ވޯޓު ވިއްކާ މީހެއްގެ ބަދުނާމު ނަގަން ޖެހޭ ވަރުގެ ކަމެއް ނުކުރަން: ނަޝީދު

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަރިހުން ފައިސާ އަށް އެދިވަޑައިގަތީ އަމިއްލަ ވިޔަފާރީގެ މުއާމަލާތެއް ރޭއްވެވި ގޮތަށް ނުދިއުމުން ކުރިމަތިވެވަޑައިގެންނެވި ދައްޗެއްގެ ސަބަބުން ކަމަށާއި އެއީ ރިޝްވަތު ނެންގެވުން ކަމަށް ނުވަތަ "ވޯޓު ވިއްކާ މީހެއްގެ ގޮތުގައި ބަދުނާމު ނަގަން ޖެހޭ ވަރުގެ ކަމެއް" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހދ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އިންތިހާބުކުރި ދާއިރާގެ ރައްޔިތުންނާ މުޚާތަބުކުރެއްވުމުގެ މަގުސަދުގައި ވީޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާ ގާސިމްގެ އަރިހުން އެދިވަޑައިގަތީ 60،000 ރުފިޔާ އަށް ކަމަށެވެ. ވިޔަފާރިކުރާ މީހުން ބައެއް ފަހަރު އެއް ބަޔަކު އަނެއް ބައެއްގެ އަތުން ފައިސާ ނަގައިގެން ކަންކަން ހަމަޖައްސާ ކަމަށާއި އެއީ "ގޯސް ކަމެއްގެ ގޮތުގައި އަޅުގަނޑު އެ ދުވަހަކު ވެސް ނުދެކެން އަދި މިއަދަކު ވެސް އަޅުގަނޑު ނުދެކެން" ކަމަށް ވިދާޅުވި އެވެ.
"އަދި އަމުދުން މިއީ ރިޝްވަތު ނެގުން ކަމަށް، ކޮރަޕްޓް މީހެއް ކަމަށް، ނުވަތަ ފަސާދައިގެ އަމަލުކުރާ މީހެއް ކަމަށް، ވޯޓު ވިއްކާ މީހެއްގެ ބަދުނާމް ނަގަން ޖެހޭ ވަރުގެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.
ބަޔަކު ލީކުކޮށްލާފައިވާ ނަޝީދާއި ގާސިމްގެ ދެމެދުގައި ދެކެވުނު އަމިއްލަ ފޯނު ކޯލްގައި "އައި ނީޑް ސަމް ކޭޝް" އޭ ނަޝީދު ވިދާޅުވި އިރު "ކިހާ ވަރެއް" ހޭ ގާސިމް އައްސަވަ އެވެ. އެކަމަކު ނަޝީދު އެދިވަޑައިގެންނެވި އަދަދު އޯޑިއޯގައި ވަނީ "އެޑިޓްކޮށްފަ" އެވެ.
"އަޅުގަނޑާ ބެހޭ ގޮތުން ކޮންމެވެސް ބޭފުޅުންކޮޅެއް އެ ލީކުކޮށްލި ވާހަކަތައް ހަގީގަތް އޮޅޭ ގޮތަށް އެޑިޓްކޮށްލައިގެން އޭގެ މުޅިން އެހެން މާނައެއް ނެގޭ ގޮތަށް، އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި ރިޝްވަތު ނަގާ މެމްބަރެއް ކަމަށް ދޭހަކޮށްދެއްވުމަށް އެކަން ކުރެއްވީތީ އަޅުގަނޑު ވަރަށް ހިތާމަކުރަން،" އޯޑިއޯ ކްލިޕް ލީކްކުރި ފަހުން ފުރަތަމަ ފަހަރަށް މީޑިއާއާ ކުރިމަތިލެއްވި ނަޝީދު ވިދާޅުވި އެވެ. "އެކަން އެ ކުރައްވަނީ ކޮން ބޭފުޅުންނެއްކަން، ކޮން މަގުސަދެއްގައިކަން އަޅުގަނޑަށް އެނގޭ. އެކަމަކު އެކަން ހުއްޓުވުމަށްޓަކައި އަޅުގަނޑަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް."
ނަޝީދު ވިދާޅުވި ގޮތުގައި އޭނާ މީގެ އަހަރުތަކެއް ކުރިން ގެންގުޅުއްވި ކަނޑު އުޅަނދެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަންނާނެ ފަރާތެއްވި އެވެ. އެ އުޅަނދު ވިއްކޭނެ ކަމަށް ބައްލަވާފައި އޭނާ ވަކި ޚަރަދުތަކެއް ކުރެއްވި އެވެ. އެކަމަކު ގަންނަން ބޭނުންވި ފަރާތަށް މާޗު މަހާ ހަމައަށް ވެސް ފައިސާ ދެއްކޭ ގޮތް ނުވުމުން ޚަރަދު ހަމަޖެއްސެވުމަށް ގާސިމް އަރިހުން ފައިސާ އަށް އެދިވަޑައިގަތީ އެއީ ކުރިންސުރެ ވެސް އެކުވެރި އަދި ގާތް ބޭފުޅަކަށް ވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އުޅަނދު ވިއްކާނުލެވި ލަސްވުމުން މާޗު ]އަދި[ އެޕެރީލް މަހާ ހަމައަށް ގޮސް އޮފީހުގެ އާމްދަނީގެ ތެރެއިންނާއި މުސާރައިގެ އާމްދަނީން ލިބޭ ބައިން އުނިވާތީ އަޅުގަނޑު އެ ހަރަދުކުރުމަށް ގާސިމް އިބްރާހިމްގެ އަރިހުން 60،000 ރުފިޔާ އަށް އެދުނިން،" ނަޝީދު ވިދާޅުވި އެވެ. "ލީކުކުރައްވާފައިވާ ފޯނުކޯލުން އެ އިވިވަޑައިގަންނަވަނީ އަޅުގަނޑު ދެއްކި ވާހަކައިގެ ތަންތަންކޮޅު."
ވަރަށް އަސަރާ އެކު ދެއްކެވި ވާހަކާގައި ނަޝީދު ވިދާޅުވި ގޮތުގައި ދެ ބޭފުޅުން ކިތައްމެ ގާތަސް ސިޔާސީ ޚިޔާލު ތަފާތުވުން ވެސް އެބަ ހުއްޓެވެ.
"ގާސިމް އިބްރާހިމްގެ ސިޔާސީ ވިސްނުންފުޅާއި އަޅުގަނޑުގެ ސިޔާސީ ވިސްނުމާ ތަފާތު. އެއީ އެ ބޭފުޅާގެ އަމިއްލަ މިނިވަންކަން އަދި އަޅުގަނޑުގެ އަމިއްލަ މިނިވަންކަން،" ނަޝީދު ވިދާޅުވި އެވެ.
ފޯނު ކޯލް ލީކޮށްލުމުގެ ފަހަތުގައި އޮތީ މުޅިން ވެސް ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ ނިޔަތްކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ. އެގޮތުން އެއީ ލީކުކޮށްލާނެ އޭނާގެ ހަމައެކަނި އޯޑިއޯ ކްލިޕް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއްނުކުރަން ނުކުންނާނީ މިހާރު ނުކުމެފައި ހުރި މީހުންގެ އެކަނި ކަމަކަށް. އިތުރު މީހުންގެ ވެސް ނުކުންނާނެ، އަޅުގަނޑުގެ ވެސް ނުކުންނާނެ،" ނަޝީދު ވިދާޅުވި އެވެ. "މައުލޫމާތު ލިބިފައި ހުރި ގޮތުގައި މިކަން މި ހިނގަނީ ވަކި ޕްލޭނެއްގެ ދަށުން ވަކި އެޖެންޑާއެއްގެ ދަށުން ވަކި ބޭފުޅުންތަކެއް ތިއްބަވައިގެން ނިންމަވައިގެން ވަކި ދުވަސްތަކެއްގައި."
ނަޝީދު ވަނީ "ތިޔަހެން ނުހައްދަވާށޭ" ވިދާޅުވެ އެ މީހުންގެ ފަރާތުން އެކަން ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.
"ތިއީކީ ރަނގަޅު ގޮތެއް ނޫނޭ. ޒިންމާދާރު ގޮތެއް ނޫނޭ. އަޅުގަނޑު ނުދަންނަވަން މީހުންތަކެއް ތިއްބާ ދެކެވޭ ވާހަކަ ކޮންމެވެސް މީހަކު ރެކޯޑްކޮށްގެން ލީކްކުރުމަކީ މިހާރު ހިނގާ ކަންތަކާ އެއްފަދަ ކަމެކޭ. މި ދައްކަނީ އެ މީހަކު އެ މީހުންގެ މެދުގައި ސިއްރުން ދައްކާ ވާހަކަތަކެއް އަޑުއެހުމުގެ ގާބިލްކަން ހުރި ބަޔަކު ސިއްރުން އަހައިގެން އެ ރައްޔިތުންގެ ތެރެއަށް ލީކްކޮށް މީހުންގެ ތެރޭގައި ފަލީހަތްކުރުމަށް މަސައްކަތްކުރާ ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 24 ވަނަ މާއްދާގައި މީހުންގެ މެދުގައި ކުރެވޭ ޒަތީ މުއާސަލާތަކީ ހުރުމަތްތެރިވެގެންވާ ކަމެއް ކަމަށް ހަދާފައި ނިންމާލީކީ ނޫން ކަމަށާއި އެ ހައްގަށް ކޮންމެ މީހަކު ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ނަޒަރުން ވިސްނާލާ އިރު އަޅުގަނޑުމެންނަށް މިކުރެވެނީ ވަރަށް ބޮޑު ގޯސް ކަމެއް. ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައި، ރައްޔިތުންނަށް ލބިދީފައި ނިގުޅައި ނުގަނެވޭނެ އަސާސީ ހައްގުތަކެއް އެ މީހުންގެ އަތުން ނިގުޅައިގަނެ އެމީހުން ފަލީހަތްކުރަމުން ދާ ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.
ދައުލަތުގެ ވަކި ފަރާތްތަކަކަށް ފޯނު އަޑުއެހުމުގެ ގާބިލްކަން އޮންނަން ޖެހެނީ ރާއްޖޭގައި ކޮށްފާނެ ނުރައްކާތެރި ކަންތައްތައް ކުރީ ބައިގައި ހޯދައި ދެނެގަނެ އެ ކަމަށް ތައްޔާރުވާން ކަމަށްވާ އިރު، އެކަން ކުރާ ބަޔަކަށް ތިމާގެ ފޯނު އަޑުނާހާނެކަމުގެ ޔަގީންކަން އޮންނަން ޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެކަމަކު "މިއަދު އެ ނިގުޅައިގަނެވުނީ އެ ޔަގީންކަން. މިއަދު މީހުންނަށް އެނގޭ ކޮންމެ މީހެއްގެ ފޯނު އަޑު އިވޭނެ]ކަން[،" ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން "އެ ބާރު ދިނުމުގެ ބޭނުމެއް ދެނެއް ނެތް. ދެނެއް މީހުންނެއް ފޯނަކުން ކޮންމެ ކޮންމެ ވާހަކައެއް ނުދައްކާނެ."
އޭނާ ވިދާޅުވި ގޮތުގައި ދެ ވަނަ އޯޑިއޯ ކްލިޕްގައި އަބްދުﷲ ޔާމީނާއި އަހުމަދު ނާޒިމާ އެކު ނަޝީދު ދެއްކެވީ އިދިކޮޅު ފަރާތްތަކުން ނެރެން ތައްޔާރުކުރި ބަޔާނުގެ ޑްރާފްޓަކާ ބެހޭ ގޮތުންނެވެ.
"އަޅުގަނޑު ދަންނަވާފައިވާނީ ހަމައެކަނި ކަމެއް ކޮށްލުމުގެ ނިޔަތުގައި ހަތަރު ޕާޓީގެ އިސް ވެރިން ނުކުމެފައި ބަޔާނެއްގައި ސޮއިކޮށްލުމުގެ ބޭނުމެއް ނެތޭ. ހަތަރު ވެރިން ނުކުމެވަޑައިގެން ކަމެއް ކުރާ ނަމަ އެވާން ޖެހޭނީ ރާއްޖޭގެ ސިޔާސީ މައިދާނަށް ވަރުގަދަ ަމެސެޖެއް ލިބޭ ކަމަކަށޭ،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ތައްޔާރުކުރި ޑްރާފްޓްގެ މައްޗަށް އެ ދުވަހު ހަވީރު މަޝްވަރާކޮށް... ބައިތަކެއް އުނިކުރުމަށް ފަހު އެ ބަޔާން އަޑުހަރުކޮށް ގައުމަށް ވަނީ އިއްވާފައި. އެ ބަޔާނަކީ އެ ހަތަރު ބޭފުޅުންނަށް އެއްބަސްވެވުނު ގޮތް. ލީކުވެގެން އެ އުޅެނީ އެބޭފުޅުން ފުރަތަމަ ދެއްކެވި ވާހަކައިގެ މައްޗަށް ބިނާކޮށް އަޅުގަނޑު ތައްޔާރުކޮށް އެ ބޭފުޅުންގެ ވިސްނުމަށް ފުރަތަމަ ހުށަހެޅި ބަޔާން. އެހެންވީމާ ކަން ނިމުމުގެ ކުރިން ތައްޔާރުކުރި ޑްރާފްޓެއްގެ ވާހަކަ ނަންގަވައިގެން އެ އުޅުއްވަނީ ޓެކްސް ބިލް ހުއްޓުވާށޭ އެ އުޅެނީ މީހުންގެ މައްޗަށް ވޯޓު ނަގާށޭ މިކަހަލަ ވާހަކަ ދެކެވުމަކީ އެ ބޭފުޅުން އޭރު ވިސްނެވި ވިސްނެވުމާ ވެސް ތަފާތު ވިސްނުމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެއީ އެ ބޭފުޅުންގެ ވިސްނުންފުޅު ހުރި ގޮތެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އޭނާ އަކީ "ރިޝްވަތު ހިފާނެ މީހެއް ނޫން" ކަމަށެވެ.
"ރިޝްވަތު ހިފާ، ވޯޓު ވިއްކާ މިކަމުގެ ތެރެއަކަށް އަޅުގަނޑެއް ނުވަންނާނެ. އެކަމުގެ ތެރެއަށް ނުވަންނާނީ އެކަން ކޮށްފިއްޔާ ފަޅާއަރާފާނެތީއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުގެ ޒަމީރު އެކަމަށް ތަން ނުދޭތީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ