ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ގައުމީ މަޝްރޫއެއް ފަށައިފި

އަންހެނުންނަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުމާއި ވަޒީފާގެ ބާޒާރުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް ގައުމީ މަޝްރޫއެއް މިއަދު ފަށައިފި އެވެ. ޔޫއެންޑީޕީގެ އެހީގައި ޔޫތު އަދި ހިއުމަން ރިސޯސް މިނިސްޓްރީން ފެށި ހަތަރު އަހަރު ދުވަހުގެ މި މަޝްރޫއުގައި ވަޒީފާގެ ބާޒާރުގެ ކަންކަން ވަކި އޮނިގަނޑަކަށް ފައްތައި އެކަންކަން، ކަމާ ބެހޭ އިދާރާތަކުން ކުރިއަށް ގެންދާނެ އެވެ. ވަޒީފާއާ ބެހޭ މި އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށާފަ އެވެ. އޮނިގަނޑާ ބެހޭ ގޮތުން ކަމާ ގުޅޭ އެކި އިދާރާތަކުން މަޝްވަރާކޮށް، އޮނިގަނޑު ފައިނަލް ކުރުމަށް މިއަދު ވަނީ ސޯޝަލް ސެންޓަރުގައި މަސައްކަތު ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިއުމަން ރިސޯސް މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ މީހުން ތަމްސީލުކުރާ ޖަމިއްޔާތަކާއި އަދި ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ވަޒީފާގެ ބާޒާރުގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދައްކައި، އެކަންކަން އިސްލާހުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން، ވަޒީފާ ހޯދުމުގެ ހުރި ދަތިތައް ހައްލުވެ، ފަސޭހަކަމާ އެކު، ވަޒީފާ ލިބުމުގެ ފުރުސަތު ޒުވާނުންނަށް ތަނަވަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައެއް ދާއިރާތަކުގައި އަންހެނުންނަށް ވަޒީފާ ހޯދަން ދަތިތައް ކުރިމަތިވާ ކަމަށާއި އެހެންކަމުން، މި މަޝްރޫއުގެ މަސައްކަތް ފެށުމުން ކަމާ ގުޅޭ އިދާރާތަކުން އެ ދަތިތައް ހައްލުކޮށް، އަންހެނުންނަށް ވެސް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި މާލެ އާއި ރަށްރަށުގައި ވަޒީފާ އަދާކުރުމުގައި ހުރި ފަރަގު ކުޑަކޮށް، އެ ތަފާތުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ވަޒީފާގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ދަފުތަރުގައި ވަޒީފާ ބޭނުންވާ މީހާގެ ސީވީ ފަދަ މައުލޫމާތުތައް ހިމެނުމުން، ޝަރުތު ހަމަވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ