ހަންކެޑެ އާއި ފުވައްމުލަކުގައި އަޅާ ސިޓީ ހޮޓަލުގެ އެއްބަސްވުން އުވާލައިފި

އައްޑު އަތޮޅު ހަންކެޑަ އާއި ފުވައްމުލަކުގައި ސިޓީ ހޮޓާ އެޅުމަށް ދެ ފަރާތަކާ އެކު ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ސިޓީ ހޮޓަލުގެ އެގްރިމެންޓް ބާތިލްކުރީ އިމާރާތްކުރަން ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ ގޮތެއްގައި އެ ދެފަރާތުން ވެސް މަސައްކަތް ކޮށްފައި ނުވާތީ ކަމަށެވެ. ހަންކެޑެ ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. ފުވައްމުލަކު ހޮޓާ އެޅުމަށް ހުއްދަ ދީފައިވަނީ ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އާ އެވެ.
ދެ އެގްރިމެންޓް ވެސް އުވާލި މައިގަނޑު ސަބަބެއް ކަމަށް ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ހޮޓާ ވެސް ޓޫރިސްޓުންނަށް މިހާތަނަށް ހުޅުވާލެވިފައި ނުވުމާއި އޭގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބުމަށް އޮތް އެހެނިހެން ފުރުސަތުތައް ބަންދުވެފައި ވުމެވެ. ސިޓީ ހޮޓަލާއި ހަންކެޑެގެ މަސައްކަތް ލަސްވާތީ، ޓޫރިސްޓް އެނދު އިތުރު ކުރުމަށް ސަރުކާރުން ރާވާފައިވާ ލަނޑުދަނޑި އަށް ވާސިލް ނުވެވުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަންކެޑެ ސިޓީ ހޮޓާ ތަރައްގީކުރުމުގެ އެގްރިމެންޓްގައި ސަރުކާރުން ތޫނޑާ އެކު ސޮއިކޮށްފައިވަނީ އެޕްރީލް ،9 2005 ގަ އެވެ. އެގްރިމެންޓްގައި ބުނެފައިވާ 18 މަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނުފެށުމާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތޫނޑު ވަނީ 2،500 ޑޮލަރު ) 32،125ރ.( އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ފުވައްމުލަކު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި 200 އެނދުގެ ހޮޓަލެއް ތަރައްގީކުރުމަށް ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސްއާ އެކު ޓޫރިޒަމް މިނިސްޓްރީން އެގްރިމެންޓްގައި ސޮއިކޮށްފައި ވަނީ 2006 ވަނަ އަހަރު އޮކްޓޯބަރު މަހު އެވެ. އެ ކުންފުނި ވެސް ވަނީ 18 މަސް ދުވަސް ތެރޭގައި އެ ހޮޓާ ނުނިންމުން 2،500 ޑޮލަރު ( 32،125ރ.) އިން ޖޫރިމަނާކޮށްފަ އެވެ.
ހަންކެޑެ ސިޓީ ހޮޓާ އިމާރާތްކުރުން ލަސްވެގެން ދާތީ، އެގްރިމެންޓް ބާތިލް ކުރުމަށް ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަ ނައިބު އޮފީހަށް ފޮނުއްވަން ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހުމޫދު ޝައުގީ ވެސް ނިންމެވި އެވެ. އެހެން ނަމަވެސް، ޑރ. ޝައުގީގެ ފަހުން އެ މަގާމާ ހަވާލުވެ ވަޑައިގެންނެވި ޑރ. އަބްދުﷲ މައުސޫމު ވަނީ ހޮޓާ އެޅުމުގެ މުއްދަތު އަންނަ ޑިސެންބަރު މަހާ ހަމައަށް އިތުރުކޮށްދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ