މައިކްރޯސޮފްޓްގެ ބާނީ، މަހުޖަނު ބިލް ގޭޓްސް ބާރގާއެއް ގަންނަން ކިޔޫގައި ޖެހިގެން

މައިކްރޯސޮފްޓްގެ އެއް ބާނީ އަދި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ އެއް ނަމޫނާ ކަމުގައި ބެލެވޭ ބިލް ގޭޓްސް ބާރގާއެއް ގަތުމަށްޓަކައި ވޮޝިންޓަންގެ ފާސްޓްފޫޑު ވިއްކާ ފިހާރައެއްގެ ބޭރުގައި ކިޔޫގައި ޖެހިގެން ހުރި މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވަމުން އެބަދެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރޭގައި ހިމެނޭ ބިލް ގޭޓްސް މިވަނީ، ކިތަންމެ މުއްސަންޖަސް ބާރގާއެއް ގަންނަން ކިޔޫގައި ޖެހެން ޖެހުމަކީ މައްސަލައެއް ނޫންކަން ސާބިތުކޮށްދީފައެވެ. މުއްސަންޖަސް އޭނާއަށް ވަކި ޚާއްސަކަމެއް ލިބިގެން ނުވާކަންވެސް ސާބިތުކޮށްދީފައެވެ.
ބިލް ގޭޓްސް ބާރގާއެއް ގަންނަން ވެގެން ކިޔޫގައި ޖެހިގެން ހުއްޓާ މި ފޮޓޯ ނަގައި ފޭސްބުކްގައި ޝާއިއު ކޮށްފައިވަނީ މައިކްރޯސޮފްޓްގައި ކުރިން ވަޒީފާއަދާކުރި މީހެއް ކަމަށްވާ މައިކް ގެލޯސް ނަމަކަށްކިޔާ މީހެކެވެ. އޭނާ މިފޮޓޯ ޝާއިއު ކޮށްފައިވަނީ މި ޖެނުއަރީމަހުގެ 15 ވަނަ ދުވަހުއެވެ.
ފޮޓޯއިން ފެންނަގޮތުގައި ބިލް ގޭޓްސް ހުންނަނީ މެރޫން ކުލައިގެ އަތްދިގު ޓީޝާޓަކާއި، ކަޅު ޖީންސެއް ލައިގެންނެވެ. އޭނާ ހުއްޓިގެން ހުންނަނީ ވޮޝިންޓަންގެ ސިއެޓްލްގައި ހިންގާ ޑްރައިވް-އިން ނަމަކަށްކިޔާ ފާސްޓްފޫޑް ޗެއިންގެ ފިހާރައެއްގެ ބޭރުގައެވެ.
މައިކް ގެލޯސް މިފޮޓޯ ފޭސްބުކްގައި ޝާއިއު ކުރިފަހުން އިއްޔެއާ ހަމައަށް 22،800 މީހުން ފޮޓޯއަށް ލައިކްކޮށް، 18،200 މީހުން ޝެއަރ ކޮށްފައި ވެއެވެ. އަދި އެތައްހާސް ބަޔަކު ކޮމެންޓްވެސް ކޮށްފައި ވެއެވެ.
"136 ބިލިއަން އެމެރިކާ ޑޮލަރުގެ ވެރިޔާ، ދުނިޔޭގެ އެންމެބޮޑު ޗެރިޓީގެ ވެރިޔާ، އަހަރެމެން އެންމެންނެކޭ އެއްފަދައިން ބާރގާއަކާއި ފްރައިސް ކޮޅަކާއި، ކޯކެއް ގަނެލަން ކިޔޫގައި ޖެހިގެން" ފޮޓޯ ޝާއިއުކުރި ގެލޯސް ފޮޓޯއާއެކު ލިޔެފައި ވެއެވެ.
މި ފޮޓޯގެ ކެޕްޝަންގައި މައިކް ގެލޯސްވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް ބަހުގެ ހަމަލާއެއް ދީފައެވެ. "ވައިޓްހައުސްގައި ހުރި ރަންތަށީގައި ފާޚާނާކުރެވޭ މީހާއާ ޚިލާފަށް މުއްސަނދިން އުޅެންވާގޮތަކީ މިއީ" ގެލޯސް ލިޔެފައި ވެއެވެ.
ގެލޯސް ޝާއިއުކުރި ފޮޓޯގެ ކޮމެންޓްސް ބައިގައި ބައެއްމީހުންވަނީ މިފޮޓޯ ނެގިކަން ބިލް ގޭޓްސްއަށް އެނގޭތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ގެލޯސް ބުނެފައިވަނީ، އެކަން ޔަގީންނުވާ ކަމަށާއި، ނަމަވެސް ބިލްއަކީ އެކަހަލަ ކަންކަމަށް މާބޮޑު ސަމާލުކަންދޭ މީހެއް ނޫން ކަމަށެވެ. އޭނާއަކީ މަޝްހޫރު މީހެއްކަން އޭނާ ދަންނަކަމަށްވެސް ގެލޯސް ބުނެފައި ވެއެވެ.
މައިކް ގެލޯސް ރައީސް ޓްރަމްޕް ކުށްވެރިކޮށްފައިވާ މައްސަލާގައި ބިލް ގޭޓްސް އެމެރިކާގެ ރައީސްކަންކުރަން ޝައުވެރިވެގެން އުޅެނީކަމަށް ދޭހަވާގޮތަށް މީހަކު ކުރި ކޮމެންޓަށް ޖަވާބު ދެމުން ގެލޯސް ބުނެފައިވަނީ، އެމެރިކާގެ ރައީސްކަން ކުރުމަކީ މައިކްރޯސޮފްޓް ކުންފުނި ހިންގުމަށްވުރެ ދަށު މަގާމެއް ކަމަށް ބިލް ގޭޓްސް ދެކޭކަމަށް ގަބޫލުކުރާ ކަމަށެވެ.
މިފޮޓޯއަށް ކޮމެންޓްކުރި ގިނަމީހުންވަނީ ބިލް ގޭޓްސްއަށް ތައުރީފްކޮށް ޝުއޫރު ފާޅުކޮށްފައެވެ. އިންސާނިއްޔަތަށް އޭނާ ކޮށްދޭ ޚިދުމަތްތައް އެތައްބަޔަކު ފާހަގަ ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ