ސަރުކާރުން އެސްޓީއޯއަށް ދައްކަން ޖެހޭ 2.4 ބިލިއަން ރުފިޔާ އެބަހުރި: އަމްރު

ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެސްޓީއޯ އަށް ދޭން ޖެހޭ 2.4 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ ސަރުކާރުގެ އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެސްޓީއޯ އިން ގަތުމަށް ފަހު ދޭން ޖެހޭ ގިނަ ފައިސާ ނުލިބި އެބަހުރި ކަމަށެވެ. އެގޮތުން ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެސްޓީއޯ އަށް ދޭން ޖެހޭ ފައިސާ 2.4 ބިލިއަނަށް އަރާ ކަމަށް އަމްރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ހަމަ އެކަނި ފެނަކަ ކޯޕަރެޝަނުން 685 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ. "ވާގޮތަކީ އެސްޓީއޯ އިން ފެނަކަ އަށް ތެޔޮ ދެނީ އެހެންނޫނިއްޔާ ރަށްރަށުގައި ކަރަންޓެއް ނުހުންނާނެ. ދެން މިފްކޯއަށް އެބަޖެހޭ ތެޔޮދޭން. މިފްކޯ އަކުން ފައިސާއެއް ނުލިބޭ. އެކަމަކު މިފްކޯ ހިންގަން ޖެހޭ ކަމަށްވަންޏާ ތެޔޮ ބޭނުން އެބަވޭ. އެހެންނޫނީ މަސްވެރިން ބާނާ މަހެއް ނުގަނެވޭނެ." އަމްރު ވިދާޅުވި އެވެ. ފައިސާ ހޯދަން ޖެހޭ ގިނަ މައްސަލަތަކެއް މިހާރު ވެސް ކޯޓަށް ވައްދާފައިވާ ކަމަށާއި އަދި ވެސް ވައްދަން ޖެހޭ ގިނަ މައްސަލަތަކެއް ހުރި ކަމަށް އަމްރު ވިދާޅުވި އެވެ. އެސްޓީއޯ އިން މިހާރު ތެޔޮ ގަންނަނީވެސް ބޮޑު އިންޓަރެސްޓުގައި ލޯނު ނަގައިގެން ކަމަށް އަމްރު ވިދާޅުވި އެވެ. އެއީ ވޭތުވެ ދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި އެސްޓީއޯ އިން ކުރި ވިޔަފާރީގެ ފައިދާ އެހެން ދިމަދިމާލުގައި ހަރުލާފައި ހުރުމުން ކަމަށް ވިދާޅުވި އެވެ. "އެ ފައިސާ ނެތް ލިބޭނެ ގޮތެއްވެސް. 2.4 ބިލިއަން ރުފިޔާ ނަގާފައި ކޮންތާކުންތޯ ދެނީ. އެއީ އެންމެ ބޮޑު މައްސަލައަކީ. އެކަމާ ހެދި އެސްޓޯއަށް ލިބޭ ފައިދާއެއް ނުފެންނާނެ." އަމްރު ވިދާޅުވި އެވެ. އެސްޓީއޯގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- އަމްރު ވިދާޅުވީ އެސްޓީއޯ އިން ކުރާ ގިނަ ވިޔަފާރިތަކަކީ ގެއްލުމުގައި ކުރާ ވިޔަފާރިތަކެއް ކަމަށެވެ. އަދި ފައިދާއެއްވާ ނަމަ ވަނީ ތެލުގެ ވިޔަފާރިން ކަމަށް ވެސް އަމްރު ވިދާޅުވި އެވެ. ނަމަވެސް ތެލުގެ ވިޔަފާރި ކުރުމުގައި ވެސް ވޭތުވެ ދިޔަ އަހަރުތަކުގައި ކަންކޮށްފައި ވަނީ ރަނގަޅަށް ނޫންކަން އަމްރު ފާހަގަ ކުރެ އެވެ. އެގޮތުން އެސްޓީއޯ އިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ތެޔޮ ވިއްކާ އަގަށް ވުރެ ކުޑަކޮށް އެ ކުންފުނިން އެއްހެން ފަރާތްތަކަށް ތެޔޮ ވިއްކާފައި ހުރި ކަމަށް އަމްރު ވިދާޅުވި އެވެ. "އެއްވެސް ގޮތަކަށް ހަމައެއް އުސޫލެއް ނެތި މިދޭތެރޭން ގޮސްފައި އޮތީ. ދެން އޭގެ ސަބަބުން އެބަހުރި ވަރަށް ބޮޑެތި ގެއްލުންތައް ވެފައި. އަނބުރާ ނުލިބޭނެ އަދަދުތައް އެބަހުރި ކަނޑައެޅިގެން ބޮޑެތި އަދަދުތައް." އެސްޓީއޯގެ އެމްޑީ އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވީ 40 މިލިއަނުން 60 މިލިއަން ރުފިޔާ އިން އެސްޓީއޯ އަށް ލިބެން ޖެހޭ ފައިސާ ހުރި ކަމަށާއި ނަމަވެސް ދެން އެ ފައިސާ ނުލިބޭނެ ކަމަށެވެ. އެއީ ތެޔޮ ދޫކޮށްފައި ހުރީ ތެލުގެ ވިޔަފާރި އެއްގޮތަކަށް ވެސް ކުރާ މީހުންނަށް ނޫން ކަމަށާއި ނަމަވެސް ވަގުތީ ގޮތުން ކްރިޑިޓަށް ތެޔޮ ދޫކޮށްފައި ހުރީ އެއްވެސް ސެކިރިޓީއެއް ނުބަހައްޓާ ކަމަށް އަމްރު ވިދާޅުވި އެވެ. އެހުރިހާ ކަމަކަށް ބަލައި ތެޔޮ ވިއްކުމުގެ އުސޫލުތަކަށް ބަދަލެއް ގެނެސްފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. އެގޮތުން ވަގުތުން ފައިސާ ދައްކާފައި ތެޔޮ ނަގާ މީހުންނަށް ހާއްސަ ރޭޓެއް ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި ކްރެޑިޓަށް ނަގާ މީޙުންނަށް ވެސް ރޭޓެއް ކަނޑައަޅައި ވަކި ވަރަކަށް ވުރެ ގިނައިން ތެޔޮ ގަންނަ ފަރާތްތަކަށް ވެސް ރޭޓެއް ކަނޑައަޅާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ