ހުއްދަ ނުދެނީސް ހުޅުވުމުން ފެންޓަސީ ބޭކަރީ ބަންދުކުރުމަށް ފުލުހުންނަށް ހުށަހަޅާނަން: ސިޓީ ކައުންސިލް

މުއްދަތު ހަމަވެފައި ހުރި ކާބޯތަކެތި ބޭނުންކޮށްގެން އެއްޗެހި އުފެއްދުމުގެ މައްސަލައިގައި ބަންދުކުރި ބޭކާސް ފެންޓަސީ އަލުން ހުޅުވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ނުދެނީސް އެތަން ހުޅުވުމުން ތަން ބަންދުކުރުމަށް ފުލުހުންނަށް ހުށަހަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ. ކައުންސިލް މެމްބަރު ހަސަން އަފީފް ވިދާޅުވީ އާއްމުންނަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކާބޯތަކެތި ވިއްކައިގެން ބަންދުކުރި ފެންޓަސީ ބޭކަރީ އަލުން ހުޅުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ދިން ނަމަވެސް އެއީ ގަވައިދާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި އެތަނާ މެދު ފިޔަވަޅު އަޅައި، ތަން އަލުން ބަންދު ކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. އަފީފް ވިދާޅުވީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނަށް ހުއްދަ ދިނުމަކީ މިހާރު ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށާއި، ފެންޓަސީ އަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެ މައްސަލަ ކޯޓުގައި އޮއްވައި، ފެންޓަސީ ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ އެފްޑީއޭ އަށް ނުދެވޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބޭކަރީ ހުޅުވައި، ވިޔަފާރިކުރޭތޯ ބެލުމަށް ސިޓީ ކައުންސިލްގެ އިންސްޕެކްޓަރުން މިދިޔަ ހޯމަ ދުވަހު ދިޔުމުން އެތަނުގެ މުވައްޒަފުން އެމީހުންނަށް ހުރަސްއަޅައި، އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ފެންޓަސީ ބޭކަރީގެ އޮފިޝަލަކު ވިދާޅުވީ އެ ތަނުގެ ވިޔަފާރި ކުރިއަށް ގެންދިޔުމަށް އެފްޑީއޭއަށް ހުށަހެޅުމުން އެތަނުން ބޭކަރީ އިންސްޕެކްޓްކޮށް، ތަން ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެފްޑީއޭގެ އެ ހުއްދައާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ސިޓީ އަކުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވީ، ބޭކަރީ އަލުން ހުޅުވުމުގެ ހުއްދަ އަށް އެދި ވަރަށް ގިނަ ފަރާތްތަކަށް ހުށަހެޅި ކަމަށާއި، ނަމަވެސް އެފްޑީއޭއިން ހުއްދަ ދިނުމުން، ސިޓީ ކައުންސިލުން އެތަން އަލުން އިންސްޕެކްޓު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. "އެފްޑީއޭއިން ހުއްދަ ދިން ފަހުން ސިޓީ ކައުންސިލްގެ ބަޔަކު މިތަނަށް އައި. އެކަމަކު އަޅުގަނޑުމެން އެމީހުންނަށް ދެންނެވިން ހުއްދަ ދީފައޭ ވަނީ އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ އެފްޑީއޭއަށް ދިޔުމަށް. އަޅުގަނޑުމެންނަށް ހުއްދަ ނުދޭ ބަޔަކަށް މިތަނަށް ނުވެއްދޭނެއެއް ނޫންތޯ؟،" އޮފިޝަލް ވިދާޅުވި އެވެ. ސިޓީ ކައުންސިލުން ފެންޓަސީ ބޭކަރީ ބަންދުކުރީ މުއްދަތު ހަމަވެފައިވާ އެއްޗެހީގައި ކާބޯތަކެތި ހަދައި، އެކަން އެނގި ތިބެ ގަސްދުގައި ވިއްކާ ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ