މަރުގެ ތުންފަތް މަތީގައިވާ މީހަކު ދޮގު ހެދުމަކީ މުސްތަހީލު ކަމެއް: ދައުލަތުގެ ވަކީލް

މަރުގެ ތުންފަތް މަތީގައިވާ މީހަކު ދޮގު ހެދުމަކީ މުސްތަހީލު ކަމެއް (ނުވާނެ ކަމެއް) ކަމަށާއި އަހުސަން ބަޝީރަށް ހަމަލާ ދިނީ ޝަހުމާއި ޝިމާޒް ކަމަށް އަހުސަން ބުނި ބުނުމަށް ބުރަދަން ދޭންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުން ބުނެފި އެވެ. ދައުލަތުން މިހެން ބުނެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ސ.ހިތަދޫ، ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލާގައި ގ.ކޯޒީ، އިބްރާހިމް ޝަހުމް އާދަމާއި މއ.ވީނަސްތަރި ހުސައިން ޝިމާޒްގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގެ ޝަރީއަތުގަ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަހުސަނަށް ހަމަލާ ދިނީ ޝަހުމާއި ޝިމާޒް ކަމަށް އަހުސަން ހޮސްޕިޓަލުގައި އޮވެގެން ބުނި ކަމަށް މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ. ވަކީލް ވިދާޅުވީ އަހުސަން އެހެން ބުނިއިރު އޮތީ މަރުގެ ތުންފަތްމަތީގައި މަރާ ހަނގުރާމަކުރަން ކަމަށާއި އެފަދަ ހާލަތެއްގައި އޮންނަ މީހަކު ދޮގު ހެދުމަކީ މުސްތަހީލު ކަމެއް ކަމަށް އިސްލާމީ ޝަރީއަތުގައި ބެލެވޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އޮންނަ މީހަކު ބުނާ ބަހަށް ބުރަދަން ދޭން ޖެހޭނެ ކަމަށް އިލްމުވެރިން ވެސް ވިދާޅުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ކޮމަން ލޯގައި ވެސް އެގޮތަށް ބެލެވޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެހެންކަމުން އެ ހަތަރު ހެކިންގެ ބަހަށް ބުރަދަން ދޭންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް އިތުރަށް ވިދާޅުވީ އަހުސަނަށް ހަމަލާދިނީ ޝަހުމް ކަމަށް އެއް ހެއްކަކު ޝަރީއަތަށް ބަޔާންދީފައިވާ ކަމަށެވެ. އަދި ޝަހުމް ގޮވައިގެން ސައިކަލުގައި އައީ ޝިމާޒް ކަމަށް ވެސް އެ ހެކިވެރިޔާ ބަޔާންދީފައިވާކަން ފާހަގަކުރެއްވި އެވެ. އަދި އޭނާއަށް ޝަހުމާއި ޝިމާޒް އެނގޭ ކަމަށް ބުނެ އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހުންނަކީ އެއީ ކަމަށް ވެސް އެ ހެކިވެރިޔާ ބަޔާން ދީފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ޝަހުމްގެ ވަކީލް ޝަހީމް އަހުމަދު ވިދާޅުވީ ހެކިންގެ ހެކިބަހާ ގުޅޭގޮތުން ދިފާއުގައި ދައްކާނެ ވާހަކަތައް ހުލާސާ ބަޔާނުގައި ހިމަނުއްވާނެ ކަމަށެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ހުލާސާ ބަޔާން ހުށަހެޅުމަށް ދެ ފަރާތަށްވެސް އަންގަވައިފަ އެވެ. އަހުސަން މަރާލި މައްސަލާގެ އިތުރުން މ.ބިއުޓީފްލާވާ، މުހައްމަދު ހުސައިން މަރާލި މައްސަލާގައި ޝަހުމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެއެވެ. އަހުސަން މަރާލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ފަތިހު 20: 3 އެހާކަންހާއިރު މަޖީދީމަގާއި އަލިކިލޭގެފާނު ގުޅުނު ސަރަހައްދުގައި ހަމަލާ ދީގެންނެވެ. އޭނާ މަރުވެފައި ވަނީ ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ