އެމްޑީޕީ އާއި ޕީޕީއެމުން ފައިނަލް ވޯޓާސް ލިސްޓުގައި ސޮއި ކުރަން ފަށައިފި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓަރީގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންގެ ފަރާތްޕުޅުން ސޮއި ކުރައްވަން ފައްޓަވައިފި އެވެ.
ފައިނަލް ވޯޓާސް ލިސްޓުގެ ސޮފްޓް ކޮޕީ ޕާޓީތަކާ މިއަދު ހަވާލުކޮށްފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ފައިނަލް ވޯޓާސް ލިސްޓުގައި އެންމެ ފުރަތަމަ ސޮއި ކުރަން ފެއްޓީ އެމްޑީޕީންނެވެ. އެ ޕާޓީން ސޮއި ކުރަން ފެށީ މިއަދު އިރުއޮއްސި 6:30 ފަހުންނެވެ.
ފައިނަލް ވޯޓާސް ލިސްޓުގައި ޕީޕީއެމްގެ ފަރާތުން ސޮއި ކުރަން ފެށީ މިރޭ 7:00ގެ ފަހުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ހުރިހާ ލިސްޓުތަކުގައި ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ސޮއި ކުރަންޖެހޭނެ ކަމަށެވެ. ހަމައެކަނި ދެ ވަނަ ބުރަށް ބަދަލު އަންނަ ލިސްޓުތަކުގައި ސޮއި ކުރަން ޖެހޭ ގޮތަށް ކުރިން ހަމަޖެއްސިޔަ މިހާރު ހުރިހާ ލިސްޓެއްގައި ސޮއި ކުރަންޖެހޭނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
ސެޕްޓެމްބަރުގައި ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލު ކުރި ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ފައިނަލް ވޯޓާސް ލިސްޓު ސައްހަ ކަމަށް އެއްބަސްވާން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ