ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އިޚްތިޔާރު ކުރާ ތަނެއްގައި ދިރިއުޅެވޭނެ މަގުފަހިކޮށްދިނުން: ރައީސް ޞާލިޙް

ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އިޚްތިޔާރު ކުރާ ތަނެއްގައި ދިރިއުޅެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް މިއަދު ލ. އަތޮޅުގައި ފެށި ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ސަރުކާރުން މިހާރު ހިންގާ ތަރައްޤީ މަޝްރޫޢުތައް އަދި ސިޔާސަތުތައް އެކުލަވާލާފައި ވަނީ ކޮންމެ ރައްޔިތަކަށްވެސް، އެ ރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގައި އުފާ ފާގަތި ކަމާއެކު ޢާއިލާއެއް ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކޮށްދިނުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު މިހާރު ފެށިފައިވާ ރާއްޖެ ޓްރާސްންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) އާއެކު މީގެ ކުރިން ފަހިނުވާ މިންވަރަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ފަހިވެ ވަކިވަކި ރަށްތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް އިތުރަށް ދިރުން ލިބިދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙް ވަނީ ޞިއްޙީ ނިޒާމު ފުރިހަމަ ކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އައުޓްރީޗް ޕްރޮގްރާމާއި، މޮބައިލް ލެބޯރޓަރީގެ ޚިދުމަތް އެޚިދުމަތް ކުރިން ނެތް ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު އަމާޒުކުރެވި ޞިއްޙީ ދާއިރާގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ.
ޒަމާނުއްސުރެ ކަނޑަނާޅާ އޮތް "އެންމެ ދަށް އުޖޫރަ" މި ސަރުކާރުން ކަނޑައަޅައި އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީވެސް އިންޤިލާބީ ބަދަލެއްކަން ފާހަގަކުރައްވައި އޭގެ ސަބަބުން ޕްރިންސިޕަލުންނާއި، ޓީޗަރުން ލިބުމުގައި އޮތް އެންމެ ބޮޑު ހުރަސް ނައްތާލެވިފައިވާކަމުގައި ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. ދެން މި ބަދަލު އެންމެ އަވަހަށް ފެނިގެންދާނީ ޞިއްޙީ ދާއިރާއިންކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މިއަހަރުގެ ހައި އެޗީވަރސް އެވޯޑު ޙާޞިލްކުރި ދަރިވަރުންގެ އަދަދާއި އަދި މުޅިދުނިޔެއާ ވާދަކޮށް، އެކަހެރި ކުދި ރަށްރަށުގެ މަދަރުސާ ތަކުގެ ދަރިވަރުން ހޯދި މަތީ ނަތީޖާތަކުން، ލާމަރުކަޒީ ނިޒާމާއެކު ރަށްރަށުގެ ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެނެސްދެއްވި ހެޔޮ ބަދަލު ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަސާސީ ބައެއް ޚިދުމަތްތައް ކަމުގައިވާ ފެނާ ނަރުދަމާ 2018 އާ ހަމައަށް އައިއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ 70 އިންސައްތަ އަށްވުރެ ގިނަ ރަށުގައި، ޤާއިމުކޮށްފައެއް ނުވެއެވެ. ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކޮށް ނިންމުމަށް އަމާޒު ހިފައިގެން އެމަސައްކަތްތައް ނިންމަމުން އަންނަނީ އެ ޚިދުމަތްތަކަކީ، ލާމަރުކަޒީ ޖަޒީރާ ދިރިއުޅުމާ، މުޅިރާއްޖޭގެ ތަރައްޤީ، އޭގެ މައްޗަށް ބިނާވާ އަސާސްތައް ކަމުގައިވާތީކަމަށެވެ. ފެނާ ނަރުދަމާގެ އިތުރުން ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިހުރި ކަރަންޓް މެގަވޮޓްގެ ޖުމްލަ ޢަދަދު މިހާރު ދެގުނަ އިތުރުކޮށް، ކަރަންޓް ދިނުމުގެ މުޅި ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދީފައިވާކަން ވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ ސިޔާސަތެއް މިހާރު ފަރުމާވެ ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމަކީ މައިގަނޑު އަސާސްކަމުގައި ބަލައިގެން އެއްރަށް އަނެއް ރަށާ ގުޅި ލާމެހިގެން ހިނގާ ޖަޒީރާ ދިރިއުޅުމަށް މަގުފަހިވާ ގޮތަށް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ