ޗައިނާއިން ބޭރުގައި ކޮރޯނާވައިރަހުގެ ކޮޕީއެއް އުފެއްދި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ

ކެންބެރާ (ޖެނުއަރީ 29): ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިހާރު ފެނިފައިވާ ނޮވެލް ކޮރޯނާވައިރަސް އިތުރަށް ދިރާސާ ކުރުމަށްޓަކައި އޮސްޓްރޭލިއާގެ ސައިންސުވެރިން އެ ވައިރަހުގެ ކޮޕީއެއް އުފައްދައިފިއެވެ. އެއީ ޗައިނާއިން ބޭރުގައި އެ ވައިރަސް އުފެއްދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޗައިނާއިން ވަނީ ނޮވެލް ކޮރޯނާވައިރަސް އަމިއްލައަށް އުފެއްދުމަށް ފަހު، އެ ވައިރަހުގެ ޖެނެޓިކް މައުލޫމާތު ހިއްސާކޮށްފައެވެ. އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ ސްޕެޝަލިސްޓު ލެބެއް ކަމަށްވާ ޕީޓާ ޑޮހާޓީ އިންސްޓިޓިއުޓް ފޯ އިންފެކްޝަން އެންޑް އިމިއުނިޓީން ބުނި ގޮތުގައި އެމީހުން ވައިރަހުގެ ކޮޕީއެއް ހެދީ، ވައިރަސް ހުރި މީހެއްގެ ހަށިގަނޑުން ނެގި ސާމްޕަލްއެއް ބޭނުންކޮށްގެންނެވެ. އޮސްޓްރޭލިއާއިން ވަނީ އެ ވައިރަހުގެ ކޮޕީ ބޭނުންކޮށްގެން ޓެސްޓުތައް ހަދާނެ ކަމަށާއި އޭގެ ތެރޭގައި ވައިރަހަށް ހަދާ ވެކްސިންތައް މަސައްކަތް ކުރޭތޯ ބަލަން ހަދާ ޓެސްޓުތައް ހިމެނޭނެ ކަމަށް ބުނެފައެވެ. އަދި އެ ވައިރަސް ހަށިގަނޑުގައި ހުންނަ މީހެއްގެ ފަރާތުން އޭގެ އަލާމާތްތައް ނުފެންނަނީސް ވައިރަސް ދެނެގަންނަން ހަދާނެ ޓެސްޓުތައް ހޯދުމަށްވެސް އެ ކޮޕީ ބޭނުން ކުރެވޭނެ ކަމަށް ޑޮހާޓީ އިންސްޓިޓިއުޓްގެ ކޯ ޑެޕިއުޓީ ޑިރެކްޓަރު މައިކް ކޮޓަން ވިދާޅުވިއެވެ. އޮސްޓްރޭލިއާއިން ވަނީ ކޮރޯނާވައިރަސް އިތުރަށް ދިރާސާ ކުރުމަށްޓަކައި އެ ވައިރަހުގެ ކޮޕީއާ ބެހޭ މައުލޫމާތު ވޯލްޑް ހެލްތު އޯގަނައިޒޭޝަނާ ހިއްސާ ކުރާނެއެވެ. އަދި އެޖަމްއިއްޔާއިން ދުނިޔޭގެ އެހެން ލެބްތަކާވެސް އެމައުލޫމާތު ހިއްސާ ކުރާނެއެވެ. ޗައިނާއިން ވަނީ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އޭގެ އަލާމާތްތައް ފެނުމުގެ ކުރިން ވައިރަސް އެހެން މީހުންނަށް ފެތުރޭ ކަމަށް ބުނެފައެވެ. ނަމަވެސް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ އެކަން އަދި ޔަގީންވެފައި ނުވާ ކަމަށް ބުނެފަ އެވެ. އެޖަމިއްޔާއިން ބުނާ ގޮތުގައި ކޮރޯނާވައިރަސް ހުންނަ މީހެއްގެ ފަރާތުން އޭގެ އަލާމާތްތައް ފެންނަން ދެ ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާފާނެ އެވެ. މިދިޔަ މަހުގެ ތެރޭގައި ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަހުގެ ސަބަބުން މިހާތަނަށް އެގައުމުގެ 132 މީހަކު މަރުވެ، ދުނިޔޭގެ އެކި ގައުމުތަކުގައި 6،000 އާ ގާތްކުރާ ވަރަށް މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އޭގެ ސަބަބުން ޗައިނާއިން ވަނީ ވޫހާން އެއްކޮށް ބަންދުކޮށް، އެ ސިޓީއާ ކައިރީ އޮންނަ ސަރަހައްދުތަކުގައި ދަތުރުފަތުރު ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފަ އެވެ. އަދި އެގައުމުން ވަނީ ޗައިނާގެ މީހުން ގައުމުން ބޭރަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސް ކުރުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ