މާލެ ހަލާކުކޮށްލުމުގެ އެންމެ އިސް މޭސްތިރިޔަކީ "ހޮޅި" މުއިއްޒު: ނަޝީދު

ވެރިރަށް މާލެ ހަލާކުކޮށްލުމުގެ އެންމެ ބޮޑު މޭސްތިރިޔަކީ ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޑރ. މުއިއްޒުގެ ވަޒީރުކަމުގައި މާލެއަށް ދިން ނިކަމެތިކަން ރައްޔިތުންގެ ހިތުން ފިލައިގެން ނުދާނެ ކަމަށެވެ. އަދި ލަދުހަޔާތުގެ ކުޑަނަމަވެސް ކަންފުޅެއް ހުރި ނަމަ މާލޭގެ މޭޔަރު ކަމަށް އެބޭފުޅާ ވާދަނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި މާލެ މިފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ އެ ހޮޅި މުއިއްޒު. އެންމެ އިސްކޮށް ހުރީ ހޮޅި މުއިއްޒު. އޭނާގެ ވަޒީރުކަމުގައި މި މާލެއަށް ކުރި ކަންތައް އަޅުގަނޑުމެންގެ ހިތުން ފިލައިގެނެއް ނުދާނެ. ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ. ފަސް އަހަރުވަންދެން ސިޓީ ކައުންސިލްގެ ހުރިހާ ބާރެއް ނަގާފައި އޭނާގެ ދެއަތްފުޅާކޮށް މިއަދު ބުނަން އެއުޅެނީ ތިމަންނާއަށް ވޯޓެއް ދޭށޭ. ނޫން މާލޭ ރަށްޔިތުންނެއް އޭނާއަކަށް ވޯޓެއް ނުދޭނެ. މާލެ ހަލާކުކޮށްލުމުގެ މޭސްތިރިޔަކީ މި ދަންނަވާ ހޮޅި މުއިއްޒު،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅި 7،000 ފެލްޓު ޑރ. މުއިއްޒު އޭނާގެ ގާތް މީހުންނަށް ނުހައްގުން ބަހާލި ގޮތް "އޯކޭ" ނޫން ކަމަށެވެ. އަދި ބުރިޖު އޯކޭ ކަމަށާއި އޯކޭ ނޫނީ ވައްކަން ކަމަށެވެ.
"އަޅުގަނޑުމެން އެއިރުވެސް ބުނީމޭ ބުރިޖު އޯކޭއޭ. ޕީޕީއެެމްގެ ލަވަ ނިމިއްޖެ، ބުރިޖު އޯކޭ. އަޅުގަނޑުމެން މި ބުނަނީ ވައްކަން އޯކޭއެއް ނޫނޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ކައުންސިލް އިންތިހާބުގައި "ނަމަނަމަ" ޕީޕީއެމްގެ މެމްބަރަކަށް ވޯޓު ނުދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ އިންތިހާބާއެކު ލޯކަލް ކައުންސިލް އިންތިހާބު ނިމިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ