ދޮރު ނުހުޅުވުމުން ފާރު ތަޅާލައިގެން ވަދެ ޑްރަގްސް ހޯދީ ފާހާނާ ޖަންކްޝަނުން

ނޫސްވެރިން ބައިވެރިކޮށްގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގ.މެމޮރީވިލާ އަށް ވަންނަން ފުލުހުން ދިޔައީ އެ ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ފުލުހުންގެ އަތު ނުޖެހެން ހަރުކޮށްފައި ހުރި ދަގަނޑު ދޮރު ވައްޓާލަން ބޭނުންވާ ސާމާނު ހިފައިގެންނެވެ. ކޯޓުގެ އަމުރާ އެކު ގެޔަށް ވަންނަން ގޮސް ދޮރުގައި ޓަކި ޖެހުމުން ނުހުޅުވި އެވެ. ދޮރު ވައްޓާލަން މަސައްކަތް ފެށީ އެ ގެ ހުންނަ ހަނި ގޯޅިގަނޑުގެ އެހެން ދިމާލަކުން ފުލުހުންގެ ޓީމެއް ވަދެ ފާރު ތަޅާލަން ފެށުމާ އެކުގަ އެވެ.
ވަރުގަދަ ފަސް ތަޅު ހަރުކޮށްފައިވާ ދަގަނޑު ދޮރު ވައްޓާލުމުގެ ކުރިން، މިނެޓެއްހާއިރު ތެރޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އަނެއް ޓީމުން ފާރު ފޫވައްޓާލައި އެތެރެއަށް ދެމިގަތެވެ. ޑެކް އަޅައިގެން ހަދާފައި ހުރި އެ ކޮޓަރި ތެރޭގައި އޭރު ހުރީ، އެ ތަން ކުއްޔަށް ނަގައިގެން އުޅޭ ފިރިހެން މީހާ އެކަންޏެވެ.
އެތެރެއަށް ވަންނަން މަސައްކަތްކުރި ވަގުތު ކޮޓަރީގެ ފާހާނާއިން އެއްޗެއް ފްލަޝްކުރި ފުލުހުންނަށް ވެސް އިވުނެވެ. ކޮޓަރިތެރޭ ހުރި މީހާއާ އެ ސުވާލުކުރުމުން އެފަދަ ކަމެއް ކުރި ކަމަށް އިންކާރުކުރި އެވެ.
މެމޮރީ ވިލާގެ ޖަންކްޝަނުން ފުލުހުން ހޯދި މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓުތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ތަނުގައި މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް އޭނާ ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު މަސްތުވާތަކެތި ފޮރުވާފައި ހުރެދާނެ ކަމަށް ބަލައި، ކޮޓަރިތެރޭގައި އެންމެ ތިރިން ސޯފާ އާއި ޓީވީ އަދި އޭސީ ކަހަލަ ތަންތަން ފުލުހުން ރަނގަޅަށް ފާސްކުރި އެވެ. ޑެކް އަޅައި މަތީގައި ބަހައްޓާފައި ހުރި އެނދާއި ކަބަޑު ފާސްކޮށްގެން ކައްޓާއަކާއި ހުސް ރަބަރު ޕެކެޓު ފެނުނެވެ. އެ ހުރިހާ އެއްޗެހިން ވެސް ހެކި ދެނީ މަސްތުވާތަކެތީގެ ވިޔަފާރިއަށެވެ. އެކަމަކު މަސްތުވާތަކެއްޗެއް ނުފެނުނެވެ.
އެކަމަކު ފުލުހުން އެވަރުން ހުއްޓައެއް ނުލި އެވެ. ތަހުގީގަށް ހެކި ހޯދުމަށް، ތިން ގަޑިއިރު ވަންދެން ކުރި މަސައްކަތުގައި ފާހާނާ ޖަންކްޝަންގެ މަތިގަނޑު ނަގައިގެން ވެސް ބެލި އެވެ. މަސްތުވާތަކެތި ފެނުނީ އެތަނުންނެވެ. މަސްތުވާތަކެތީގެ ބާވަތެއް އަޅާފައި ހުރި ހަތް ޕެކެޓް އެތަނުން ފެނުމުން ވެސް ކޮޓަރީގައި ހުރި މީހާ ބުނަމުން ދިޔައީ އެއީ އޭނާގެ އެއްޗެއް ނޫން ކަމަށެވެ.
އެކަމަކު އޭނާ ދެއްކި ވާހަކައާ މެދު ޝައްކުވާ އެތައް ކަމެއް ފުލުހުން އެތަނަށް ވަން ވަގުތުން ފެށިގެން ފެނުނެވެ. އެ މީހާގެ ހަށިގަނޑު ފާސްކުުރި އިރު 6،500ރ. ފެނުމުން އެއީ ކަންނެއްޔަށް ގޮސްގެން ހޯދި ފައިސާ ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި އެންމެ ފަހުން މަހަށް ދިޔައީ ދ. އަތޮޅުގެ ދޯންޏަކުން މީގެ ދެ ހަފުތާ ކުރިންނެވެ.
ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތާއި ލިބުނު ހެއްކާ އެކު، ފުލުހުން އެ ރޭ ދިޔައީ، މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށްގެންނެވެ. އެ މީހާއާ އެކު، ފުލުހުންނަށް ފިލަން ހަރުކޮށްފައި ހުރި ދަގަނޑު ދޮރު ވެސް ވައްޓާލައިގެން ގެންދިޔަ އެވެ.
އެކަމަކު މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މަޝްހޫރު ތަންތަނަށް ތިން ހަތަރު ފަހަރު ގޮސް ބަލައި ފާސްކުރި 72 ގަޑިއިރުގެ "އެންޓި - ސްޓްރީޓް ޑީލިން އޮޕަރޭޝަން" ގައި ނޫސްވެރިންނާ އެކު މެމޮރީވިލާއަށް އިއްޔެ ދިޔައިރު ފެނުނީ އަނެއްކާ ވެސް ވަރުގަދަ ދޮރެއް ހަރުކޮށްފައި ހުއްޓަ އެވެ. ކޮޓަރި ތެރެއަށް ވަންނަން ކަނޑާލި ބާގަނޑު ކޮންކްރީޓުން ހުރީ ބައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ