ނޫސްވެރިންގެ އެވޯޑް، ފުރަތަމަ ފަހަރަށް ބޭރުގެ އެމްބަސީއަކުން ސޮޕޮންސާ ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަހަރު ދޭ ނޫސްވެރިކަމުގެ އެވޯޑް، ރާއްޖޭގައި ހުންނަ ސައުދީ އަރަބިޔާގެ އެމްބަސީން ސްޕޮންސާ ކޮށްފިއެވެ. މިއީ އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އެވޯޑް، ބޭރުގެ އެމްބަސީއަކުން ސްޕޮންސާ ކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މީޑިއާ ކައުންސިލްގެ ފަރާތުން ސްޕޮންސާ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް މުޙައްމަދު ޝަފާއުއެވެ. ސައުދީގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު، މަތްރެކް ބިން ޢަބްދުﷲ އަލްޢަޖާލީން އަލްދައުސަރީއެވެ. އެމްއެމްސީގެ ރައީސް މުޙައްމަދު ޝަފާއު، "ސަން"އަށް ވިދާޅުވީ ސައުދީ އެމްބަސީއާއެކު މީގެ ދެ މަސް ކުރިން ކުރެވުނު މަޝްވަރާގެ ދަށުން މި އަހަރު ބާއްވާ ނޫސްވެރިންގެ އެވޯޑުގެ ސަޕޯޓް ޕާޓްނާއެއްގެ ގޮތުގައި އެ އެމްބަސީ ހަމަޖެހުނީ މިއަދު ކަމަށެވެ. "ސައުދީ އެމްބަސީން މިއަދު ގުޅާލާފައި ބުނީ ސަޕޯޓް ޕާޓްނާއެއްގެ ގޮތުން ބޭނުމޭ ސްޕޮންސާއެއް ދޭން. އަދި ބުނީ ކުރިއަށް އޮތްތަނުގައި ވެސް ނޫސްވެރިންގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެވޭނެ ހުރިހާ ގޮތަކުން ތިމަންނަމެން އެހީތެރިވާން ބޭނުމޭ،" ޝަފާއު ވިދާޅުވިއެވެ. ޝަފާއު ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މި ފަހަރު ބަލާނީ ފައިސާގެ ބަދަލުގައި ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން އެކަށީގެންވާ ރަނގަޅު އިނާމު ދެވޭތޯ ކަމަށެވެ. "މި ފަހަރު ފައިސާގެ އިނާމު ވެސް ދޭނަން. އެކަމަކު ފައިސާގެ އިނާމަށްވުރެ ބޮޑަށް އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އަޅުގަނޑުމެންގެ ވިސްނުމަކީ ވީހާވެސް އިން ކައިންޑްކޮށް އިނާމު ދިނުން،" ޝަފާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްއެމްސީން ދޭ ނޫސްވެރިކަމުގެ އެވޯޑަށް 82 ހުށަހެޅުން ލިބިފައިވާ ކަމަށެވެ. ނޫސްވެރިކަމުގެ އެވޯޑް މި އަހަރުގެ ދިނުމަށް ނިންމާފައިވަނީ މުޅިއެކު 12 ދާއިރާއަކުންނެވެ. ނޫސްވެރިކަމުގެ އެވޯޑް ދޭ ދާއިރާތައް ތަހުޤީޤީ ނޫސްވެރިކަން ޝަރުއީ އަދި ޤާނޫނީ ދާއިރާ ސިޔާސީ ދާއިރާ ވިޔަފާރިއާއި އިޤުތިސޯދީ ދާއިރާ ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާއީ ދާއިރާ ކުޅިވަރުގެ ދާއިރާ ފޮޓޯ ޖާނަލިޒަމް ވީޑިއޯ ޖާނަލިޒަމް ފީޗާ ގްރެފިކްސް އާއި އިލެސްޓްރޭޝަންސް އުއްމީދީ ނޫސްވެރިޔާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ މިއަހަރު ބާއްވާ ނޫސްވެރިކަމުގެ އެވޯޑުގެ އެހެން ސްޕޮންސަރުންގެ ގޮތުގައި ޔޫރޯ މާކެޓިން ހަމަޖެހިފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އަދި ޓެލެކޮމް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސްއެވެ. އެމްއެމްސީން ބުނީ އަންނަ ހަފުތާގައި އިތުރު ސްޕޮންސާތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޫސްވެރިންގެ އެވޯޑް ދިނުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ދަރުބާރުގޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ