ފޭރުން ހުއްޓުވުމަށް ސެކިއުރިޓީ ގާޑް ދެއްކި ހިތްވަރަށް ތައުރީފް ހައްގު!

މާލޭގައި ބޭންކްތަކުގެ ބޭރުން ގިނަ އަދަދެއްގެ ފޭރެން އުޅުމުގެ ހާދިސާތަކަކީ ދޭތެރެއަކުން ހިނގާ ހާދިސާތަކެކެވެ. ބޭންކަށް ފައިސާ ޖަމާކުރަންދާ ވަގުތު ނުވަތަ ފައިސާ ނަގައިގެން ނުކުންނަ ވަގުތާއި ދިމާކޮށް މޫނު ނިވާކޮށްގެން ތިބެ، ތޫނު ހަތިޔާރު ބޭނުންކޮށް ގިނަ އަދަދެއްގެ ފައިސާ އަތުލައިގަނެއެވެ. މިފަދައިން އަމަލުކުރުމަށް މަސައްކަތްކުރާ ފަހަރުތައް ފޭލްވަނީ މަދު ފަހަރަކުއެވެ.
އޭގެ އެއް މިސާލެއް އިއްޔެ ވަނީ މާލޭގައި ހިނގާފައެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏަކުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރުމަށް މަސައްކަތްކުރުމުން، އެ ސަރަހައްދުގައި ތިބި މަދު ބައެެއްގެ ހިތްވަރުން އެކަން ވަނީ ނާކާމިޔާބުކޮށްލާފައެވެ.
މި "ހެއިސްޓް"ގެ ވީޑިއޯ މީސް މީޑިޔާގައި އާންމުވެފައިވާއިރު، އޭގެން ފެންނަގޮތުގައި ހެލްމެޓުން މޫނު ނިވާކޮށްގެން ހުރި އެކަކު ވޭންގެ ތެރެއިން ފައިސާ ހުރި ފޮށި ނެގުމާއި އެކު ކަހަލަ ގޮތަކަށް އެ ދިމާލަށް ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީ ގާޑް އާދެއެވެ. އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި މެދު އެއްވެސް ފަރުވާލެއް ނެތި، ވަޒީފާގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމުގެ ހެޔޮ ނިޔަތުގައެވެ.
އެ ސެކިއުރިޓީ ގާޑް ވަނީ ފައިސާތައް ފޭރެން އުޅުނު މީހުންގެ އަތުން ފޮށި އަތުލައި، އޭގައި ބައްދައިގަނެ ބިންމައްޗަށް ވެއްޓިފައެވެ. އެއާއި އެކު ފޭރޭ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ފިލަން ދުއްވައިގަނެފައެވެ. އެވަގުތު އެ މީހުންގެ ފަހަތުން އެ ސަަރަހައްދަށް ސައިކަލެއްގައި އައި މީހަކު ދުއްވައިގަންނަތަންވެސް ފެނެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި ނުރައްކާތެރި ޖަރީމާ ހުއްޓުވުމަށް އެ ސަރަހައްދުގައި ތިބި މީހުންގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އަދި ވަކިން ޚާއްސަކޮށް ބޭންކްގެ ސެކިއުރިޓީ ގާޑް ކުރި މަސައްކަތަށް ތައުރީފް ހައްގެވެ. ކުޑަ މުސާރައެއް ލިބޭ ވަޒީފާއެއް އަދާކުރި ނަމަވެސް، ތިމާގެ މަސައްކަތަކީ ތިމާގެ ޒިންމާއެއްކަން ގަބޫލުކޮށް އެ ފޭރުން ހުއްޓުވުމުގައި އޭނާ ދެއްކީ ލާމަސީލު މިސާލެކެވެ. ފުރާނަ އަތްމައްޗަށް ލައިގެން ނަމަވެސް، ވަޒީފާގެ ޒިންމާ ވަރަށް ފުރިހަމައަށް އޭނާ އަދާކޮށްފިއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ