އ.ދ ގެ ސަބަބުން ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށްވޭ: ރައީސް

އ.ދ ގެ ސަބަބުން ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އ.ދ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ހާއްސަ ޓްވީޓެއްގައެވެ.
މި ޓްވީޓްގައި ރައީސް ވިދާޅުވީ، އ.ދ ގެ ސަބަބުން ގައުމްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސުލްހަވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމަށް ބިންގާއެޅިގެންދިޔަކަމަށެވެ. މި މޭރުމުން ޓްވީޓް ކުރައްވަމުން ރައީސް ވަނީ ކޮވިޑް-19ގެ ހާލަތު މިސާލަކަށް ނަންގަވާފައެވެ.
އެގޮތުން، ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ އ.ދ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކޮވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުން ދައްކުވައިދީފިކަމަށެވެ. 
މީގެއިތުރުންވެސް، އ.ދ ދުވަސް ފާހަގަކުރެވެމުންދާއިރު، ރާއްޖެއަކީ ހިންގުންތެރި މެންބަރެއްކަން ފާހަގަކޮށް، އ.ދ ގެ މެންބަރު ގައުމަކަށްވީތީ އުފާ ކުރައްވާކަމަށްވަނީ ވިދާޅުވެފައެވެ. 
އ.ދ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރެވެނީ އ.ދ އުފެދުނީ 24 އޮކްޓޯބަރު 1945 ގައި ކަމަށްވާތީއެވެ. ރާއްޖެއިން އ.ދ އާ ގުޅުނީ މިނިވަންކަން ލިބުނުތާ 56 ދުވަސް ފަހުން، 21 ސެޕްޓެމްބަރު 1965ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ