ރޭޕް ކޭސް އެއްގައި މަރަން ހުކުމް ކުރި 3 މީހަކު އިންޑިއާގައި މިނިވަން ކޮށްފި

މީގެ 10 އަހަރު ކުރިން އިންޑިއާގެ ދިއްލީ އަށް ނިސްބަތްވާ 19 އަހަރުގެ އަންހެނަކު، ކައިރީގައި އޮންނަ ހަރްޔާނާގެ ދަނޑުބިންތަކުގެ ތެރޭގައި ގޭންގް ރޭޕް ކޮށް މަރާލި މައްސަލައިގައި މަރަން ހުކުމް ކުރި 3 މީހުން މިނިވަން ކޮށްފިއެވެ.
މި ރޭޕް އާއި މަރަކީ، މުޅި އިންޑިއާގައިވެސް އެފަދަ ދެވަނައެއް ނެތް ރަހުމް ކުޑަ ބިރުވެރި ގަތުލަކަށް ވާ އިރު ކުށްވެރި ވި މީހުން ދޫކޮށްލުމުން މުޅި އިންޑިއާ ވަނީ ޝޮކެއްގައެވެ.
2014 ވަނަ އަހަރު މަޝްހޫރު ވި މިހާދިސާގައި 3 މީހަކު ކުށްވެރިވެ މަރަށް ހުކުމް ކުރުމުން ދިއްލީ ހައިކޯޓުންވެސް ވަނީ އޭރު އެހުކުމް ދަމަހައްޓާފައެވެ.
ނަމަވެސް މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ސްޕްރީމް ކޯޓުން ވަނީ މި 3 މީހުން ދޫކޮށްލާފައެވެ. ސްޕްރީމް ކޯޓުން އެމީހުން ދޫކޮށްލީ ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެއެވެ. އެ ކޯޓުން އިތުރަށް ބުނީ، ދަށު ކޯޓުތަކުން މަސައްކަތް ކޮށްފައި ވަނީ ކްރިމެޓް މެޗެއްގެ އަމްޕަޔަރުން މަސައްކަތް ކުރާ ގޮތަށް ކަމަށެވެ.
މި މައްސަލައިގައި އިންޑިއާގެ ޝަރުއީ ނިޒާމަށް ފާޑު ކިޔާ އާންމުން ސޯޝަލްމީޑިއަގެ ޕްލެޓްފޯމްތަކުގައި ޝުއޫރު ފާޅު ކުރަމުން އަންނަ އިރު، ބައެއް މީހުން ބުނީ 2022 ވަނަ އަހަރު އިންޑިއާގައި އަދުލު އިންސާފު އޮތީ އެގޮތަށް ކަމަށެވެ.
ސްޕްރީމްކޯޓުގެ މިނިންމުމާއެކު މިހާރު އެކޯޓުގައި ކުރިއަށް ދާ ބިލްގިސް ބާނޯގެ ކޭސް ގައި ވެސް ވާނީ އެހެން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ފާއިތުވި 3 އަހަރަށް ބަލާއިރު އިންޑިއާގައި ރޭޕް ކޭސް ދަށަށް ދިޔަ ނަމަވެސް 2020 ގެ ފަހުން އެ އަދަދުތައް ވަނީ އިންތިހާއަށް މައްޗަށް އަރާފައެވެ. އެގޮތުން މިހާރު އަހަރަކު 30،000 މީހުން ރޭޕްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ