ނަމާދާ ގުޅޭ ޓްވީޓެއް ނުކުރަން، މައްސަލަ ހުށަހަޅާނަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަައުރުވަމުންދާ ފޮޓޯގައިވާ ޓްވީޓަކީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ނަމާދުގެ ރަކުއަތާ ގުޅޭ ގޮތުން ރައީސް ނަޝީދު ކަމަށް ކުރައްވާފައިވާ ޓްވީޓެއް ކަމަށް ބުނާ ޓްވީޓެއްގެ ފޮޓޯ އެވެ. އޭގައި ލިޔެފައިވަނީ "ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދު ކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ" މިހެނެވެ.
އެ ޓްވީޓުގެ ފޮޓޯއަކާއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯގައިވާ ޓްވީޓަކީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށް ޓްވީޓުގައިވެ އެވެ.
ދީނަށް ކުޑައިމީސްކޮށް ދޭހަވާ ފަދަ ގޮތަކަށް ރައީސް ނަޝީދު ލިއުއްވާފައިވާ ކަމަށް ބުނާ ފޭކް ޓްވީޓުގެ ސުކްރީން ޝޮޓުގެ ފޮޓޯ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ދައުރުކޮށް އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.
ދީނަށް ފުރައްސާރަ ކުރުމާއި ރައީސް ނަޝީދާ ގުޅުވައި މީގެ ކުރިން ވެސް ސިޔާސީ އެކި ބޭފުޅުން އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެ ތުހުމަތުތައް ރައީސް ނަޝީދު އަބަދުވެސް ދޮގު ކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ