މުގާބިލާ - 25

(26 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
"އަހަރެން މިއީ ރިޟްވާންގެ ދުޝްމިނަކީމެއް ނުން. އެކަން އަހަންނަށް އެނގޭ. އެކަމަކު ރިޟްވާނާ ބެހޭ ގޮތުން ޔަގީންކަމާއެކު މިހެން ބުނަން ކަލެއަށް ކެރޭނެތަ؟"
ޢަދްނާން އިރުކޮޅަކު ވިސްނައިލުމަށް ފަހު ބުންޏެވެ. "ނުކެރޭނެ. ރިޟްވާންގެ ރަވައްޔާ މިހާރު ހުންނަނީ ހައިރާންވާ ކަހަލަ ގޮތަކަށް. މިހައި ކަރީގައި އުޅޭ އިރުވެސް އަހަރެމެންނާ ބައްދަލުކޮށްލާކަށް ނާދޭ. ސަބަބެއް ނޭނގޭ."
"ސަބަބަކީ ޝައިޠާނާ." ސުލައިމާން ބުނެލިއެވެ. "ޝައިޠާނާއަކީ ވަރަށް ބޮޑަށް ދޭތެރެ ޖައްސާ ހިތްވާ ސޮރެއް. އޭނާ އެހެރީ އަހަރެން މިއީ އެންމެ ބޮޑު ދުޝްމިނުކަމަށް ރިޟްވާންގެ ބޮލަށް ވައްދައިދީގެން. އެންމެ ފަހުން ރިޟްވާންވެސް އަހަރެންގެ އެންމެ ބޮޑު ދުޝްމިނަށް ވެގެންފި. ޝައިޠާނާ އޭނާ ގާތު ބުނީ އޭނާއަށް ލިބޭ ކޮންމެ އެއްޗެއްގެ ދެގުނަ އޭނާގެ އެންމެ ބޮޑު ދުޝްމިނަށް ލިބޭނެއޭ. އަހަންނަށް ދެގުނަ މި ލިބުނީ އޭނާގެ ކުރިމަތީގައި. އެހެންވީމާ އަހަރެން މިހާރު މިހިރީ އޭނާގެ އެންމެ ބޮޑު ދުޝްމިނަށް ވެފައި."
"ޝައިޠާނާ ރިޟްވާންގެ ބޮލަށް ރަނގަޅަށް ވަދެ ޖާގަ ޖެހީ ދޯ؟ އެހެން ވެއްޖެއްޔާ ދެން އަހަރެމެންނަށް ކުރެވޭނޭ ކަމެއް ނޯންނާނެތަ؟" ޢަދްނާން ފިކުރު ބޮޑު ވެފައި އަހައިލިއެވެ.
"މިހާރު ފެންނަނީ ކުރެވޭނޭ އެއްވެސް ކަމެއް ނެތް ކަމަށް. އެކަމަކު އަހަރެން މިއީ ޝައިޠާނާއަށް ދޫކުރާނޭ މީހެއް ނޫން. އޭނާގެ ބަފަޔަކީ އަހަރެންކަން ދައްކައިލާނަން. ކޮންމެވެސް ތަދުބީރެއް ކުރާނަން. އަހަރެން މިއީ މިއަދުވެސް ރިޟްވާންގެ އެކުވެރިއެއް."
"ދެން ތިޔަ ވާހަކަ ބާއްވާ. އަހަރެމެން ދައްކަމުން ގެންދިޔައީ ވިޔަފާރީގެ ވާހަކަ. ކުރާނޭ ވިޔަފާރިއެއް ވިސްނިއްޖެތަ؟" ޢަދްނާން އަހައިލިއެވެ.
"އަހަރެން ބޭނުން ވަނީ ޝައިޠާނާ ދިން މުދަލާއި ފައިސާގެ ބޭނުން ކޮށްގެން އެ ސޮރުގެ އަގު ވައްޓައިލާން. ގެއްލުން ދޭން."
"އެކަމަކު ކަލޭ ތިޔައީ ޝައިޠާނާގެ ބަފައެއްނު؟" ޢަދްނާން ހީނލިއެވެ.
"އެހެން މި ބުނީއަކީ ފަޚުވެރިވެގެންނެއް ނޫން. ލަދުވެތިކަމާއެކު. އެ ކަލޭގެއަކީ ހަމައެކަނި އަހަރެންގެއެއް ނޫން، އާދަމުގެ ދަރީންގެ ދާއިމީ އަޒަލީ ދުޝްމިނެއް. އެކަން އަހަރެން ދަންނަން. ދުޝްމިނުން ބަލި ކުރުމަކީ އިންސާނުންގެ މައިގަނޑު މަގުސަދު."
"ބަލި ކުރާނީ ކިހިނެއް؟"
'މި ވިސްނަނީ ތިޔަ ކަމާ. ކޮންމެވެސް ބުއްދިއެއް ކުރެވޭނެ. ދާން ތައްޔާރުވޭ."
"ކޮން ތަނަކަށް؟"
"ހަނދާނެއް ނެތްތަ؟ ޖައްބާރުގެ ޕާޓީއަށް."
"އާނ. ހަނދާން ވެއްޖެ. ކަލޭގެ ތިޔަ ޕާޓީތަކާ ހެދި އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެ. ޕާޓީއަކުން ސަލާމަތް ވެވޭ އެންމެ ރެއަކަށްވެސް އިރެއް ނޯއްސޭ." ޢަދްނާން ބޯ ހޫރައިލިއެވެ.
"އެއީ ވަރަށް މުހިއްމު ކަމެއް. އިޖްތިމާއީ ގުޅުން ބަދަހި ކުރާން ވާނެ. އަހަރެންގެ ކާރޫބާރު ކުރިއަށް ދަނީ ޕާޓީތަކަށް ދިޔަ ވަރަކުންކަން ކަލެއަށް ރަނގަޅަށް އެނގޭނެ."
ޢަދްނާން ހެމުންހެމުން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ބައެއް ފަހަރަށް އޭނާ ޙައިރާންވެއެވެ. ހިތަށް އަރައެވެ. ސުލައިމާން ހާދަ އަވަހަކަށް މި މާހައުލަށް ހޭނިގެންފިއެވެ. ޕާޓީތަކަށް ދާވަރަކުން އޭނާގެ ކާރޫބާރު ކުރިއަށް ދާކަން ޢަދްނާނަށް އެނގެއެވެ. އެއީ ހަރާދުކިޔުމުގެ ކުޅިގަނޑެވެ. ޕާޓީތަކަށް ގޮސް ކޮންމެވެސް މީހަކާ ޒުވާބު ކުރުމަށް ފަހު ޝަރުޠެއް ހުށަހެޅުމަކީ ސުލައިމާންގެ އާދައެކެވެ. އެއިން ޝަރުޠަކުން ދުވަހަކުވެސް އޭނާ ބައްޔެއް ނުވެއެވެ. މުއްސަނދި މާހައުލަކަށް ވުމާއެކު ސަތޭކައަކުން ހާހަކަށް ހަރާދުކިޔުމަކީ އުނދަގޫ ކަމެއް ނޫނެވެ. ސުލައިމާން މިހާރު ވަނީ ތަންގަނޑަށް މަޝްހޫރުވެސް ވެފައެވެ. އޭނާގެ މަޖާ މިޒާޖާއި އެކުވެރި ވައްޓަފާޅީގެ ސަބަބުން މީހުންގެ ތެރޭގައި މަގުބޫލު މީހަކަށްވެސް ވަނީ ވެފައެވެ. ޚާއްސަކޮށް އަންހެނުންގެ ތެރޭގައި އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑު ވެފައެވެ. އޭނާ ޢަދްނާން ތައާރަފު ކުރަނީ ކޮއްކޮއެއްގެ ގޮތުގައެވެ.
* * *
އިތުރު ދެ ހަފުތާ ފާއިތު ވެގެން ހިނގައްޖެއެވެ. ބާކީ އޮތީ އެންމެ ނުވަ ދުވަހެވެ. ސުލައިމާނަށް ގެއްލުމެއް ދޭނޭ ގޮތެއް އަދިވެސް ރިޟްވާންގެ ބުއްދިއަކަށް ނާދެއެވެ. އެކަމަކު މިހާރު ކުރިއާ އަޅައި ބަލާއިރު ސިކުނޑީގެ ހާސްކަން ކުޑައެވެ. ރޭގަނޑުގެ ވަގުތުތަކުގައި ކުލަ ޖެހުނީމައެވެ. އެއީ މެޑަމް ޒޫބީގެ ކުޅަދާނަކަމެވެ.
މެޑަމް ޒޫބީގެ އަޖައިބުޚާނާގައި އެކި ކުލަކުލައިގެ އެކި ނަސްލުގެ ކުދިން އުޅޭކަން މިހާރު އޭނާއަށް ކަށަވަރު ވެއްޖެއެވެ. އެ ވިޔަފާރި ފުޅާވެފައިވާ މިންވަރަކީ ކުރިއަކުން އޭނާގެ ޚިޔާލަށްވެސް ގެންނާން ފަސޭހަ މިންވަރެއް ނޫނެވެ.
ރިޟްވާން އެއްވެސް މަސައްކަތެއް ނުކުރެއެވެ. މަސައްކަތެއް ކުރާކަށް ނުވެސް ވިސްނައެވެ. އަތެއް ފައެއް ހަލުވައި ނުލައި އެތައް އަހަރަކު ދިރިއުޅެވޭ ވަރަށް ފައިސާ އޭނާގެ އަތުގައި އެބަހުއްޓެވެ. ބޭންކުން ލިބޭ ސޫދު އެކަނި ބޭނުން ކޮށްލިޔަސް ހަމަޖެހިލައިގެން ދިރިއުޅެވޭނެއެވެ.
އޭނާ ރޭގަނޑު ހަަތަރުދަން ހޭދަކުރަނީ ކަސްބީ އަންހެނުންގެ އުނގުގައެވެ. ދުވާލު ހަަތަރުދަމު ސުލައިމާނާ މެދު ވިސްނައި އަމިއްލައަށް ރުޅިއައިސް ފުފުމުގައެވެ. އޭނާ ވިސްނަމުން ގެންދިޔައެވެ. އޭނާއަށް އިނާމަކަށް ވެފައި ސުލައިމާނަށް ސަޒާއަކަށް ވާނީ ކޮން ކަހަލަ އެދުމެއް ހުށަހަޅައިގެން ހެއްޔެވެ؟ އެއީ މިހާރު އޭނާގެ ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލައެވެ. އެންމެ އުނދަގޫ ސުވާލެވެ. އެކަމަކު ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އޭނާގެ މާޔޫސްކަން ދިޔައީ ބޮޑު ވަމުންނެވެ. ތިންވަނަ އެދުމުން މަހުރޫމް ވާނީއޭ ހީވާ ފަހަރުވެސް އާދެއެވެ. އޭނާއަށް ލިބޭ ފައިދާއަށްވުރެ ބޮޑު ފައިދާއެއް ސުލައިމާނަށް ލިބޭކަށް އޭނާ އެއް ގޮތަކަށްވެސް ނޭދެއެވެ.
މި ވަގުތުވެސް އޭނާ އޮތީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ސިކުނޑީގެ ވަރުބަލިކަން އިހުސާސްކުރާ ހާލުގައެވެ. މޮޅު ބުއްދިއެއް ނުކުރެވުނީމާ ހާސްކަން ދަނީ ބޮޑު ވަމުންނެވެ. މެޑަމް ޒޫބީގެ ހެޔޮކަން ނުލިބޭނަމަ އޭނާ މިހާރު ނަފްސާނީ ބައްޔެއްގެ ތެރެއަށް ވެއްޓިއްޖައީހެވެ. ދުވާލު ހަތަރުދަމުގެ ކަންބޮޑުވުން ފިލުވައި ދެނީ މެޑަމް ޒޫބީގެ ކުޅަދާނަ ހުނަރުވެރިންނެވެ.
އެވަގުތު ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އެއީ މެޑަމް ޒޫބީގެ ފޯނެއްކަން އޭނާއަށް ޔަގީނެވެ. އޭނާ ނޫނީ ފޯނު ކުރާނޭ މީހަކު ނޫޅޭނެއެވެ. އެކަމަކު އަނެއްކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ. "ކާކު؟" އޭނާ ހަރުކަށިކަމާއެކު އަހައިލިއެވެ.
"ބަލަ އަހަރެންގެ މަތީން ހަނދާން ނެތުނީތަ؟" ސުލައިމާންގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.
ރިޟްވާންވެސް ހައިރާންވިއެވެ. އެހައި ޒަމާންވީ ގާތް އެކުވެރިއެއްގެ އަޑު ހަމަ ހަގީގަތުގައިވެސް އޭނާއަކަށް މި ފަަހަރަކު ފާހަގައެއް ނުކުރެވުނެވެ. އޭނާ ލަދުވެސް ގަތެވެ. އެކަމަކު ސުލައިމާނަކީ އޭނާގެ އެންމެ ބޮޑު ދުޝްމިނުކަން ހަނދާނަށް އަތުވެއްޖެއެވެ. "ފޯނު ކުރީ ކީއްކުރަން؟" އޭނާގެ އަޑުގައި ހުރި ހަރުކަށިކަމެއް ނުފިލައެވެ.
"އަހަރެން މިއީ ކަލޭގެ އެންމެ ގާތް އެކުވެރިޔާކަމާއި ކަލެއަށް ދިމާވާ ކޮންމެ ދެރަ ކަމެއްގައި އެހީތެރިވާން ހުރި މީހާކަމާއި، އަހަރެން މި ހުންނަނީ ކަލޭގެ ގޭގެ ކުރިމަތީގައި ހުރި ގޭގައިކަން ހަނދާންކޮށްލަދޭން ގުޅައިލީ. މިހައި ކައިރީގައި އުޅެމުންވެސް އަހަންނަށް މި ޖެހެނީ ކަލެޔާ ފޯނުން ވާހަކަ ދައްކަން. މިއީ ބޮޑު ޢިބުރަތެއް ނޫންތަ؟"
"ސުލައިމާން. އަހަރެމެން މިއީ ގާތް ބަޔަކަށް ހެދިގެން އުޅުމުގެ ބޭނުމެއް ނެތް. ކަލެއަކީ އަހަރެންގެ އެކުވެރިއެއް ނޫން. ދުޝްމިނެއް." ސުލައިމާން ފިނި ރާގަކަށް ބުނެލިއެވެ.
"އަހަރެން މިއީ އަދިވެސް ކަލޭގެ އެކުވެރިއެއް." ސުލައިމާން ވަރަށް ދެރަވެފައި ބުންޏެވެ. "އަހަރެން މިއީ ކަލޭގެ ދުޝްމިނެއް ކަމަށް ދައްކައިގެން އުޅެނީ އަހަރެމެންގެ އަޒަލީ ދުޝްމިނު ޝައިޠާނާ. މިހާރު ކަލެއަކީ އަހަރެންގެ ދުޝްމިނެއް ކަމަށްވެސް ދައްކައިދީފި. ސަމާލުވޭ. ހަމަ މަގަަށް އެނބުރި އާދޭ. ހަނދާން ކުރާތި. ޝައިޠާނާ އެންމެ ކުރާ ހިތްވާ ކަމަކީ ދެ އެކުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފައްދައި ދެކޮޅުވެރި ކުރުވުން."
"އަހަރެމެންގެ ކިބައި ހުންނަ އެންމެ ވިޔާނުދާ ސިފައަކީ ކޮބަައިކަން އެނގޭތަ؟ އެއީ އަހަރެމެން ކުރާ ހުރިހައި ނުބައި ކަމެއް ޝައިޠާނާގެ ބޮލުގައި އެޅުވުން... ދެން ބުނޭ... ފޯނު ކުރީ ކީއްކުރަން؟"
"ކަލެޔާ ނުލައި އަހަރެން މުޅީން ފުރިހަމައެއް ނުވޭ. އަހަރެމެން ތިން މީހުން މިއީ އެއްބައެއް. އެކަކަށް ވަނީ ތިން މީހުން ހަމަވީމާ. އެ ހަނދާންވެސް ނެތުނީތަ؟"
"އެކަމަކު އަހަރެން މިހިރީ ކަލެޔާ ނުލައި ވަރަށް އުފަލުން. އަރާމުގައި. ކަލޭ ނެތަސް އަހަރެން މުޅީން ފުރިހަމަ. ކުޑަވެސް އުނިކަމެއް ނެތް."
"ތިޔަ ބުނީ ރަނގަޅަށް... އޭގެ ސަބަބެއްވެސް އެބައޮތް. ފާއިތުވީ ތަނަށް ބަލާނަމަ ކަލެއަކީ އަހަންނަށްޓަކައި ހުރި ތެދުވެރިކަމާއި ހެޔޮކަމުގެ ނަމޫނާއެއް. އަހަންނަށް ކަލޭގެ މަތީން ހަނދާން ކުރެވެނީ އެހެން ވެގެން. އަހަންނަކީ ވިޔާނުދާ، ނުބައި މީހަކީން. އެކަމަކު... އެކުވެރިޔާ. ކަލެއަށް ތިޔަވީ ކިހިނެއް؟"
"ތިޔަ ޑްރާމާ ކުޅުން ހުއްޓައިލާ. އަހަންނަކަށް އޮޅުވައެއް ނުލެވޭނެ." ރިޟްވާން މިހެން ބުނެފައި ފޯނު ބާއްވައިފިއެވެ.
އޭނާގެ ރުޅި ސައްތައަށް އަރައިފިއެވެ. ސުލައިމާން ފޯނު ކުރީމާ އޭނާގެ ޒަޚަމްތަކުގައި ތޫނުބޭސް ލެވުނީއެވެ.
ރިޟްވާން އަނެއްކާވެސް ސުލައިމާނަށް ބޮނޑިއެއް ދެވޭނޭ ގޮތަކާމެދު ވިސްނާން ފަށައިފިއެވެ. އެކަމަކު ހަަމަ ރަނގަޅު އެއްވެސް ބުއްދިއެއް ނުކުރެވުނެވެ. ރުޅި ގަދަވީމާ އަމުދުން ވިސްނޭ ގޮތެއް ނުވިއެވެ.
އަނެއްކާވެސް ފޯނު ރަނގަބީލުވާން ފަށައިފިއެވެ. އޭނާ ޖެހިލުން ވެފައި އިނދެގެން ފޯނާ ދިމާއަށް ބަލައިލިއެވެ. ސުލައިމާންގެ ސުންޕާ އަޑު އިވިދާނެތީ ނުނަގާންވެސް ހިތަށް އެރިއެވެ. އޭނާ ފާރުގައި އޮތް ގަޑިއަށް ބަލައިލިއެވެ. ރޭގަނޑު އެގާރަ ޖަހަނީއެވެ. މިއީ މެޑަމް ޒޫބީ ގުޅާ ވަގުތެވެ. އޭނާ ފޯނު ނަގައިފިއެވެ. "ވާހަކަ ދައްކަނީ ރިޟްވާން."
"ކިހިނެއްވީތޯ؟ މާ އަވަދިނެތި އުޅުއްވާ ރެއަކީތޯ؟" މެޑަމް ޒޫބީ އަހައިލިއެވެ.
"ނޫން."
"މިރޭގެ ކަންތައް އޮތީ ކިހިނެއްތޯ؟"
"އަޅުގަނޑު މިހިރީ އިންތިޒާރުގައި."
އެހެން ރޭރެއެކޭ އެއްފަދައިން މެޑަމް ޒޫބީ ކުއްލިއަކަށް ވޭޓަރަކަށް ބަދަލު ވެއްޖެއެވެ. "މިއަދުގެ މެނިއު ދަންނަވައިލަދެންތޯ؟ ފިނިފެންމާ އެބަހުރި. މުތް އެބަހުރި. ނަރުގިސް އެބަހުރި..."
"އިރުދޭމަލުގެ ވާހަކައެއް ދުވަހަކުވެސް ނުދައްކަވަމެއް ނޫންތޯ؟" ރިޟްވާން ބުންޏެވެ.
"އިންސާނީ އިރުދޭމާ ދެކެ ގިނަ މީހުން ބިރު ގަނޭ..."
"އެހެންތޯ؟ މެނިއުގައި ހުރީ ކޮން މޭވާއެއްތޯ؟" ރިޟްވާން އަހައިލިއެވެ. މިއީ އެ ދެމީހުން ބޭނުންކުރާ ސިއްރު ބަހުރުވައެވެ. މަލަކީ ދޭސީ ކުދިންނެވެ. މޭވާއަކީ ބިދޭސީ ކުދިންނެވެ.
"މޭވާގެ ތެރޭގައި ސްޓްރޯބެރީ، ޗެރީ އެބަހުރި. އަދި އެހެން..."
"އަނބެއް ނެތްތޯ؟"
"މިއީ އަނބުގެ މޫސުމެއް ނޫން."
ރިޟްވާން ވިސްނާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ވަރަށް އާދަޔާ ޚިލާފު ވިސްނުމެއް ވަދެއްޖެއެވެ. "މެޑަމްގެ އަޑު ވަރަށް ރީތި."
"ޝުކުރިއްޔާ." މެޑަމް ޒޫބީ ހީނގަތެވެ.
"މިހައިތަނަށް މިގެއަށް އައި ކުދިންގެ ތެރެއަކުން ތިޔަހައި ރީތި އަޑެއް ނާހަން. އެހެންވީމާ މެޑަމްވެސް ވަރަށް ރީތިވާނެކަން ޔަގީން."
"އެހެން ވުން ލާޒިމެއް ނޫނެއް ނޫންތޯ؟ އަޅުގަނޑުގެ އޯޑިއޯހައި ވީޑިއޯ ރީއްޗެއް ނުވާނެ."
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޑު ރީތިއްޔާ ސިފަވެސް ރީތިވާނެ."
"އަޅުގަނޑު ރީތި. އެކަމަކު ރިޟްވާނަކާ ނުގުޅޭނެ." މެޑަމް ސީރިއަސް ރާގަކަށް ބުންޏެވެ.
"އެކަމަކުވެސް ހެޔޮ. މިރޭ މެޑަމް ވަޑައިގަނޭ."
"ވަރަށް ބޮޑަށް މާފު ކުރައްވާ. މިރެއަކު ތިޔަ ކަމެއް ނުވާނެ. ބޭނުންފުޅިއްޔާ އަންނަ ހަފުތާގެ ރެއަކު އަތުވެދާނަން. މި ދުވަސްކޮޅު ވަރަށް މަސައްކަތް ބުރަ."
ރިޟްވާން ވަރަށް ދެރަ ވެއްޖެއެވެ. މެޑަމް ޒޫބީގެ ތަސައްވުރުގެ ތެރޭގައި އޭނާ އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކުރާނެ ކަމެއް ނެތެވެ. އަންނަ ހަފުތާއަށް އިންތިޒާރު ކުރުން ގޮތެއް ނެތެވެ.
"އެންމެ ރަނގަޅު. މިރޭ ސްޓްރޯބެރީ ފޮނުއްވާ." އޭނާ ބުނެލިއެވެ.
"އެންމެ ރަނގަޅު."
* * *
ސުލައިމާން ހުރީ ކަންބޮޑުވެ އުދާސް ވެފައެވެ. އަދި ބިރުވެސް ގެންފައެވެ. އުދާސްވަނީ ރިޟްވާން އަބަދަށްޓަކައި ގެއްލުނީކަމުގެ އިހުސާސް ކުރެވުނީމައެވެ. މީގެ ފަހުން އެކުވެރިންގެ ގޮތުގައި ބައްދަލު ނުވާނެއޭ ހިތަށް އެރީމައެވެ. ބިރުގަންނަނީ ރިޟްވާންގެ ދެކޮޅުވެރިކަން ދެކެއެއް ނޫނެވެ. އެއީ އޭނާއަށް ހިފަހައްޓައިލެވިދާނޭ ކަމެކެވެ. ރިޟްވާން މިހާރު ވިސްނަމުން ގެންދާނީ އޭނާއަށް ދޭނޭ ގެއްލުމަކާ މެދުކަން އޭނާއަށް އެނގެއެވެ. ތިންވަނަ އެދުމުގެ ބޭނުން ކޮށްގެން އޭނާއަށް ގެއްލުމެއް ދެވިދާނެއެވެ. މިސާލަކަށް އަމިއްލައަށް އެއްލޯ ނަގައިލައިގެން އޭނާގެ ދެލޯ ކަނުކޮށްލެވިދާނެއެވެ. މި ނޫނަސް ކިތަންމެ ކަމެއް ކުރެވިދާނެއެވެ. މިކަހަލަ ޚިޔާލަކީ ކިތަންމެ ހިތްވަރުގަދަ މީހަކުވެސް ބިރު ގަންނާނޭފަދަ ޚިޔާލުތަކެކެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ