ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގުޅިފަޅުގައި އަޅަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގުޅިފަޅުގައި އެޅުމަށް ނިންމާފައިވާ ކަމަށް ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފި އެވެ.
ގުޅިފަޅު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވައްސާ ބެހޭގޮތުން ދަރުބާރުގޭ ފަންސަވީހުގައި މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަހުދީ އަންވަރު މިއަދު ވިދާޅުވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިމާރާތެއް ގުޅީފަޅުގައި އެޅުމަށް ސަރުކާރުން އެދިފައިވާ ކަމަށެވެ.
"ސަރުކާރުން އެދި ލައްވާފައިވަނީ ޔުނިވާސިޓީއެއްގައި ހުންނާނެ ހުރިހާ ފެސިލިޓީތަކެއް ހިމެނޭ ގޮތަށް އެތަން ގުޅީފަޅުގައި އެޅުމަށް. އެތަނުގައި ކުޅިވަރު ކުޅޭނެ ސަރަހައްދަކާއި ކުދިން ތިބުމަށް ބޯޑިންގެއްގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ހުންނާނެ،" ޝަހުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ 50 ހެކްޓަރުގެ ތެރެއިން 10 ހެކްޓަރު (ގާތްގަނޑަކަށް 14 ފުޓުބޯޅަ ދަނޑު) ގެ ބޮޑު ސަރަހައްދެއްގައި އަޅާ މި ކެމްޕަސްގެ ތަފުސީލުތައް ނިންމާނީ އެ ޕްރޮޖެކްޓް ތަރައްގީކުރާ ކުންފުންޏާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ