ކޮފީ ޝޮޕަކުން ދިރާގު ބިލްތަކަށް ފައިސާ ދެއްކޭ، އާ ފިހާރައެއް ހުޅުވައިފި

ދިރާގު ބިލުތަކަށް ފައިސާ ދެއްކޭ ގޮތަށް ކޮފީ ޝޮޕަކާ އެކު ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.
ދިރާގު ކަސްޓަމަރުންނަށް ބިލުތަކަށް ފައިސާ ދައްކަން ފަސޭހަ އަކަށް ދިރާގުން ހުޅުވަމުން އަންނަ ޕާޓްނަޝިޕް ފިހާރަތަކުގެ ތެރެއިން ވޭލާ އާއި ގުޅިގެން މަޖިދީމަގުގައި ހުންނަ ވޭލާ މޯބައިލް ފިހާރަ އާ އިންވެގެން މިއަދު ހުޅުވި އެ ފިހާރަ އަކީ ރާއްޖެ އަށް މުޅިން އާ ކޮންސެޕްޓަކަށް ހުޅުވި ފިހާރައެއް ކަމަށް ދިރާގާއި ވޭލާ އިން ބުންޏެވެ.
ބިލު ދައްކަން ގޮސް ތިބޭ ކަސްޓަމަރުން ކިޔޫގައި ތިބޭ ވަގުތު ކޮފީ ބޮވޭ ގޮތަށް ހަދާފައިވާ އެ ފިހާރަ އިން ރޭގަނޑު 12:30 ވަންދެން ޚިދުމަތް ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ސިނގިރޭޓް ނުބޮވޭ ގޮތަށް ހުޅުވި ވޭލާ ބިލްޕޭ އެންޑް ކެފޭ ފިހާރައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވޭލާ ފިހާރައިގެ އިސް ފަރާތް ކަމަށްވާ މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވީ ބިލް ދައްކަން ތިބޭ ވަގުތު ކޮފީ ބޮވޭނެ އިންތިޒާމު ހަމަޖެހިފައި ވުމުން ކަސްޓަމަރުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ކަސްޓަމަރުންނަށް ވެސް ހިތްހަމަޖެހުން ލިބޭނެ ހެން. އިށީންދެ ތިބެން ޖެހުމުގެ ބަދަލުގައި ބިލު ދައްކާލަން އައިސް ކޮފީއެއް ބޯލަން ތިބުމުން." އޭނާ ވިދާޅުވި އެވެ.
ވޭލާ ފިހާރައިން ކޮފީގެ އިތުރަށް ސޭންޑްވިޗް ފަދަ ތަކެތި ވިއްކަން ހުރެ އެވެ.
ވޭލާ މޯބައިލް އަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ ދިރާގު ޕްރީޕެއިޑް ކިޓް ވިއްކުމުގައި ފަސް ވަނައިގައި ހިމެނޭ ފިހާރައެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން މިހާތަނަށް ވަނީ ބިލަށް ފައިސާ ދެއްކުމަށް ޕާޓްނަޝިޕް ފިހާރައިގެ ގޮތުގައި 28 ފިހާރައެއް ހުޅުވައިފަ އެވެ. އޭގެތެރެ އިން ހަތަރު ފިހާރައެއް ހުޅުވާފައި ވަނީ މާލޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ