ފަށަން އޮތީ 32 މިލިޔަން ފޫޓު އަޑިން: ޔާމީން

ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ވިޔަސް، ފަށަން ޖެހޭނީ 32 މިލިޔަން ފޫޓު އަޑިން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ އެ ޕާޓީން މާލޭގައި ރިޔާސީ ކެމްޕޭން ހަރަކާތް ރަސްމީކޮށް ފެށުމަށް މިރޭ ދަރުބާރުގޭގައި އެ ޕާޓީގެ އާންމު މެމްބަރުންނަށް ބޭއްވި ބައްދަލުވުމެއްގައި ކުރުކުރުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ވެރިކަމާ ހަވާލުވާއިރު ދައުލަތުގެ ދަރަނި 32 މިލިއަނުގައި އޮތް ނަމަވެސް ދެ އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ސުމަކަށް ހަދާ ދަރަނި އަރަންޏަށް ބަދަލު ކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން މިރޭ ވެސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުގޮސް ޕީޕީއެމް ބަލިވެއްޖެ ނަމަ އެމްޑީޕީއާ އިދިކޮޅު އެހެން ފަރާތްތަކާއެކު ޕީޕީއެމް ބައިވެރިވާނެ ކަމަށެވެ.
"ކިތަންމެ ހަނި ގޮތަކަށް އަޅުގަނޑުމެން ދެވަނަ ބުރަކަށް ނުގޮސް ކަޓައިފިނަމަ ވެސް އެމްޑީޕީއާ އިދިކޮޅަށް ތިބޭ ބަޔަކާ ކޯލިޝަން ހަދާނަން،" މިރޭ ވެސް ޔާމީން ތަކުރާރު ކުރެއްވި އެވެ.
އެޕާޓީގެ ރިޔާސީ ކެމްޕޭން މާލޭގައި ފެށުމަށް ވަމުންދާ ތައްޔާރީތަކާއި އެކަން ރާވާފައިވާ ގޮތާ ބެހޭ ގޮތުން ވެސް ޔާމީން މިރޭ ޕާޓީގެ މެންބަރުންނަށް މައުލޫމާތު ދެއްވި އެވެ. މީގެ އިތުރުން އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އުމަރު ނަސީރު "ކޮމާންޑް ސެންޓަރު" ގެ ގޮތުގައި ބޭނުން ކުރި ޖަގަހަ ޕީޕީއެމްގެ ރިޔާސީ ކެމްޕޭނަށް ހުޅުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ