އަތްމަތިދަތިވާ ކޮންމެ ވަގުތަކު ޝައިޠޯނާ އޭތީގެ މަސައްކަތްތަކުގެ ސްޕީޑް މެކުހަށް ޖަހާނެ! ނަމަނަމަ ޙަޜާމް ގޮތުގަ ފައިސާ ނުހޯދާތި!

އަތްމަތިދަތިވާ ކޮންމެ ވަގުތެއްގައިވެސް ޝައިޠޯނާ އޭނާގެ މަސައްކަތްތަކުގެ ސްޕީޑް މެކުހަށް ޖަހާނެއެވެ. ވައްކަން ކުރަން ބުނާނެއެވެ. ހަށިވިއްކަން ބުނާނެއެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ހުރިހާ ގޮތްގޮތުން ފަސޭހަމަގުން ފައިސާ ހޯދަން ހިތްވަރުދޭނެއެވެ.
އެމަޅީގައި އެންމެ ފަސޭހައިން ޖެހެވޭނީ އަންހެނުންނަށެވެ. އެއީ ދުނިޔެ ފެށުނީންސުރެ އެކަންކަން ހިނގަމުން އަންނަ ގޮތެވެ. އެކަމަށް އެކަނބަލުންނަށް އޮންނަ ފުރުޞަތުބޮޑުވެފައި ފަސޭހަވުމުންނެވެ. އަދި ހޭދަކުރަން ފިރިހެނުން ތައްޔާރަށް ތިބޭތީއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ފައިސާގެ ދަތިކަން ކިތަންމެ ބޮޑަށް ކުރިމަތިވިނަމަވެސް ފަސޭހަމަގުން ފައިސާ ހޯދަން ﷲ ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމަކަށް އަރައި ނުގަންނާށެވެ! އެނބުރި ދާން ޖެހޭނީ ﷲ ގެ ޙަޟްރަތަށެވެ. ހައިހޫނުކަމަށްވުރެ ނަރަކައިގެ އަލިފާނުގެ ހޫނު މާގަދަވާނެއެވެ.
ހަރާމް ގޮތުގަ ފައިސާ ހޯދައިގެން އަރަންޖެހޭނީ އަލިފާނުގެ ފައިވާނަށެވެ! ލާންޖެހޭނީ އަލިފާނުގެ ފޭރާމެވެ. ގައަށް ޖެހޭ ސެންޓުވެސް ވާނީ ހަމަ އަލިފާނުގެ ސްޕްރޭއަށެވެ. އަޅަންޖެހޭނީ އަލިފާނުގެ ގަހަނާއެވެ. ކާތަކެތި ވާނީ އަލިފާނަށެވެ! އެއަލިފާނުގެ ހޫނުކަން މިދުނިޔޭގައި އިޙްޞާޞް ނުކުރެވިދާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު އެ އަލިފާނުގެ ހޫނުކަން ދުނިޔޭގެ އަލިފާނަސްވުރެ 69 ގުނަ ހޫނުކަން އިތުރުވެގެން ބައްދަލުކުރާނެކަން އޮތީ ފެންނާށެވެ.
މުޅި އުމުރު ދަތިޙާލުގައި ދުނިޔޭގައި ހޭދަކުރަން ޖެހުނު ނަމަވެސް އެއީ ނަރަކައިގެ އަލިފާނުގެ އަސަރު ވައިރޯޅިއެއް ފަދައިން ބީހުލުމާއި އަޅައިބަލާއިރު ވެސް އެއްވެސް ދަތިކަމެއް ނޫނެވެ. ވީއިރު ނަރަކައަށް ވަންނަން ޖެހިއްޖެ މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟
އެންމެހައި މީސްތަކުންނޭވެ! ހައިހޫނުކަމުގައި މަރުވި ނަމަވެސް ވައްކަން ނުކުރާށެވެ! ބަނޑަށް ޙަރާމް ތަކެތި ނުއަޅާށެވެ! ތިމާ އާއި ތިމާގެ އަނބިދަރިންނާއި ޢާއިލާގެ މީހުންގެ ބަނޑަށް އަލިފާން ނުއަޅާށެވެ. ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވާފައިވަނީ ތިމާ އާއި ތިމާގެ އަނބިދަރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަށެވެ.
ކެތްތެރިކަން އިސްކުރާށެވެ! ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ކެތްތެރިވެލުމުން ތަނަވަސްކަން މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ