ހުޅުމާލެ އިން ވިއްކާ 150 ގޯތި ގަތުމަށް 300 ވަރަކަށް ފޯމު ހުށަހަޅައިފި

ހުޅުމާލެ އިން މިދިޔަ މަހު ވިއްކަން ހުޅުވާލި 150 ގޯތި ގަތުމަށް ބުދަދުވަހުގެ ނިޔަލަށް 300 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ވިއްކާ 36 ގޯތި ގަތުމަށް 42 ފޯމު ހުށަހަޅާފައިވާއިރު، އަތިރިމައްޗާ ކައިރިން ވިއްކާ 114 ގޯތި ގަންނަން 240 އަށް ވުރެ ގިނަ ފޯމު ބުދަދުވަހުގެ ނިޔަލަށް ހުށަހަޅާފައިވާ ކަމަށެވެ.
އެޗުޑީސީން މިހާރު ވަނީ ފޯމް ހުށަހެޅުމުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.
"ވަރަށް ގިނަ މީހުން ފޯމު ނަގާ. އެކަމަކު ފޯމު ނެގި އަދަދާ ބަލާއިރު ވަރަށް މަދު ފޯމެއް ލިބިފައިވަނީ. ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ ފޯމު ހުށަހަޅަން ބޭނުންވާ މީހުން އަދިވެސް ތިބުމާ އެކު،" ސުހެއިލް ވިދާޅުވި އެވެ.
މި ގޯތިތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ކުރިން ހަމަޖައްސާފައި އޮތީ ޖޫން 26 އިން ފެށިގެން ޖުލައި 7 އަށެވެ. އެކަމަކު އެޗްޑީސީން ބުނީ ގޯތި ގަންނަން އެދޭ މީހުންގެ ފޯމު ބަލައިގަތުމުގެ މުއްދަތަށް ހަތަރު ދުވަސް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ޖުލައި 11 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ވެސް ފޯމު ބަލައިގަންނާނީ ހެނދުނު 30: 8 އިން 30: 15 އާ ހަމައަށް އިސްލާމީ މަރުކަޒުގެ ހޯލަށެވެ.
ހުޅުމާލެ އަތިރިމައްޗާ ކުރިމަތިވާ ގޮތަށް ވިއްކާ ގޯތިތަކުގެ ބޮޑުމިނަކީ 1،489 އަކަފޫޓާއި 1،709 އަކަފޫޓާ ދެމެދެވެ. މި ގޯތިތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 1،100ރ. އެވެ. އަތިރިމައްޗާ ކައިރިން ވިއްކާ ގޯތިތަކުގެ އެވްރެޖް ބޮޑުމިނަކީ 1،224 އަކަފޫޓާއި 1،707 އަކަފޫޓާ ދެމެދެވެ. އެ ގޯތިތަކުގެ ބީލަން ފެށެނީ އަކަފޫޓަކަށް 600ރ. އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ