އިހްޔާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނާ ރައީސް ބައްދަލު ކުރައްވައިފި

ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިހްޔާކޮށް ދިރުވުމަށްޓަކައި ސަރުކާރުން ހިންގަވާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ރޭ ބައްދަލުކުރައްވައިފި އެވެ.
ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުގެ ދަށުން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާއަށްފަހު އޮތް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ މިސުރުންނާއި ލީބިޔާއިންނާއި ސައޫދީ އަރަބިއްޔާއިން ފޮނުއްވި ގާރީންނާއި ހާފިޒުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިހްޔާ ކުރެއްވުމަށްޓަކައި މި ހިންގަވާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް އެ ބޭފުޅުން ވަޑައިގެންދެއްވީތީ އެ ބޭފުޅުންނަށް ރައީސް މަރުހަބާ ވިދާޅުވި އެވެ.
އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް އިހްޔާކޮށް ދިރުވުމަށް ދިވެހި ސަރުކާރުން މި ހިންގަވާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިމަކީ އެ ބޭފުޅުންނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ. އަދި އެ ބޭފުޅުންނަށް، ދިވެހި ސަރުކާރުން ދެއްވަމުން ގެންދަވާ ފުރިހަމަ މެހްމާންދާރީއަށްޓަކައި ވެސް ރައީސަށް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ