ރައީސް ވަހީދާއެކު ޕީޕީއެމުން އެންމެ ސާބިތުކަމާއެކު މަސައްކަތްކުރީ އަޅުގަނޑު: ޔާމީން

ރައީސް މުހަންމަދު ވަހީދާ އެކު މިހާތަނަށް ޕީޕީއެމްގެ ފަރާތުން އެންމެ ސާބިތުކަމާއެކުގައި މަސައްކަތްކުރެއްވި މީހަކީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ކަމަށް އޭނާ ރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ޔާމީން ވަނީ ޕީޕީއެމްއާ ގުޅުމަށް ރައީސް ވަހީދުގެ ގައުމީ އިއްތިހާދުގެ ޕާޓީއަށް އަނެއްކާ ވެސް ގޮވާލައްވައިފަ އެވެ. އަދި އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ޒައާމަތުގައި މިހާތަނަށް ދިމާވި ކަންކަމުގައި އެންމެ ސާބިތުކަމާއެކު އެ މަނިކުފާނުގެ އަރިހުގައި މަސައްކަތްކުރީ ވެސް ޕީޕީއެމް ކަމަށެވެ.
"މި މަސައްކަތުގައި ރައީސް ވަހީދުގެ ޕާޓީއާ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ. މަނިކުފާނަށް މަނިކުފާނުގެ ޒައާމަތުގައި ދިމާވި ހުރިހާ ދަތި ދުވަސްތަކެއްގައި އެންމެ ސާބިތުކަމާއެކުގައި މަސައްކަތްކުރި ޕާޓީއަކީ ޕީޕީއެމް. އަދި ޕީޕީއެމްގެ ފަރާތުން މަނިކުފާނު އަރިހުގައި އެންމެ ސާބިތުކަމާ އެކީ މަސައްކަތްކުރި ސިޔާސީ ލީޑަރަކީ ޔާމީން. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ، މި އިލްތިމާސް ވާނީ ރައީސް ވަހީދަށް އަޅުގަނޑު ކޮށްފައި. ދިވެހި ރައްޔިތުން ހެކިކޮށް އަނެއްކާ މި ދަންނަވަނީ، މި އިލްތިމާސް މީގެ ކުރީގައި ވެސް ކުރެވިފައި އޮތީމާ އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެން ދިވެހި ރައްޔިތުން އަނެއްކާ ހިންގަވާށޭ ހިތްދަތި ދުވަސްތަކަކަށް އިންތިޒާރު ކުރިޔަ ނުދޭން. އަޅުގަނޑުމެން ހިންގަވާށޭ ގުޅިގެން މި މަސައްކަތްކުރަން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީތަކުގެ ފަލްސަފާ ތަފާތުވި ނަމަވެސް އެންމެން އެއް ގަލަކަށް އަރައި މަސައްކަތްކުރުމަށް އެހެން ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ. އަދި ޔާމީން ވިދާޅުވީ އޭނާ އަކީ އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން މަސައްކަތް ނުކުރެވޭ ވަރުގެ ނާގާބިލް ބޭފުޅެއް ނޫން ކަމަށާއި އަމިއްލަ އެދުމެއް ވެސް ނެތް ކަމަށެވެ.
ރޭގެ ޖަލްސާގައި ޔާމީން ވަނީ ޕީޕީއެމްގެ ތެރޭގައި ހިނގާ ބައެއް ކަންކަމަށް ވެސް ފާޑުކިޔައިފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ނާތަހުޒީބީ އަމަލުތަކެއް ހިންގާ ބަޔަކު އެބަތިބި ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އުފެއްދީ ގެއްލިގެން ދިޔަ ގައުމީ ރޫހާއި ރީތި ތަހުޒީބުތައް ނެތިދާން ފެށުމުން ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބޭރުން ނުވަތަ ޗާޓުން ބޭރުން ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ކަންކަން ކުރަން ފެށުމުން ޕީޕީއެމް ވުޖޫދަށް ގެންނަން މަޖުބޫރުވީ ކަމަށެވެ.
އެހެން ނަމަވެސް ޕީޕީއެމް އުފެދި މިހާ ހިސާބަށް އާދެވުނުއިރު "އެމްޑީޕީގެ ނާތަހުޒީބީ ސިފަތައް" ޕީޕީއެމްގެ ތެރެއިން ފެންނަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިކަން އެބަ ހިނގާ. އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާ އާއި ޓްވީޓްތަކުން ފެނިގެންދާ ވާހަކަ މި ދެންނެވީ. އަޅުގަނޑުމެންނަށް ފެނިގެންދަނީ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ވެސް އެބަތިއްބެވި ކަމަށް ދޭހަވޭ ރައީސް މައުމޫންގެ 30 އަހަރުގެ ފަހުރުވެރި ހިދުމަތަށް ގޮންޖަހާފައި އެ ހިދުމަތް ނިމިއްޖެ ކަމަށް ވިދާޅުވާ ބޭފުޅުން. ނޫނިއްޔާ އެ ހިދުމަތް މަތީގައި އިތުރަށް މީހުން ގޮވައިގެން ޕާޓީ އާރާސްކުރުމަށް ބޭނުންފުޅުނުވާ ބަހުރުވައި ލިޔުއްވައި، ޓްވީޓް ކުރައްވާ ބޭފުޅުން އަޅުގަނޑުމެންގެ ޕާޓީގައި ފެނިގެންދޭ. ޝައްކެތް ވެސް މިއީ ހިތާމަ އެކަނި ހުރި ކަމެއް ނޫން. މިއީ ލަދުވެތި ކަމެއް،" މުލަކު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް އުފެއްދީ ވަރުގަދަ މަތިވެރި އުސޫލުތަކެއް ކަނޑައެޅިފައި ހުރުމުން އެ އުސޫލުތައް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އެކަމަކު އެކަންކަމަށް ގޮންޖަހައި ޕީޕީއެމްގެ ތެރެއިން ނުކުންނަ ހިސާބަށް ދިއުމުން ފަށާފައިވާ ދަތުރު އޮޅިއްޖެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން އިންޑިއާ ކަނޑަކުން ނުކުންނާނީ. އަޅުގަނޑުމެން ގޮނޑުދޮށުގައި ތިއްބާ އަޅުގަނޑުމެންގެ އޮޑިތައް ފަރަށް އަރަމުންދާތަން މި ފެންނަނީ. މިކަން ކުރާކަށް ﷲގެ ރަހުމަތުން ހަމަ ލާހިކެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ހިދުމަތަށް ގަސްދުގައި ގޮންޖައްސަވާ ބޭފުޅަކަށްވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއަދު ވެސް ހުންނެވީ އެ "30 އަހަރުގެ ޓޯޗުގައި ހިފައިގެން" ކަމަށް ޔާމީން ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ "މައުމޫން ވަންތަކަމުގެ ސިފަ" ހުރި ދެވަނަ ލީޑަރެއް ޕީޕީއެމްގައި ނުހުންނާނެ ކަމަށެވެ.
ޔާމީން ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެއްވެސް ރަށެއް އަދި އެއްވެސް މުޖުތަމައުއެއް އެކަހެރި ނުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރަށުގެ ރައްޔިތުން މިހާތަނަށް އުޅެމުން ދަނީ ނަރުދަމާ ނިޒާމެއް ނެތުމުގެ ދަތިކަމާއެކު ކަމަށާއި ޕީޕީއެމްގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އެކަމަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި ފުވައްމުލަކަކީ "ކަންކަން ނިންމާ އެޖެންޑާގައި" އެންމެ ކުރީ ސަފުގައި އޮންނާނެ ރަށް ކަމަށެވެ.
ފުވައްމުލަކުގައި ބޭއްވި ޔާމީންގެ ކެމްޕޭން ޖަލްސާގައި އެ ރަށަށް ނިސްބަތްވާ ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދާއި ފުވައްމުލަކު ތިން ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެ ރަށުގެ ބައެއް ކައުންސިލަރުން ވަނީ ރޭ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ