ އަހަންނާމެދު ޝައްކު ކުރުވުން." ލައިތު ބުންޏެވެ.
ލައިތުގެ މޫނުގައިވި ސީރިއަސްކަން ސެހްރާނަށް ފާހަގަވިއެވެ. ކެންޒާދެކެ ލޯބިވާކަމަށް ލައިތު އިއުތިރާފުނުވި ނަމަވެސް އެ ދެމެދުގައި އޮތް ގުޅުމަށް އޭނާ ދެކޮޅެއް ނުހަދައެވެ. އިތުރަށް ލައިތުގެ ވާހަކަ އިވުމުން އޭނާ ކެންޒާ ދެކެ ލޯބިވާކަން ދުލުން ހާމަކުރުމުގެ ބޭނުމެއް ނެތްކަމުގައި ސެހްރާނަށް ވިސްނުނެވެ. ލައިތު ނުބުންޏަސް އޭނާއަށް ކެންޒާ ކަމުދާވަރު އަންދާޒާކުރަން ސެހްރާނަށް އެނގުނީއެވެ. ކެންޒާ މުހިންމުވެފައިވަނީ ކިހާ ދަރަޖައަކަށްކަން ދެނެގަތުން ސެހްރާނަށް އުނދަގޫ ކަމަކަށްނުވިއެވެ. އެފަދަ ގާތް އިޙްސާސަކާއެކު ލައިތުގެ ދުލުން ސެހްރާނުގެ ކަންފަތަށް އިވުނު ފުރަތަމަ އަންހެންކުއްޖާގެ ނަން ކަމުގައި ކެންޒާ ވިއެވެ.
"ދެން މިތަނުން ދާންވީނު ދޯ." ފާޑަކަށް ސެހްރާނު ހެވިފައި ބަލަން އިންނަން ފެށުމުން ލައިތު ބުނެލިއެވެ.
"ވައި؟... މިރޭ ނުނިދިގެން ތިއުޅެނީ ކެންއާ ފައިޓެއް ހިންގާލީތަ؟" އެއްވަރަކަށް ހެވިފައި އިނދެ ދެބުމަ މައްޗަށް ވާހެން ތަޅުވާލަމުން ސެހްރާނު ވާހަކަދެއްކިއެވެ.
"ސެހެރް ނުދަންޏާ އަހަރެން ހިނގައިދާނަން." ލައިތު ތެދުވެ ހިނގައިގަތެވެ. އޭނާގެ ފަހަތުން ހަލުވިކޮށް ސެހްރާނު އައެވެ.
"ބްރޯ ވެއިޓް..." ސެހްރާނު އައިސް ލައިތުގެ ކޮނޑުގައި ހިފަހައްޓެހިއެވެ. ލައިތުގެ ފިޔަވަޅު މަޑުޖެހުނެވެ. އޭނާގެ ކުރިމައްޗަށް ސެހްރާނު އެރިއެވެ.
"އައި އޭމް އަ ގުޑް ލިސިނާ... ޓެލް މީ މޯ..." ލާނެތް ހިނިތުންވުމެއް ސެހްރާނުގެ ތުންފަތުގައި ވިއެވެ. ލައިތު ބަލާކަށް ނުހުރެ ސެހްރާނުގެ ކޮނޑުގައި އަޅާ އެއްފަރާށް ކޮށްޕާލިއެވެ. އަރި އަޅާލައިގެން ވެއްޓެން ދިޔަ ސެހްރާނުގެ ފަރާތުން އިވުނީ ބާރު ހުނުމުގެ އަޑެވެ.
* * * * *
ޢާންމުކޮށް ހެނދުނު ނުކުންނަ ގަޑިއަށް ކެންޒާ ގެއިން ނުކުތެވެ. ދޮރޯށި ދޮށުގައި އޭނާއަށް މަޑުކޮށްލެވުނީ މަގުގެ އަނެއްފަރާތުގައި އޮތް ކާރު ފެނިފައެވެ. ނަސީމު އަންނަ ކާރާ ތަފާތުވީމައެވެ. ހެނދުނު ބައްދަލުކުރަން ބުނި ރަޙުމަތްތެރިޔާގެ ޚަބަރެއް ވެސް ނުވިއޭ ކެންޒާގެ ހިތަށް އެރިއެވެ. އަތުގައި އޮތް ހެޑްސެޓު ކަންފަތަށް ޖަހާލުމާއެކު ފޯނު ހުޅުވާލީ ނަސީމަށް ގުޅާށެވެ. އެވަގުތު ކާރުގެ ދޮރުފަތް ހުޅުވިއްޖެއެވެ. ކާރުން ފޭބިތަން ފެނުނީ ޔާދިންއެވެ.
"ޔާދިން..." ކެންޒާއަށް ބުނެވުނީ ހާސްވެފައެވެ. މޭމަތިން ކަޅުކުލައިގެ ހުރަސް ރޮނގެއް ދަމާފައިވާ އަޅި ޓީޝާޓާއި ޖޮގިން ޕޭންޓްގައި ޔާދިން ފެންނަނީ ވަރަށް އާދައިގެ ޒުވާނެއްގެ ގޮތުގައެވެ. ޢާއްމުކޮށް ފެންނައިރު އޮމާންކުރެވިފައި ހުންނަ އިސްތަށިގަނޑުގައި ވެސް ތަރުތީބު ގެއްލިފައި ވެއެވެ. ލޮލުގައި ނަންބަރު އައިނެއްނެތެވެ. އޭގެ ބަދަލުގައި ޓީޝާޓުގެ ކަރުގައި އަވިއައިނެއް އަޅުވާލަފައި ވިއެވެ.
"ގުޑް މޯނިންގ" ފުޅާ ހިނިތުންވުމަކާއެކު ޔާދިން ބުނެލިއެވެ. އޭނާގެ ޠަބީޢަތް ބަދަލުވެ އެހެން މީހެއްހެން ކެންޒާއަށް ހީކުރެވުނެވެ.
"ނޭނގުނުނެއްނު... އަހަރެން ބުނީމެންނު ނޭނގޭނޭ. އޯކޭ ފައިން... ހޭ އަގްލީ... އިންތިޒާރުކުރަން ޖެއްސުނީތީ ސޮރީ އިނގޭ... ޔޯ ފްރޮގް ޕްރިންސް އިޒް ފައިނަލީ ބެކް. އައި ކޭމް ފޯ ޔޫ." ޔާދިން އައިސް ކެންޒާގެ ދެއަތްތިލައިގަ ހިފާލިއެވެ. ޔާދިންގެ ދެއަތްތިލަ ފިނިކަން ކެންޒާއަށް އިޙްސާސް ކުރެވުނެވެ.
ކެންޒާއަށް ވިސްނާލެވުނެވެ. އިހުނަށްވުރެ ބޮޑަށް ޔާދިންގެ ބޮލުން ފެށިގެން ހަށިގަނޑަށް ބަލާލެވުނެވެ. ލައިތުއާއި ޖިނާނު ފަދައިން ޔާދިންގެ ހަށިގަނޑުގައި މަސްޖަހާފައި ނެތެވެ. އެމީހުން ފަދައިން ކަސްރަތުކުރުމުގައި ގިނަ ވަގުތު ހޭދަކުރާ ޒުވާނެއްހެން ޔާދިންގެ ހިމަދިގު ހަށިގަނޑުން ފާޅެއްނުވެއެވެ.
"ހީ ވޯޒް އެން އެތްލީޓް. ހީ ޕްލޭސް ބާސްކެޓް ބޯލް... ސްލިމް، ޓޯލް އެންޑް ސްޓްރެއިޓް ބޮޑީ. ނޮޓް ޓޫ މަޗް، ބަޓް ސްޓިލް ލުކިން ހެންޑްސަމް އެންޑް އެޓްރެކްޓިވް." ޔާދިންއަށް ބަލަން ހުރި ކެންޒާއަށް އަމިއްލަ ނަފްސަށް ބުނެލެވުނެވެ. މިނޫނީ އެ ހަށިގަނޑަށް ކެންޒާ ބަލާލަން ވެސް ހިތަށް ނާރައެވެ. ޔާދިންގެ ލޮލުން ފާޅުވާ ގަދަ ޗޮކުލެޓުކުލައިން ލައިތުގެ ކަޅިރަވަ ކެންޒާއަށް ސިފަވިއެވެ.
"ސޭ ސަމްތިން..." ކެންޒާގެ އަތުގައި ހިފައިގެން ހުރެ ތަޅުވާލަމުން ޔާދިން ބުންޏެވެ.
"ބުނާނީ ކީކޭކަމެއް ނޭނގިފަ މިހުރީ. ޔާދިން... އޭރު ފެނުނު ސިފައާ މިހާރު ތިހުރިގޮތާ... ހީވަނީ ޓޯޓަލީ ޑިފަރެންޓް މީހެއްހެން. ކިހިނެއް ޔާދިންއަށް އަހަރެން އެނގުނީ." ކެންޒާ ހަޤީޤަތުގައި ވެސް ބަސްހުއްޓޭގޮތް ވީއެވެ. އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް ޔާދިން ބަލަން ހުރި ގޮތް ކެންޒާއަށް ކަމަކުނުދިޔައެވެ. ފަހަކަށް އައިސް ކެންޒާއާ ވާހަކަދައްކަން އުޅެންފެށުމުން އެގޮތް ވެސް ކެންޒާއަށް ކަމުނުދިޔައެވެ. އޭނާއަށް ޔާދިންއަށްވުރެ ލައިތު މުހިންމުވީމައެވެ. އެ ގޭތެރެއިން ލައިތު ނޫން ޒުވާނަކަށް ކެންޒާގެ ސަމާލުކަން ދެވިފައި ނެތީމައެވެ. އޭނާގެ ހިތް ލެނބިފައިވާ ފަރާތަކީ ހަމައެކަނި ލައިތެވެ.
"އަހަރެން ބުނަން މަސައްކަތްކުރިން. ފުރަތަމަ ޝައްކުވި... ކެންޒާގެ ނަން އިވިގެން. އަހަރެން އަބަދުވެސް ހަނދާންހުރޭ މިގޭ ދޮށުން ބައްދަލުކުރާ ހަނދާން. ކެންޒާ މިގޭގަކަން އުޅެނީ އެނގުނީމަ ދެން އިތުރަށް ޔަގީންކުރާނޭ ކަމެއް ނޯންނާނެއެއްނު." ޔާދިންގެ ތުންފަތުން ފާޅުވާ ހިނިތުންވުން ކެންޒާއަށް ކަމުދިޔައެވެ. ހިތްހެޔޮ އޯގާތެރި އެކުވެރިޔާކަން އެއީ ޤަބޫލުކުރަން ފަސޭހަވިއެވެ.
"އަހަރެން ބަލާތަ ތިއައީ. ކޮބާ ނަސީމް." ކެންޒާއަށް އަހާލެވުނެވެ.
"ނަސީމު ކައިރީ އަހަރެން ބުނީ.... ކަމް، ހޮޕް އިން..." ޔާދިން ކާރާ ހަމައަށް އައި ކެންޒާގެ އަތުގައި ހިފާލައިގެންނެވެ. އެ މޫނުން ކެންޒާއާ ބައްދަލުވީތީ ލިބިފައިވާ އުފާވެރިކަން ފަނޑުނުވެއެވެ. ފުޅާ ހިނިތުންވުމާއި އެ ދެ ލޯ ބައިވެރިވާތަން ފެނެވެ.
"ޔޫ ގުޑް..." ކެންޒާ ސީޓުގައި ހަމަޖެހިލުމުން ޔާދިން އަހާލިއެވެ. ހިނިތުންވެލައިގެން އިން ކެންޒާ ބޯޖަހާލިއެވެ.
"ކޮންއިރަކު އައިނު އަޅަންފެށީ؟. ކުރިން ނާޅަމެންނު..." ކެންޒާ ބުނެލިއެވެ.
"އޭރު ލޯ ރަނގަޅު. ފަހުން ލޯ ސަކަރާތްވީ... ފޮތްކިޔާކިޔާ..." ޔާދިން ލުއި ގޮތަކަށް ހީނލިއެވެ.
"ޔޫ ލުކް ކިއުޓް..." ކާރުގައި ދަތުރުފެށުމާއެކު ވަގުތުކޮޅަކަށް ވެރިވި ހިމޭންކަން ނައްތާލަމުން ޔާދިން ބުންޏެވެ.
"ވައި ޔޫ ކީޕް ސެއިން ދެޓް." ކެންޒާ ރަކިވާގޮތްވިއެވެ. ހަމައެއާއެކު ލައިތު އިރުއިރުކޮޅުން އެހެން ބުނާކަން ހަނދާންވިއެވެ.
"ކޯޒް އައި ލައިކް ޔޫ... އިޓްސް ލައިކް، އައި ހޭވް ވެއިޓެޑް މައި ހޯލް ލައިފް ފޯ ދިސް މޫމެންޓް..." މާނަވީ ބެލުމަކުން ޔާދިން ބަލާލިއެވެ. ޔާދިން އެ ފާޅުކުރި ޝުޢޫރަށް ދޭނޭ ޖަވާބެއް ކެންޒާއަކަށް ނޭނގުނެވެ. އޭނާގެ ހިތުގައިވަނީ ލައިތެވެ. އެކަމަކު މިވަގުތު އޭނާއާ ގާތުގައި އެއިނީ އެމީހަކަށް އޭނާ އިންތިޒާރުކުރި މީހެކެވެ. ޒުވާން އުމުރުގައި ބައްދަލުވާން ނުހަނު އެދެވުނު ފަރާތެކެވެ.
މަހަލް ގޭ ކައިރީ އޮތް ޕްރައިވެޓް ޕާކިން ސަރަޚައްދުގައި ކާރު މަޑުކުރިއެވެ. ޔާދިންގެ މޫނުން ފާޅުވި އުފާވެރިކަމެއް މިހާރަކު ނެތެވެ. އޭނާ ކޮންމެވެސް ކަމަކާ މާޔޫސްވެ ފިކުރު ބޮޑުވެފައި އިން ކަހަލައެވެ.
"ހީ ވިލް ބީ ދެއާ... ވެއިޓިން ފޯ ޔޫ..." ގަޔާނުވެފައި އިންހެން ޔާދިން ބުނެލީ ކެންޒާއަށް ބަލާލުމެއް ވެސް ނެތިއެވެ.
"ހީ އިޒް ނޮޓް ދެޓް ބޭޑް." ކެންޒާ މަޑުމަޑުން ބުނެލިއެވެ.
"ޔޫ ޑޯންޓް ނޯ ހިމް ލައިކް އައި ޑޫ." ޔާދިން ބުންޏެވެ.
"އައި ހޭވް ޓު ގޯ..." އިރުކޮޅަކު އިނދެފައި ކެންޒާ ބުންޏެވެ. އަދި ކާރުގެ ދޮރު ހުޅުވާލައި ފައިބައިފިއެވެ. ކާރުން ފައިބައި ކެންޒާގެ ފަހަތުން ޔާދިން އައެވެ.
"ކެން... ދެން ކޮންއިރަކުން ބައްދަލުވާނީ. ކޮލެޖަށް ޑްރޮޕްކޮށްދޭން އަންނަން ވީތަ؟. ނޫނީ ބަލާ ދާންވީތަ؟." ޔާދިން ނިކަން އަވަސްއަވަހަށް ވާހަކަދެއްކިއެވެ.
* * * * *
ހެނދުނު ބަދިގެ ތެރެއަށް ލައިތު އައިސް ވަންއިރު ސެހްރާނު އިނީ ކޮފީތަށި ހިފައިގެން އައިލެންޑް ދޮށުގައެވެ. ކުދިކިޔާލެވުމާއެކު ލައިތު އައިސް ސެހްރާނުގެ ގާތުގައި ހުއްޓުނެވެ.
"ޗިލް ބްރޯ... ކޮފީ ބޭނުންތަ؟...ހަދައިދެންތަ؟" ސެހްރާނު ހީނލަމުން ކޮފީ ޖޯޑު ދައްކާލިއެވެ.
"މިތާ ކީއްތިކުރަނީ؟..." ލައިތުގެ ދެބުމަ ކައިރިވެލިއެވެ. ކެންޒާ އަންނަ ގަޑިއަށް ސެހްރާނު އައިސް އެއިނީ ގަސްދުގައިކަން ލައިތަށް އެނގެއެވެ.
"ކޮފީ ބޮނީނު." އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާ ސެހްރާނު ބުނެލިއެވެ. ލައިތަށް ދަތްކުނޑިވިކާލެވުނެވެ.
"ރަނގަޅަށް ކޮފީ ބޯން ނުދެނީސް މިތަނުން ދޭ." ލައިތު ބުނެލިއެވެ.
"ތިހެންތަ އޭނާއަށް ވެސް އިންޒާރު ދެނީ..." ސެހްރާނު ހިނިއައިސްފައި އިންނާތީ ވެސް ލައިތަށް އުނދަގޫވިއެވެ.
"ވިލް ޔޫ ސްޓޮޕް ސްމައިލިން.. އިޓް ޑިސްގަސްޓްސް މީ" ލައިތު ރުންކަމާއެކު ބުނެލިއެވެ.
"ހެ ހެ ހެ... ސޮރީ ބްރޯ... އައި ކާންޓް ހެލްޕް އިޓް." ސެހްރާނު ހާމަކުރީ ތެދެވެ. އޭނާއަށް ކެންޒާ ދެކެ ލޯބިވާކަން އެނގުނު ވަގުތުން ފެށިގެން ހިނިތުންވެވެނީ ގަސްދަކާ ނުލައެވެ. ލައިތު ކުއްޖަކުދެކެ ލޯބިވާއިރު އެ އަންހެންކުއްޖާ ކެންޒާއަށް ވުމަކީ ހަޤީޤަތަކަށްވުރެ ހުވަފެނެކޭ ހީވާވަރުގެ ކަމެކެވެ. އެހެންވިޔަސް އެ ދެމެދުގައިވާ ލޯބި ސެހްރާނަށް ބަލައިގަނެވުނެވެ. ކެންޒާއާ މެދު ލައިތު ސީރިއަސްވެފައިވާ ވަރު އެނގޭތީއެވެ.
"ވަޓް ދި..." ދޮރުމަތިން ކެންޒާއާއެކު ޔާދިން ފެނި އެ ދެމީހުންގެ މޫނުގައިވި ހިނިތުންވުން ލައިތުގެ ޠަބީޢަތް ގޯސްކުރުވައިފިއެވެ. ޔާދިންއަށް ކެންޒާ ހިނިތުންވުމަކީ ލައިތުއަށް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ. ސެހްރާނަށް ވެސް ވީ އެވަރެވެ. އެމޫނުގައިވި ހިނިތުންވުން ފަނޑުވިއެވެ. ހިތާހިތުން ޔާދިންގެ ޢަމަލުތައް ސެހްރާނަށް ކުށްވެރިކުރެވުނެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ