ޖޫރިމަނާ ފައިސާ ނުދައްކާ މީހުންނަށް ޖަލު އަދަބު ކަނޑައަޅަނީ

ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ފަށައިފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި, ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެގޮތުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
މިހާތަނަށް އެ އޮފީހުން ހޯދި މަޢުލޫމާތަށް ބަލާއިރު ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ޙުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ވަނީ ފާހަގަވެފައިކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މިފަދަ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް ފަނޑިޔާރަށް ކަނޑައެޅޭނެކަންވެސް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
މިރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމާއަށް 2.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވެއެވެ. އެހެންކަމުން ޖޫރިމަނާ ފައިސާ ނުދައްކައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ފައިސާ ދެއްކުމަށާއި ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ