ކުޅުދުއްފުށީ ޓީމަށް އެކޮމަޑޭޝަން ހަމަނުޖެހި ގިނަ އިރުތަކެއް ވަންދެން ތިބެން ޖެހުނު

މިއަދު ފެށުމަށް ހަމަޖެހިފައިވާ 15 ވަނަ ދިރާގު އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އިއްޔެ މާލެ އައި ހދ. ކުޅުދުށްފުށީ ޖަލާލުއްދީން ސްކޫލުގެ ޓީމަށް އެކޮމަޑޭޝަން ހަމަނުޖެހި ގިނަ އިރުތަކެއް ވަންދެއް އެކުވެނީގައި ތިބެން ޖެހުނު ކަމަށް ޓީމުން ބުނެފި އެވެ. ގާތްގަނޑަކަށް 12 ގަޑިއިރުގެ ދަތުރަކަށް ފަހު 24 ކުޅުންތެރިންނާއި ހަތަރު އޮފިޝަލުންގެ ޓީމު އިއްޔެ ފަތިހު މާލެ އައިސް ފުރަތަމަ ވެސް ދިޔައީ އެތުލެޓިކްސް އެސޯސިއޭޝަނުން އެ ޓީމަށް އެކޮމަޑޭޝަން ހަމަޖެއްސި ގަލޮޅު ދަނޑުގައި ހުންނަ ޔޫތު އެކޮމަޑޭޝަން ބްލޮކަށަށެވެ. ނަމަވެސް އެ ތަން ފުރިފައި އޮތުމުން ޓީމު ގެންދިޔައީ އެކުވެންޏަށެވެ. "އަޅުގަނޑުމެން ގަލޮޅު ދަނޑުގައި ހުންނަ ތަނަށް ފުރަތަމަ ވެސް ދިޔައީ. ދެން އެތަނުން ބުނީ ކާކު ބުނެގެންހޭ މިތަނަށް އައީ. ދެން އަޅުގަނޑުމެން ބުނިން އަބަދުވެސް އަންނަނީ މިތަނަށޭ. އެ ހިސާބުން އެސޯސިއޭޝަނުން އަޅުގަނޑުމެން ގެންދިޔައީ އެކުވެންޏަށް،" ޓީމުގެ ކޯޗު މުހައްމަދު ހަސަން ބުންޏެވެ. އޭނާ ބުނީ އެސޯސިއޭޝަނަށް މެންދުރު ދިއުމުން ބުނީ ހަވީރު އެކޮމަޑޭޝަން ހަމަޖެހޭނެ ކަމަށާއި ހަވީރު ދިއުމުން ބުނީ ރޭގަނޑު ނިދަންވާއިރަށް ހަމަޖެހޭނެ ކަމަށެވެ. އަދި އިރުއޮއްސެން ގާތްވެފައިވަނިކޮށް ބުނީ ކޮޓަރި ހިފަން ލާރި ދޭނެ ކަމަށެވެ. "ގާތްގަނޑަކަށް 45: 5 ހާއިރު ދިއުމުން ބުނީ ކޮޓަރި ހިފާށެ. އެއް ހާސް ރުފިޔާ ދޭނަމޭ. އެވަރުން އަޅުގަނޑުމެން އެއްމެންނަށް ކޮޓަރި ނުލިބޭނެތީ އަޅުގަނޑުމެން ފުރައިގެން ރަށަށް ދާން އުޅުނީ،" ހަސަން ބުންޏެވެ. "އެ ހިސާބަށް ކަންތައް ދިމުން އެކޮމަޑޭޝަން ބްލޮކުން އެކޮމަޑޭޝަން ހަމަޖެހުނީ ރޭ." އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެ މައްސަލަ ދިމާވީ އެކޮމަޑޭޝަން ބްލޮކް ހުސްނުވުމުން ކަމަށާއި މުބާރާތް ކުރިން ބާއްވަން އޮތް ތާރީހަށް ވުރެ ލަސްވެފައި އޮތުމުން ނުކުތް މައްސަލައެއް ކަމަށެވެ. "އަސްލު މި މުބާރާތް މި ބާއްވަނީ ކުރިން ކަނޑައެޅި ތާރީހަކަށް ނޫން. އެހެންވެ އެކޮމަޑޭޝަން ބްލޮކް ލިބުމުގައި މައްސަލައެއް ދިމާވީ. ކޮންމެ ގޮތެއް ވިޔަސް އެ ތަން ދޫކުރާނީ ކުރިން ޝެޑިއުލްކޮށްފައި އޮތް މުބާރާތްތަކަށް. މިވަގުތު ވޮލީބޯޅަ މުބާރާތެއް ކުރިއަށްދޭ. އަޅުގަނޑުމެންނަށް ކުރިން އެތަންކޮޅު ވިސްނާނުލެވުނީ،" ތޮލާލް ވިދާޅުވި އެވެ. "އެތަން ހުސްނުވެގެން ލަސްވީ." އޭނާ ވިދާޅުވީ އެސޯސިއޭޝަނުން އެކޮމަޑޭޝަން ދެނީ 10 ކުދިންނަށް ކަމަށާއި 1،000ރ. ދޭން ބުނީ އެކޮމަޑޭޝަން ބްލޮކް ހަމަޖެހެންދެއް 10 ކުދިންނަށް އެވަރުން އެކޮމަޑޭޓްކުރެވޭ ވަރަށް ކޮޓަރި ލިބޭނެތީ ކަމަށެވެ. އޭނާ ވިދާޅުވީ އެކުވެނީގައި ހުންނަ ކްރިކެޓް ޕެވީލިއަން އާއި ކްރިކެޓް އެސޯސިއޭޝަނުގައި ހުރި ތަނެއްގައި ޓީމު ބޭތިއްބީ ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް ހަމަޖެހެންދެއް ކަމަށާއި ވޮލީބޯޅަ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު ރޭ އެތަން ހުސްކުރެވި ކުޅުދުއްފުށީ ޓީމު އެތަނަށް ބަދަލުކުރި ކަމަށެވެ. ކުޅުދުއްފުށީ ޓީމުގެ ކޯޗު ބުނީ އެސޯސިއޭޝަނުން 10 ކުދިންނަށް އެކޮމަޑޭޝަން ދިން ނަމަވެސް އަބަދުވެސް އިތުރު ކުދިން ގެންނަ ކަމަށާއި އެއީ ޔޫތު އެކޮމަޑޭޝަން ބްލޮލުގައި ހުންނަ ކޮޓަރިތަކުން ގިނަ ކުދިންނަށް ފުއްދާލެވޭތީ ކަމަށެވެ. މިއަދުން ފެށިގެން ޖުލައި 7ގެ ނިޔަލަށް ޓްރެކް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި އަތޮޅުތަކުން ހަތް ސްކޫލެއް ވާދަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ