ކޮޕަންހޭގަން ސަމިޓުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ކަން އޮތް ގޮތް އޮޅިވަޑައިގެންފައި ވާތީ: ޑެންމާކް

ޑެންމާކުގެ ވެރިރަށް ކޮޕެންހޭގަންގައި ޑިސެމްބަރު މަހު ބާއްވާ ތިމާވެއްޓާ ބެހޭ ސަމިޓުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ސަމިޓުގެ ކަންތައް ހަމަޖެހިފައިވާ ގޮތް ރައީސަށް އޮޅިވަޑައިގެންފައި ވާތީ ކަމަށް ޑެންމާކުގެ ޑިވެލޮޕްމަންޓް މިނިސްޓަރު އޫލާ ޓޯރްނީޒް ވިދާޅުވެއްޖެ އެވެ.
ޑެންމާކުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ ދަ ކޮޕެންހޭގަން ޕޯސްޓް ވެބްސައިޓުގައި އަންގާރަ ދުވަހު ޓޯރްނީޒާ ހަވާލާދީ ބުނެފައި ވަނީ ބައިވެރިވާ ގައުމުތަކަށް އެހީވުމަށް ހަދާފައިވާ ޕާޓިސިޕޭޝަން ފަންޑުން ދިވެހިރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށާއި ސަމިޓުގައި ރާއްޖެ އަށް ބައިވެރި ވެވޭނެ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ފަންޑުން ރާއްޖެ އަށް ވެސް އެހީ ލިބޭކަން ރާއްޖެ އަށް އަންގައިދިނުމަށް އދ. މެދުވެރިކޮށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
"ނަޝީދުގެ ބަޔާން ދެއްވާފައި ވަނީ މިކަން އޮތް ގޮތް އޮޅިވަޑައިގެން ހުންނަވައިގެން" ކަމަށާއި ރާއްޖެ އިން ތިން ބޭފުޅުންގެ ވަފުދެއް ސަމިޓުގައި ބައިވެރިވުމުގެ ކަންތައް ފަންޑުން ހަމަޖެހޭނެ ކަމަށް ޓޯރްނީޒްއާ ހަވާލާދީ ނޫހުގައި ބުނެފައިވެ އެވެ.
"އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް މި ސަމިޓުގައި ބައިވެރި ވެވޭނެ ގޮތެއް ހަމަޖެހިފައި އޮތުން ވަރަށް މުހިންމު،" ޓޯރްނީޒް ވިދާޅުވެފައިވެ އެވެ.
ކުދި ގައުމުތައް ސަމިޓުގައި ބައިވެރިވުމުގައި އެހީވާ ފަންޑުން، ތަރައްގީވަމުން އަންނަ ކޮންމެ ގައުމަކުން ދެ ބޭފުޅެއްގެ ދަތުރުގެ ކަންތައް ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ކޮންމެ ގައުމަކުން ތިން ބޭފުޅެއްގެ ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސައިދޭނެ އެވެ. ރާއްޖެ އަށް އެހީ ދެނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކެޓަގަރީންނެވެ.
ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް އިން ކޮޕެންހޭގަން (ސީއޯޕީ 15) ގައި ކުދި ގައުމުތައް ބައިވެރިކުރަން މާ ކުރިންސުރެ ވެސް ފަންޑެއް ގާއިމުކޮށްފައިވާކަން ޑެންމާކުން ސަމާލު ކަމަށް ގެނެސްފައި މި ވަނީ ފައިސާ ނެތުމުން ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ކުރިން ހަމަޖެހިފައިވާ ފަންޑަކުން ރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށް ޑެންމާކުން ބުނުމުން ރައީސް ނަޝީދު ވަނީ އެކަމާ "އުފާކުރައްވާ" ކަމަށް ވިދާޅުވެފަ އެވެ.
"ޑެންމާކުގެ ދީލަތި އެހީއެއް ހަމަޖެހުނު ވާހަކަ އަކީ އުފާވެރި ހަބަރެއް. މޫސުމީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ކޮޕެންހޭގަން ސަމިޓްގެ މުހިންމުކަން ދިވެހިރާއްޖެ އަށް ވިސްނޭ،" ބުދަ ދުވަހު އޭއެފްޕީ އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވި ކަމަށް އެ ނިއުސް އެޖެންސީން ބުނެފައިވެ އެވެ.
އދ.އިން ވަނީ ކުދި ގައުމުތައް ކޮޕެންހޭގަން ސަމިޓުގައި ބައިވެރިކުރުވުމަށް މާ ކުރިން ފަންޑެއް ގާއިމުކޮށްފަ އެވެ. ޑެންމާކުން ވަރަށް ފަހުން ވަނީ އެ ފަންޑަށް 1.3 މިލިއަން ޑޮލަރު ދީފައި ކަމަށް ކޮޕެންހޭގަން ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި މީގެ ކުރިން 750،000 ޑޮލަރު އެ ފަންޑަށް ޑެންމާކުން ދީފައިވާ ކަމަށް ޓޯރްނީޒް ވިދާޅުވެފައިވެ އެވެ. ނޯވޭ އާއި އޮސްޓްރިއާ އިން ކުރެ ކޮންމެ ގައުމަކުން ވެސް ވަނީ އެ އަދަދަށް ޔޫއެން ފްރޭމްވާކް އޮން ކްލައިމެޓް ޗޭންޖް )ޔޫއެންއެފްސީސީ( އަށް ފައިސާ ދީފަ އެވެ. އަދި މީގެ ދެ އަހަރު ކުރިން ގާއިމުކުރި އެ ފަންޑަށް މުޅި ޖުމްލަ ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ