ޝާލްކާގެ ކޯޗުގެ މަގާމުން ވާގްނާ ވަކިކޮށްފި

ޖަރުމަން ލީގުގައި ވާދަކުރަމުން އަންނަ ޝާލްކާގެ ކޯޗުގެ މަގާމުން ޑޭވިޑް ވާގްނާ ވަކިކޮށްފިއެވެ.
މިދިޔަ އަހަރުގެ މެއި މަހު ޝާލްކާއާ ހަވާލުވި ވާގްނާ މަގާމުން ވަކިކޮށްފައިވަނީ މި ސީޒަނުގެ ޖަރުމަން ލީގުގައި ޝާލްކާއިން ކުޅުނު ދެ މެޗުންވެސް ބަލިވުމުންނެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުގައި ބަޔާން މިއުނިލް އަތުން 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޝާލްކާ ބަލިވިއިރު، ހޮނިހިރު ދުވަހު ދެވަނަ މެޗުގައި ޝާލްކާ ވަނީ ވާޑާ ބްރެމަން އަތުން 3-1 ން ބަލިވެފައެވެ. މީގެ އިތުރުން ލީގުގައި އެންމެ ފަހުން ކުޅުނު 18 މެޗުންވެސް ޝާލްކާއަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ޝާލްކާގެ ސްޕޯޓިންގ ޑިރެކްޓަރު ޔޯހަން ޝްނައިޑާ ބުނީ ވާގްނާއާއެކު ޝާލްކާއިން ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް އުންމީދުކުރި ކަމަށާއި، އެކަމަކު އޭނާ މަގާމުން ވަކިކުރަން ނިންމީ ޓީމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނާތީ ކަމަށެވެ.
މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ޝާލްކާއާއެކު ޔުއެފާ ކަޕް ކާމިޔާބުކޮށްފައިވާ ވާގްނާ މަގާމުން ވަކިކުރުމާއެކު، އޭނާގެ ދެ އެސިސްޓަންޓުން ކަމަށްވާ ކްރިސްޓޯފް ބޫލާ އާއި ފްރޭންކް ފްރޯލިންވެސް ވަނީ މަގާމުން ވަކިވެފައެވެ.
މި ސީޒަނުގެ ޖަރުމަން ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ޝާލްކާ ބަލިވިއިރު، ލީގުގައި ދެން ޝާލްކާއިން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. އެރޭ ރަށުން ބޭރުގައި ޝާލްކާ ނުކުންނާނީ އާރުބީ ލެއިޕްޒީގާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ