ވެލާނާ އެއާޕޯޓު ހިލޭ އެޅެން އޮތް ކަމުގައި ވިދާޅުވެ ނަޝީދު އިތުރުފުޅު ހައްދަވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހިލޭ އެޅެން އޮތް ތަނެއް ކަމުގައި ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވީއައިއޭ ތަރައްޤީކުރަން ނަގާފައިވާ ލޯނުތަކަށް އަންނަ އަހަރު ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށާއި އެވަރަށް ލޯނު ނެގިއިރު އެއީ ހަގީގަތުގައި ހިލޭ އެޅެން އޮތް ތަނެއް ކަމަށެވެ. "އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އެއީ ހިލޭ އެޅެން އޮތް ތަނެއްކަން، ވެލާނާ އެ ކިޔާ އިންޓަނޭޝަނަލް އެއާޕޯޓު. ފަންސަވީސް އަހަރު ދުވަހުގެ މުއްދަތަށް ބަޔަކު މީހުން އަޅާފައި ހިންގާފައި، އަޅާފައި އަޅުގަނޑުމެންނަށް ދީފައި މިހާރު ދާހާ ދުވަސް މިވީ،" ނަޝީދު ވިދާޅުވި އެވެ.ބެލެވޭ ގޮތުގައި ނަޝީދު އެ ވިދާޅުވީ 2009 ވަނަ އަހަރު ޖީއެމްއާރަށް 25 އަހަރަށް އެއާޕޯޓު ހިންގާ ތަރައްޤީ ކުރަން ދިނުމުގެ ވާހަކައެވެ. ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ދިނީ ހިލޭ ތަރައްޤީ ކުރާގޮތަކަށް ނޫންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެއާޕޯޓު ތަރައްޤީ ކުރަން ޖީއެމްއާރުން ބޮޑު ލޯނެއް ނެގި އިރު އެ ލޯނަށް ގެރެންޓީ ދޭން ޖެހުނީ ދިވެހި ސަރުކާރުންނެވެ. މީގެ އިތުރުން އެއާޕޯޓު ތަރައްޤީކުރަން އެއާޕޯޓު ޑިވެލޮޕްމެންޓް ފީއެއްވެސް ކޮންމެ ދަތުރުވެރިއެއްގެ އަތުން ޖީއެމްއާރުން ނެގިއެވެ. މީގެ އިތުރުން ޖީއެމްއާރުން އެއާޕޯޓު ތަރައްޤީކުރަން ޕްލޭންކުރި އިރު ވީއައޭގެ ރަންވޭވެސް ބޮޑު ނުކުރާ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތަށް އެތަން ތަރައްޤީކުރި ނަމަ މުސްތަޤްބަލުގައިވެސް ބޮޑެތި މަތިންދާބޯޓުތައް އެތަނުގައި ނުޖެއްސޭނެއެވެ. ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު ތަރައްޤީކުރަން ރައީސް ޔާމީންގެ ވެރިކަމުގައި ނެގި ލޯނުތަަކާއި މެދު ރައީސް ނަޝީދު ކަންބޮޑުވުންފާޅުކުރައްވަމުން ގެންދަވާއިރު، އެއާޕޯޓުގެ ސީ ޕްލޭން ޓާމިނަލް އިން ލިބޭ އާމްދަނީ އިން އެކަނިވެސް ލޯނު ދެއްކޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ހަދާފައިވާ ހިސާބުތަކުން ދައްކައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ