ޔާމީން އަލަށް އުފައްދާ ޕާޓީ އަށް ވަގަށް މީހުން ވައްދާކަމުގެ ޝަކުވާ ބޮޑު: އިލެކްޝަންސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގަށް މީހުން ވައްދާ ކަމުގެ ޝަކުވާ ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕާޓީ އުފެއްދުމަށް އިއްޔެ ޕީއެންސީގެ ފަރާތުން 4،000 ފޯމު ހުށަހެޅުމާއެކު ވަރަށް ގިނަ ޝަކުވާތައް ލިބެން ފަށައިފި ކަމަށެވެ.
"ޕީއެންސީގެ ފޯމުތައް ހުށަހެޅުމާއެކު ވަރަށް ބައިވަރު ފޯންކޯލާއި ވަރަށް ބައިވަރު ޝަކުވާތައް ތަފާތު ގޮތްގޮތަށް، ލިޔުމުން ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅެމުން އެބަދޭ. ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެބޭފުޅުންގެ ހުއްދައެއް، އެއްވެސް ކަހަލަ ކޮންސެންޓެއް ނެތި އެބޭފުޅުންގެ ނަމުގައި ފޯމުތަކެއް ފުރައިގެން ލާފައިވާ ކަމަށް ތިމަންނަގެ ނަން އޭގެ ތެރޭގައި އޮތްތޯ ނެތްތޯ ޗެކްކޮށްލަން އަޅުގަނޑުމެންނަށް ހުށަހެޅެމުން އެބަދޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް އެއީ ސައްހަ ފޯމުތައްކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް އިއްޔެ ފޯމުތައް ހުށަހަޅައިފަ އެ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕާޓީގައި ދަރަނި އޮއްވާ އެހެން ޕާޓީއަކަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އެކަންތައް މައްސަލައަކަށް ވަނީ ޕީޕީއެމްގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ނެތުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ