ރޯދަމަސް ފެށޭއިރު ކުނިގޮނޑު ފުރިފައި!

ރޯދަމަހާ ކުރިމަތިލާފައިވާ އިރު، މާލޭގެ ކުނިގޮނޑު ފުރި، އެ ތަނުން ކުނިއުކާލުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ކައުންސިލް މެމްބަރު އަހުމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ އާއްމުކޮށް ރޯދަމަހާ ދިމާކޮށް ގޭގެ ސާފުކުރުމަށް ފަހު އުކާލާ ކުނީގެ މިންވަރު ވަރަށް ބޮޑަށް އިތުރުވާ ކަމަށެވެ. އަދި ކުނިގޮނޑު ސާފުކުރަން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓްގެ ތާށިކަން ހުރި ގޮތުން ވެހިކަލް ހެދުމުގެ ހުއްދަ ފިނޭންސް އިން ނުލިބިގެން މިއުޅެނީ. އަޅުގަނޑުމެން އަތުގައި ހުރި ވެހިކަލްތަކުގެ ތެރެއިން މިހާރު ގިނަ ވެހިކަލްތައް ހުރީ ހަލާކުވެފައި،" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތަނުގައި ބޭނުންކުރާ 14 ލޮރީގެ ތެރެއިން މި ވަގުތު ބޭނުންކުރެވެނީ އަށް ލޮރީ ކަމަށެވެ.
"އަޅުގަނޑުމެން ފިނޭންސަށް ޖަމާކުރާ ފައިސާ ބޭނުންކުރަން ހުއްދަ ލިބުނުހާ އަވަހަކަށް އެ ވެހިކަލްތައް މަރާމާތުކުރާނަން. މިނިސްޓަރު ވެސް އޮތީ އެ ހުއްދަ ދެއްވާ ގޮތަށް. ނަމަވެސް މި ވަގުތު ރަށުގައި ނޫޅުއްވާތީ އެ ހުއްދަ ލިބުން ލަސްވަނީ،" ރުކުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުޅަނދުތަކާއި ސާމާނުތައް މާރާމާތުކޮށް ނިމުމުން ތިލަފުއްޓަށް ކުނި ގެންދާ މިންވަރު މިހާރަށްވުރެ އިތުރުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ