ރިޔާސީ ކޮމިޝަންގައި ބަލަން ހުރި މައްސަލަތައް ވަރަށް ގިނަ: ޝެއިހު ހުސެން ރަޝީދު

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގައި ބަލަން ހުރި މައްސަލަތައް ވަރަށް ގިނަ ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ބައްލަވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހު ހުސެން ރަޝީދު އަހްމަދު ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހުސެން ރަޝީދު ވިދާޅުވީ ރައީސް ނަޝީދު އޭނާއާ ހަވާލުކުރެއްވި މަސައްކަތް ކުރިއަށް ގެންދަވައި ދައުލަތުގެ ފައިސާ އަށް ހިޔާނަތްތެރިވެފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ އިގުތިސާދީ މި ދަތިކަމުން އަރައިގަތުމަށް ވެސް، ހިޔާނާތުގެ މައްސަލަތައް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެން ރަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ދައުލަތުގެ ފައިސާ އަށް ވަރަށް ބޮޑަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ކޮމިޝަނުން މައްސަލަތައް ބަލަމުންދާ ވަރަކަށް ސަރުކާރުން ކޮށްފައި ހުރި ކަންތައްތައް ފެންނަމުންދާ ކަމަށެވެ. އެފަދަ މައްސަލަތަކެއް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައްޔިތުންނަށް އެހީވުމަށް ތީމުގޭގައި ކުރިން ހަމަޖައްސާފައި އޮތް ވެލްފެއާ ފަންޑުން، ވަކި ބަޔަކަށް ބޮޑެތި އަދަދުތަކުން ހަރަދުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން ފާހަގަކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން އެއް ކަމެއް މިއީ. އޭރު އެތާނގައި އުޅުނު މީހެއްގެ ދަތުގެ ނަރުގަނޑު ލައްވަން ސިންގަޕޫރުގައި 35،000 ރުފިޔާ ހަރަދުކޮށްފައިވާކަން. އެއީ އަނގައިގެ ކޮންމެ ދަތަކަށް ބަލަނާމަ 7،500 ރުފިޔާ،" އޭނާ ވިދާޅުވި އެވެ. "އަދި އެބަހުރި އެއް ފަހަރަކު ސިންގަޕޫރުގައި ހަމައެކަނި އެކޮމޮޑޭޝަނަށް 28،000 ރުފިޔާ ހަރަދުކޮށްފައި ވެސް. އެއީ ދަތުރުގެ އެހެނިހެން
ހަރަދުތައް ނުލައި. މި ކަހަލަ ވަރަށް ގިނަ މައްސަލަތައް އެބަހުރި."
ހުސެން ރަޝީދު އިތުރަށް ވިދާޅުވީ އޮޑިޓަ ޖެނެރަލް މިހާތަނަށް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްތައް އެ ކޮމިޝަނުން ބަލާނެ ކަމަށާއި ބުރާސްފަތި ދުވަހު ނެރުއްވި އެމްޓީސީސީގެ އޮޑިޓް ރިޕޯޓުގެ މަސައްކަތް ވެސް ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް މިހާރު އިތުރުވެގެން ދިޔައީ ކަމަށެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދ އާއި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީ އަށް ނިސްބަތްވާ އައްޑު އަތޮޅުގެ ބައެއް ދާއިރާތަކުގެ މެންބަރުން ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ