ބޮޑެތި ހަދިޔާތަކާއެކު ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި

ދިރާގުން ކޮންމެ އަހަރެއްގެ ރޯދަ މަހު ވެސް ބޮޑެތި ހަދިޔާތަކާ އެކު ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަން މިއަހަރުވެސް ފަށައިފި އެވެ. "ދިރާގު ބޮޑު ހަދިޔާ" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެ ކުންފުނީގެ އާ އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަހަރުގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގައި ވެސް ގިނަ ހަދިޔާތަކެއް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހުށަހަޅާފައިވާނެ ކަމަށެވެ. "އަޅުގަޑުމެން ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނަށް ހަދިޔާތަކެއް ދިނުން. މިފަހަރުވެސް އެކަން މިވަނީ ހިމަނާފައި. މިއަހަރުގެ ރޯދަ މަހުގެ މި ޕްރޮމޯޝަންތަކުގައި މާ އުނދަގުލަކާ ނުލައި އިނާމުތައް ހޯދޭނެ،" މިިރުޝާން ވިދާޅުވި އެވެ ރޯދަ ހަދިޔާ ޕްރޮމޯޝަންގައި 100ރ. ގެ ކޯލް ކޮށްގެން ލިބޭ ހާއްސަ އިނާމެއް ހިމަނާފައިވެ އެވެ. ޕޯސްޓް ޕެއިޑާއި ޕްރިޕެއިޑުން 100ރ. ގެ ލޯކަލް ކޯލް ކުރުމުން ބައިވެރިވެވެ އެވެ. އަދި ފިކްޑްސް ލައިންތަކުން ބައިވެރިވެވެނީ 50ރ. ގެ ކޯލް ކުރުމުންނެވެ. މި ޕްރޮމޯޝަނަށް އިނާމު ހުށަހަޅާފައި ވަނީ ލެކިއުޓް ލައިފްސްޓައިލް އިލެކްޓްރޯނިކްސް އާއި ދިރާގު ގުޅިގެންނެވެ. މި އިނާމުތަކުގެ ޖުމްލަ އަގު އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ. އިނާމުތަކުގެ ތެރޭގައި ހިމެނެނީ އައިސް އަލަމާރި އާއި ގޭސް އުނދުނާއި ޑިޝްވޮޝާގެ އިތުރުން މައިކްރޯވޭވް އަވަނާއި ފުޑް ޕްރޮސެސާގެ އިތުރުން ފުލް އެޗްޑީ އަދި ތްރީޑީ ޓީވީ އަކާއި ބްލޫރޭ ހޯލް ތިއޭޓާ ސިސްޓަމެވެ. ނުވަ ނަސީބުވެރިއެއް ހޮވައި އެންމެ ފެންވަރު ރަނގަޅު ޕެނަސޮނިކް ފުޑް މިކްސަރެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރުގެ ރޯދަ ހަދިޔާ ޕްރޮމޯޝަންގެ ބައެއްގެ ގޮތުން ދަންވަރު 00: 1 އާއި ހެނދުނު 00: 8 އާ ދެމެދުގެ ވަގުތުތަކުގައި ކުރާ ކޮންމެ ލޯކަލް ކޯލަކަށް ޗާޖުކުރާނީ 46ލ. އެވެ. އަދި މި ރޯދަ މަހު ވެސް ސައުދީ އަރަބިއްޔާއަށް ގުޅުމަށް ހާއްސަ އަގެއް ކަނޑައަޅާފައިވެ އެވެ. އެއީ މިނެޓަކަށް 1.99ރ އެވެ. ދިރާގުން ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން މިއަހަރު ވެސް މޮބައިލް ކޮންޓެންޓް މޭނިޔާ (އެމްސީއެމް) މުބާރާތް ފަށާފަ އެވެ. މި މުބާރާތުގައި ފޮޓޯ އާއި އޯޑިއޯ އަދި ވީޑިއޯ ތައްޔާރުކޮށްގެން ހާއްސަ އިނާމުތަކެއް ލިބެ އެވެ. ވީޑިއޯތައް ތައްޔާރުކުރާނެ ތީމް ވެސް މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. އެއީ "ރަމަޒާން އިން މޯލްޑިވްސް" އެވެ. މި މުބާރާތުގެ އިނާމުތަކުގެ ގޮތުގައި އަގު ބޮޑު ކެމެރާތަކެއް ހިމަނާފައިވެ އެވެ. ދިރާގުން ބުނީ އެމްސީއެމް މުބާރާތާއި ރޯދަ ހަދިޔާގެ މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ