ރުޑް ބަލިކުރައްވައި އޮސްޓްރޭލިޔާގެ ލޭބާ ޕާޓީގެ ޒައާމަތު ޖޫލިޔާ ކާމިޔާބު ކުރައްވައިފި

ކެންބެރާ (ފެބްރުއަރީ 27) : އޮސްޓްރޭލިޔާގައި ވެރިކަންކުރާ ލޭބަރ ޕާޓީގެ ޒައާމަތުގެ ރޭހުގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރާ ޖޫލިޔާ ގިލާޑް، ކުރީގެ ބޮޑުވަޒީރު ކެވިން ރުޑްގެ މައްޗަށް ކުރި ހޯއްދަވައި ޖޫލިޔާ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.
އޮސްޓްރޭލިޔަން ލޭބާ ޕާޓީގެ ޒައާމަތަށް ބޭފުޅަކު އިންތިހާބު ކުރުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ޖޫލިޔާއަށް 71 ވޯޓު ލިބިވަޑައިގެންނެވިއިރު ރުޑްއަށް ލިބިވަޑައިގަތީ 31 ވޯޓު ކަމަށް "ސިޑްނީ މޯނިން ހެރަލްޑް" ނޫހާ ހަވާލާދީ ރޮއިޓާސް ބުނެ އެވެ.
ވެރިކަންކުރާ ޕާޓީގެ ޒައާމަތު ކާމިޔާބު ކުރެއްވުމަށްފަހު ވަރަށް އުފާވެރި މޫނެއްގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި ޖޫލިޔާ ވިދާޅުވީ އެކަމަނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ ސަބަބުން ވާދަވެރިޔާ ރުޑް ހިތާމަކުރައްވާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމުގަ އެވެ. ނަމަވެސް ޖޫލިޔާ ވިދާޅުވީ ލޭބާ ޕާޓީގެ ޒައާމަތުގައި ހުންނަވަންޖެހޭ ބޭފުޅަކާމެދު އުފެދިފައިވާ ސުވާލު މިހާރު ނިމުމަކަށް އައިސްފި ކަމަށާއި 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިޔާގެ އާންމު އިންތިހާބާ ހަމައަށް ޕާޓީގެ ފަރާތުން ބޮޑުވަޒީރަކަށް ހުންނެވުމުގެ ޝަރްއިއްޔަތު ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމުގަ އެވެ.
އަދި ލޭބާ ޕާޓީގެ ޒައާމަތުގެ މައްސަލަ ހައްލުވުމުން 2013 ގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބު ކާމިޔާބު ކުރުމަށް އެޕާޓީއަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޖޫލިޔާ ވިދާޅުވި އެވެ.
ޖޫލިޔާގެ ސަރުކާރުގެ ހާރިޖީ ވަޒީރުކަމުން ކެވިން ރުޑްއިސްތިއުފާ ދެއްވީ މިދިޔަ ހަފްތާގަ އެވެ. އިސްތިއުފާ ދެއްވީ ލޭބަރ ޕާޓީގެ ޒައާމަތުގެ މައްސަލައިގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
2010 ވަނަ އަހަރު އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކަމުގައި ހުންނެވުމަށްފަހު ރުޑް އިސްތިއުފާދެއްވީ ވެސް މިދެބަސްވުންތަކާ ގުޅިގެން ކަމަށްވެ އެވެ.
ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީޖޫލިއާ އާއި އެކަމަނާއަށް ތާއީދުކުރާ ފަރާތްތަކުން ޕާޓީގެ އެތެރޭގައި ހިންގަމުން ގެންދިޔަ އަޑިނޭންގޭ ރޭވުންތަކެއްގެ ސަބަބުން ކަމަށް ރުޑް އިޝާރާތް ކުރައްވާފައިވެ އެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަންކުރާ އޮސްޓްރޭލިޔާގެ އާންމު އިންތިހާބުގައި ރައްޔިތުން އިންތިހާބު ކުރީ ލޭބާ ޕާޓީ ކަމަށް ވާތީ ރުޑް އަށްފަހު ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވީ ޖޫލިޔާ އެވެ. ޖޫލިޔާ، ލޭބާ ޕާޓީގެ ޒާއާމަތާ ހަވާލުވެ ވަޑައިގެންނެވީ ރޭވުންތަކެއްގެ ތެރެއިން ކަމަށް ނުސީދާ ގޮތެއްގައި ރުޑް ވިދާޅުވެފައިވެ އެވެ.
މިދިޔަ ހަފްތާގައި ޖޫލިޔާގެ ކެބިނެޓުން ރުޑް އިސްތިއުފާ ދެއްވައި، ޕާޓީގެ ޒައާމަތް އަލުން ހޯއްދެވުމަށް ޖޫލިޔާއާ ދެކޮޅަށް ރުޑް ތެދުވެވަޑައިގަތީ ކުރިން އިސްތިއުފާ ދެއްވުމުން ގެއްލިވަޑައިގަތް ބޮޑުވަޒީރުކަން ވެސް އަލުން ހޯއްދަވުމުގެ ބޭނުމުގައި ކަމަށް ބައެއް ހަބަރުތައް ބުނެ އެވެ. ނަމަވެސް ޖޫލިޔާގެ މިކާމިޔާބީއާއެކު ރުޑް ވަނީ ބަލި ގަބޫލު ކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ