ފޯނުކޯލުތައް ލީކުކޮށްލާފައިވާ މައްސަލައިގައި، ދައުލަތުގެ އެކި ފަރާތްތައް ގޮވައިގެން ޝަރީއަތަށް ދާނަން: ޔާމީން

10:00މުއާސަލާތު ކުރުމުގެ ހައްގަކީ، ދައުލަތަށް ވެސް އަރައިގަނެވޭނެ ހައްގެއްނޫން ކަމަށާއި، ފޯނުކޯލުތައް ލީކުކޮށްލާފައިވާ މައްސަލައިގައި، ދައުލަތުގެ އެކި ފަރާތްތައް ގޮވައިގެން ޝަރީއަތަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށް، ސިފައިންގެ ހައްޔަރުގައި ބެހެއްޓުމަށްފަހު މިހާރު ދޫކޮށްލައްވާފައިވާ، އިދިކޮޅު ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.އަބްދުﷲ ޔާމީން ހުކުރު ދުވަހު ސިފައިން ހައްޔަރުން ދޫކޮށްލުމާ ގުޅިގެން، އެކަން ފާހަގަކުރުމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އޭނާ ދޫކޮށްލާފައި ވަނީ، ސަރުކާރާއި ގައުމީ ދިފާއީ ބާރުގެ، ހެޔޮކަމުން ނޫން ކަމަށެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ސަފީރުންނަށް ދައްކާލުމުގެ ބޭނުމުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.ޔާމީން އަދި ވިދާޅުވީ، ގައުމުގެ ސަލާމަތީ ބާރުތައް ކަމަށްވާ، ސިފައިންނާއި ފުލުން މިހާރު ވެސް އަމަލު ކުރަމުން ގެންދަނީ، ކުރީގެ ނޫ ގާނޫނު އަސާސީއާ އެއްގޮތަށް، ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު އަމުރުކުރާހާ ގޮތަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް އަމަލު ކުރައްވަމުން ގެންދަވަނީ، މީގެ ސާޅީހަކަށް އަހަރު ކުރީގައި އަމަލު ކުރަމުން ގެންދިޔަ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. ރައްޔިތުންނަށް ލިބިފައި މިވަނީ ކިހާވަރެއްގެ މިނިވަންކަމެއްތޯ ވިސްނާލަންޖެހޭކަން ފާހަގަ ކުރައްވައި، ޔާމީން ވިދާޅުވީ، ލުޓޭރުންނަށް އަޅުގަނޑުމެންގެ ސިޓީތައް ރޭޕް ކުރުމަށް ލިބޭ މިނިވަންކަން ފިޔަވައި އެހެން މިނިވަންކަމެއް ލިބިފައި ނެތް ކަމަށާއި، ހުދު ރައީސް ނަޝީދަށް ވެސް މިނިވަންކަން ލިބިވަޑައިގެންފައި ނެތް ކަމަށެވެ. އެގޮތުން ސައުވީސް ގަޑިއިރު އެމަނިކުފާނު ވިސްނަވަމުން ގެންދަވަނީ، ސިޔާސީ ފަރާތްތަކާ މުއާމަލާތް ކުރައްވާނެ ގޮތަކާ މެދު ކަމަށާއި، ބިރު ދައްކައިގެން އެ ފަރާތްތަކުގެ ސިޔާސީ ފިކުރު އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ލެންބުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް ނަޝީދަށް ހަމަނޭވައެއް ލެއްވޭނީ، ހަމަ ނުޖެހުމާއި ތަޅާފޮޅުން އޮންނަ މާހައުލެއްގައި ކަމުން އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވެސް އެފަދަ މާހައުލެއް ބިނާކުރެއްވުމަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.ޔާމީން އަދި ވިދާޅުވީ، ސިފައިންގެ އެންމެމަތީ ވެރިޔާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރައްވާފައިވާ ކުށަށް ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފްވެވަޑައިގެންފައިވާ ކަމަށެވެ. އަދި ސަރުކާރުގައި ލެޖިސްލޭޓިވް ވަރުގަދަ އެޖެންޑާއެއް އޮންނަންޖެހޭ ކަމަށް އެންމެން އެއްބަސްވާނެ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ކޮށްދެންޖެހޭ އެންމެ މުހިއްމު ކަންތައްތަކުގެ ތެރޭގައި ގާނޫނީ ވެށި ފުރިހަމަކުރުން ހިމެނޭއިރު، އިންތިހާބުތަކަށް ނުފޫޒު ފޯރުވޭ ފަދަ ގާނޫނުތައް ފިޔަވައި އެހެން ގާނޫނުތަކެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިނުވާ ކަމަށް ވިދާޅުވެ، ހަދަންޖެހޭ މުހިއްމު ގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް އެޓާނީ ޖެނެރަލް ހުސްނު ސުއޫދަށް ޔާމީން ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ