ގާސިމަށް އިންޒާރު ދިން މީހާގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރު ކަމުގައި ހުނެވި ދުވަސްވަރު ފޯންކޮށް، އެސްއެމްއެސް ކޮށް އިންޒާރުދިންކަމަށް ބުނާ މީހާގެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހައިކޯޓުން މިގޮތަށް ހުކުމް ކުރީ ގާސިމްގެ ފޯނަށް ގުޅައި އެސްއެމްއެސް ކޮށް އޭނާ އާއި ދިމާއަށް ހަޑި ހުތުރު ބަހުން އެއްޗެތި ކިޔައި، އޭނާއާ އޭނާގެ އަނބިންނަށް ތަފާތު އަނިޔާތައް ކުރާނެކަމަށް ބުނެ އިންޒާރުދިން ކަމަށް ބުނާ މ. ސުންދުރަ، ކަމްލާގް ގެ މައްޗަށް ދައުލަތުން ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތު ނުވާކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ޕީޖީ އިން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކުރީގެ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ހުކުމްކުރީ ކަމްލާގް އަމުރަށް ނުކިޔަމަންތެރިވެފައިވާ ގާނޫނީ އަދި ޝަރުއީ ސަރީހަ އަމުރަކީ ކޮބައިކަން ދައުވާކުރާފަރާތުން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ބުނެ އެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ ވަކި ކަމެއް ނުވަތަ ވަކިކަމެއް ކުށެއް ކަމަށް ކަނޑައެޅެނީ ހަމައެކަނި ގާނޫނަކުން ނުވަތަ ގަވާއިދަކުން ނޫންކަމަށް ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަ ކަމަށާއި އިސްލާމީ ޝަރީއަތުގައި އެކަމަކީ މަނާ ކަމެއްކަމުގައި ބެލެވޭ ކޮންމެކަމަކީ ކުށެއް ކަމަށެވެ.
ހައްގަކާއި ނުލައި މީސްމީހުންނަށް ބިރުދެއްކުމާއި ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ އިސްލާމީ ޝަރީއަތުގައި މަނާ ކަމެއްކަން އެނގެން އޮންނައިރު ޝަރުއީ އަދި ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
މި މައްސަލަ ބައްލަވާފައި ވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އާއި ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒުމިރާލްދާ ޒާހިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ