ބޯހިމެނުމުގެ ދާއިމީ ނަތީޖާ ނެރުއްވުން: މާލޭގެ 42 ޕަސެންޓް ގޭބިސީ ދިރިއުޅެނީ ކުލީ ތަންތަނުގައި

ރާއްޖޭގެ ޖުމްލަ އާބާދީގެ 33 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައި ކަމަށާއި މާލޭގެ 42 ޕަސެންޓް ގޭބިސީ ދިރިއުޅެނީ ކުލީ ތަންތަނުގައި ކަމަށް ރާއްޖޭގެ ބޯހިމެނުމުގެ ދާއިމީ ނަތީޖާ އިން ދައްކައިފި އެވެ.
މިދިޔ އަހަރުގެ މާޗު 21- 28 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ "އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން- 2006"ގެ ދާއިމީ ނަތީޖާ އިއްޔެ ޕްލޭނިން މިނިސްޓްރީން އިއުލާނު ކުރެއްވިއިރު، އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އަތޮޅުތެރެއިން މާލެ އަށް ދިރިއުޅުން ބަދަލުކުރާ މީހުން ގިނަވެ، މާލޭގެ އާބާދީގެ ތޮއްޖެހުން ބޮޑުވަމުން ދިއުމާއެކު އަތޮޅުތެރޭގެ އާބާދީގެ ދުވެލި ދަށަށް ގޮސްފައިވާ ކަމެވެ.
ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި މާޗު މަހުގެ 28ގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ އާބާދީ އަކީ 298،968 އެވެ. އެއީ 2،000 ވަނަ އަހަރަށްވުރެ، 28،867 މީހުންގެ އިތުރުވުމެވެ. އާބާދީގައި މިހާރު ހިމެނެނީ 147،509 އަންހެނުންނާއި 151،459 ފިރިހެނުންނެވެ. ދެހާސް ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އާބާދީ އިތުރުވެފައި ވަނީ އަހަރަކު 1.69 ޕަސެންޓުގެ ނިސްބަތުންނެވެ.
ރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބައި ނުވަތަ 35 ޮޕަސެންޓް މީހުން ދިރިއުޅެނީ ވެރިރަށް މާލޭގައި ކަމަށް ބޯހިމެނުމުގެ ނަތީޖާތަކުން ދައްކާއިރު، އެއީ 103،693 މީހުންނެވެ. އެއީ މީގެ ފަސް އަހަރުކުރިން މާލޭގައި ދިރިއުޅުނު ކަމަށް ރެކޯޑުކުރެވިފައިވާ 74،069 މީހުންނަށްވުރެ 29،624 މީހުންގެ އިތުރުވުމެކެވެ. ޖުމްލަ އާބާދީގެ ތެރެއިން އަތޮޅުތަކުގައި ދިރިއުޅެނީ 195،275 މީހުންނެވެ. އެއީ ޖުމްލަ އާބާދީގެ 65 ޕަސެންޓެވެ.
ރެކޯޑުތަކުން ދައްކާ ގޮތުގައި 2000 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު މާލޭގެ އާބާދީ އަހަރަކު 1.69 ޕަސެންޓުގެ ނިސްބަތުން އިތުރުވެގެން ގޮސްފައިވެ އެވެ. ހަމައެއާއެކު އަތޮޅުތަކުގެ އާބާދީ ވަނީ 0.06 ޕަސެންޓުން ދަށަށް ގޮސްފަ އެވެ. މާލޭގައި 14،107 ގޭބިސީ ހުރިއިރު، 42 ޕަސެންޓް ގޭބިސީ އުޅެނީ ކުލީ ތަންތަނުގަ އެވެ. އަދި އެންމެ ބައިބޯ ރަށުގެ ގޮތުގައި މާލެ ހިމެނެނީ ހެކްޓަރަކަށް 470 މީހުންގެ ނިސްބަތުންނެވެ.
ބޯހިމެނުމުގެ ދާއިމީ ނަތީޖާ އަށް ބަލައި، ސަރުކާރުން އެންމެ ބޮޑަށް ބާރުއަޅަން ޖެހޭ އަދި ތަންފީޒުކުރުން ހަރުދަނާ ކުރަން ޖެހޭ ސިޔާސަތުތަކީ ކޮބައިތޯ އާއި ކުރިމަގުގެ ގޮންޖެހުންތަކާ ބެހޭ ގޮތުން ހަވީރުން ސުވާލު ދެންނެވުމުން ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ވިދާޅުވީ "އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭ" ކަމަށެވެ.
"އެހެންވީމާ އެ ކަމުގައި އަޅުގަނޑުމެން އެންމެ ބޮޑަށް ބަލަން ޖެހޭނީ ސަރަހައްދީ ތަރައްގީ އަށް ދޭ ސަމާލުކަން މިހާރަށްވުރެ ބޮޑުކުރުމަށް. އެއީ މާލޭ އާއި އަތޮޅު ތެރޭގެ އާބާދީ އަށް ވަމުންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަންތައް،" ހަމްދޫން ވިދާޅުވި އެވެ. "ރާއްޖޭގެ ސަރަހައްދުތަކުގައި ހުންނަ އިންވެސްޓްމަންޓްތައް ރަނގަޅުކޮށް، އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ ކުރިއަށް ގެންދިއުމާއި ތަރައްގީކުރުމަކީ ވެސް ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތްތަކެއް. މިހާރު ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި މަޝްރޫއުތަކާއި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ނަތީޖާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެންނާނެ."
ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކާ އަނެއް ކަމަކީ ރާއްޖޭގެ އާބާދީ ކުދިކުދި ރަށްތަކަކަށް ބެހިފައިވުމެވެ. އެކަން ޕްލޭނިން މިނިސްޓަރު ވެސް ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.
މިހާތަނަށް އެންމެ އަވަހަށް ދާއިމީ ނަތީޖާ އިއުލާން ކުރެއްވި ބޯހިމެނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އާބާދީ 1،000 އަށްވުރެ މަދު 133 ރަށް ރާއްޖޭގައި އެބައޮތެވެ. އޭގެ ތެރެއިން 75 ރަށެއްގެ އާބާދީ އުޅެނީ 500 އަށްވުރެ ވެސް ދަށުގަ އެވެ. އަދި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެނީ އެންމެ ހަތަރު ރަށުގަ އެވެ. އެއީ މާލެ އާއި ސ. ހިތަދު އާއި ހދ. ކުޅުއްފުށީގެ އިތުރުން ފުވައްމުލަކުގަ އެވެ.
ޕްލޭނިން މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅެންވީ ކިތައް ރަށުގައިތޯ އާއި އަދި ރަށެއްގައި އޮންނަންވީ ކިހާވަރެއްގެ އާބާދީއެއްތޯ ކަނޑައެޅިގެން ބެލިފައި ނެތް ނަމަވެސް، އިކޮނޮމީ އޮފް ސްކޭލް ލިބޭނީ މަދުވެގެން 2000 މީހުންގެ އާބާދީއެއް އޮވެގެންނެވެ. އެކަން އިގްތިސާދާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުހައްމަދު ޖަލީލު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް ފާހަގަ ކުރައްވައިފަ އެވެ.
ރާއްޖޭގެ ކިޔަވާކުދިންގެ ޖުމްލަ އަކީ 98،771 އެވެ. އެއީ އާބާދީގެ ތިންބައިކުޅަ އެއްބައި ނުވަތަ 33 ޕަސެންޓެވެ. މާލޭގެ އާބާދީ އަށް ބަލާއިރު ކިޔަވާ ކުދިންގެ ނިސްބަތަކީ 19 ޕަސެންޓެވެ. އަދި އަތޮޅުތަކުގެ އާބާދީގެ 32 ޕަސެންޓަކީ ކިޔަވާ ކުދިންނެވެ. ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓަށް ބަލާއިރު އެންމެ ގިނައީ އޯލެވެލްއާ ހަމައަށް ކިޔަވާފައިވާ މީހުންނެވެ. އަދި ހަޔަސެކަންޑްރީ ފެންވަރުގައި މިހާރު ތައުލީމު ހާސިލްކުރަމުންދާ ކުދިންގެ 69 ޕަސެންޓަކީ މާލޭގައި ކިޔަވާ ކުދިންނެވެ. އެއްތިރީސް ޕަސެންޓް ކުދިން ކިޔަވަމުންދަނީ އަތޮޅުތަކުގަ އެވެ.
"އާބާދީގެ އަހުރާމަށް ބަލާފައި ކުރަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި. އޭގެ ތެރޭގައި ސެކަންޑަރީ ތައުލީމުގެ ފުރުސަތުތައް އަތޮޅުތެރޭގައި އިތުރުކުރުމާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ވަރަށް ހާއްސަ ސަމާލުކަން ދޭންޖެހޭނެ،" ޕްލޭނިން މިނިސްޓަރު ވިދާޅުވި އެވެ.
ވަޒީފާގެ ފުރުސަތުތައް އިތުރުކުރެއްވުމުގެ މަސައްކަތް ފުޅާކޮށް ހަރުދަނާކުރެއްވުމަށް މިނިސްޓަރު ބާރުއަޅުއްވައި ވާހަކަ ދެއްކެވީ ރާއްޖޭގެ އަންއެމްޕްލޮއިމަންޓް ނުވަތަ ވަޒީފާ ނެތް މީހުންގެ ރޭޓު 14.4 ޕަސެންޓަށް އަރާފައި ވާކަމަށް ބޯހިމެނުގެ ނަތީޖާއިން ދައްކާތީ އެވެ. މާލޭގައި އަންއެމްޕްލޮއިމަންޓް ނިސްބަތް ހުރީ 11 ޕަސެންޓުގަ އެވެ. އަތޮޅުތެރޭގެ ނިސްބަތަކީ 16.2 ޕަސެންޓެވެ. މުޅި ރާއްޖެއިން ވަޒީފާ ނެތް އަންހެނުންގެ ނިސްބަތަކީ 23.7 ޕަސެންޓެވެ. ފިރިހެނުންގެ ނިސްބަތް އުޅެނީ 7.9 ޕަސެންޓުގަ އެވެ.
ރާއްޖޭގެ ޖުމްލަ އާބާދީ އަށް ބަލާއިރު އެންމެ މީހުން ގިނައީ 15- 19 އަހަރާ ދެމެދުގަ އެވެ. އެ އުމުރުފުރާ މިހާރު އާބާދީ އަށް އިތުރުވެފައި ވަނީ މީގެ ފަސްއަހަރު ކުރިން 2000 ވަނަ އަހަރު ބޯހިމެނިއިރު އެންމެ މީހުން ގިނައީ 10- 14 އަހަރާ ދެމެދުގައި ކަމަށްވާތީ އެވެ. އާބާދީގެ ނާތީޖާތައް ދައްކާ ގޮތުގައި ވޯކިން އޭޖް ނުވަތަ މަސައްކަތްކުރާ އުމުރުފުރާގެ އާބާދީ ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ.
"ހުނަރުވެރިން އިތުރުކުރުމާއި އުފެއްދުމުގެ މަސައްކަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަކީ ވެސް ކުރިމަތީގައި އޮތް ގޮން ޖެހުމަކަށް ވާނެ،" ހަމްދޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ