ޖަލުބަންދުން ސަލާމަތްވުމަށް ޖޫރިމަނާ ދެއްކުމަށް ރޮނާލްޑޯ ނިންމައިފި

ޓެކްސްއަށް މަކަރުހެދި ކަމުގެ ކުށް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ މައްޗަށް ސާބިތުވުމުން، ޖަލުބަންދުން ސަލާމަތްވުމަށް 18.8 މިލިއަން ޔޫރޯގެ ޖޫރިމަނާ ދެއްކުމަށް ރޮނާލްޑޯ ނިންމައިފިއެވެ.
ސްޕެއިންގެ ޓެކްސް އޮތޯރިޓީއަށް މަކަރުހެދި ކަމަށް ބުނެ މެޑްރިޑްގެ ސްޓޭޓް ޕްރޮސިކިއުޓަރ ރޮނާލްޑޯގެ މައްޗަށް 14.7 މިލިއަން ޔޫރޯގެ ޓެކްސް މައްސަލައެއް ފެންމަތިކުރުމުން، ރޮނާލްޑޯއާ ދެކޮޅަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރެއާލް މެޑްރިޑްގެ ޕޯޗްގަލް ފޯވާޑްގެ މައްޗަށް ސްޕެއިންގެ ވެރިރަށުގެ ރީޖަނަލް ސްޓޭޓް ޕްރޮސިކިއުޓަރ ދައުވާކޮށްފައިވަނީ ވާޖިން އައިލެންޑްސްގައި ޝެލް ކޮމްޕެނީއެއް ހަދައިގެން އޭނާއަށް ލިބޭ ޖުމްލަ އާމްދަނީ ސްޕެއިންގެ ޓެކްސް އޮފީހަށް އޮޅުވާލުމަށްޓަކައި މަސައްކަތްކޮށްފައިވާ ކަމުގެ މައްސަލައެއްގައެވެ.
ސްޕެއިންގެ ގާނޫނުގައިވާ ގޮތުން، ފުރަތަމަ ފަހަރަށް މިފަދަ ކުށެއް ކުރާ މީހަކަށް ދެއަހަރަށް ވުރެން މަދު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ޖޫރިމަނާ ދައްކައިގެން ޖަލުހުކުމް ތަންފީޒު ނުކޮށް ސަލާމަތްވެވޭނެއެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި 18.8 މިލިއަން ޔޫރޯ ދެއްކުމަށް ރޮނާލްޑޯ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓެކްސްއަށް މަކަރުހެދި ކަމުގެ ކުށް ރޮނާލްޑޯގެ މައްޗަށް ސާބިތުވިއިރު، މީގެކުރިން ވަނީ އާޖެންޓީނާގެ ކެޕްޓަން ލޮއިނެލް މެސީއާއި އޭނާގެ ބައްޕަ ހޮރާސިއޯގެ މައްޗަށްވެސް ޓެކްސްއަށް މަކަރުހެދި ކަމުގެ ކުށް ސާބިތުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ