ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ: އޮޑިޓަ ޖެނެރަލް ކަމަށް އެމްއެމްއޭގެ ނައީމު ހަމަޖެއްސެވުމަށް ފާސްކުރައްވައިފި

އޮޑިޓަ ޖެނެރަލް ކަމަށް އެމްއެމްއޭގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުންނެވި މ. ރަންދޯދި، އިބްރާހިމް ނައީމު )މާކުން ނައީމު( ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފި އެވެ.
އޮޑިޓަ ޖެނެރަލް ކަމަށް ނައީމު )ފޮޓޯގައި( ހަމަޖައްސަން ފެނޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެންގެވި ވޯޓުގައި އޭނާގެ ނަން ފާސްވީ ޖަލްސާގެ އަޣުލަބިއްޔަތުންނެވެ. ޖަލްސާއަށް އެވަގުތު ހާޒިރުވެ ތިއްބެވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުން ވޯޓު ދެއްވީ އޮޑިޓަ ޖެނެރަލް ކަމަށް ނައީމު ހަމަޖެއްސެވުމަށް ފެންނަ ކަމަށެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.
އޮޑިޓަ ޖެނެރަލަކަށް ނައީމު ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށްޓަކައި އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ އެ މަޖިލީހަށް ފޮނުއްވުމުން، ނައީމުގެ މައުލޫމާތުތައް ދިރާސާކުރުމަށް އެކުލަވާލި ވަގުތީ ކޮމެޓީގެ ރިޕޯޓު ވެސް ވަނީ މިއަދުގެ ޖަލްސާގައި ހާމަކުރައްވައިފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އޮޑިޓަ ޖެނެރަލް ކަމަށް ނައީމު ހަމަޖެއްސެވުމަށް ފެންނަ ކަމަށް ވަގުތީ ކޮމެޓީން ނިންމެވީ އެ ކޮމެޓީގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ފުރަތަމަ ފަހަރަށް އައްޔަންކުރައްވާ އޮޑިޓަ ޖެނެރަލަކަށް ނައީމު ހަމަޖެއްސެވުމަށްޓަކައި މަޖިލީހުގެ ވަގުތީ ކޮމެޓީން ފަސް ކަމަކަށް ބައްލަވާފައިވެ އެވެ. އެއީ ކަންކަމަށް އިސްނެގުމާއި އޭނާގެ ތަސައްވުރާއި ގާބިލް ކަމާއި ތަޖުރިބާ އާއި އިންޓެގްރިޓީ އަދި ތައުލީމީ ބެކްގްރައުންޑާއި މަސައްކަތް ކުރައްވަމުން ގެންދެވި ދާއިރާ އާއި އެ މަގާމާ ހުރި ގުޅުމެވެ. އޭގެ އިތުރުން އެއްވެސް ވިޔަފާރި ކުންފުންޏެއްގައި ނައީމުގެ ހިއްސާއެއް އޮވޭތޯ ވެސް ބައްލަވާފައިވެ އެވެ. ނަމަވެސް އެކަންކަމުގެ ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ.
މިއަދުގެ ޖަލްސާގައި ވަގުތީ ކޮމެޓީގެ ރިޕޯޓް އިއްވެވުމާ ގުޅިގެން، އެ ރިޕޯޓާ މެދު ބަހުސް ކުރުމަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަހުމަދު ޒާހިރު ހުޅުވާލެއްވުމުން އެކަމާ މެދު އެއްވެސް މެމްބަރަކު ވާހަކައެއް ނުދައްކަވަ އެވެ. އަދި މަޖިލީހުގެ ރޫހު އޮތީ ނައީމުގެ ނަން އަވަހަށް ފާސްކުރެއްވުމަށް ކަން ފާހަގަ ކުރެވުނެވެ. ނައީމުގެ ނަން ފާސްކުރުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ ތ. މެމްބަރު މުހައްމަދު ޝަރީފެވެ. އެކަމަށް ތާއީދުކުރެއްވީ ލ. މެމްބަރު ރީކޯ މޫސާ މަނިކެވެ.
އޮޑިޓަ ޖެނެރަލް ކަމަށް ނައީމު ހަމަޖެއްސެވުމަށްޓަކައި އޭނާގެ މައުލޫމާތުތައް ދިރާސާކުރެއްވި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އިބްރާހިމް ސަލީމާއި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު ހުސެއިން ހިލްމީ އާއި ހއ. މެމްބަރު ޖައުފަރު އީސާ އާދަމާއި ދ. މެމްބަރު އަހުމަދު ނާޝިދާއި ތ. މެމްބަރު ހަސަން އަފީފާއި ލ. މެމްބަރު ރީކޯ މޫސާ މަނިކު އަދި ޏ. މެމްބަރު މުހައްމަދު އިބްރާހިމް ދީދީ )މޮޑީ( އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ