ކުޑަކުއްޖަކާއެކު ބަދުއަޚުލާޤީ އަމަލު ހިންގައިގެން ޙުކުމް ތަންފީޒު ކުރަމުންދާ މީހަކު ދޫކޮށްލި ކަމަށްބުނެ، ސޯޝަލް މީޑިއާގެ ބައެއް އެކައުންޓުތަކުން ފަތުރަމުންދަނީ ހަގީގަތާއި ޙިލާފު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ޝޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގައިގެން ޖަލު ޙުކުމް ތަމްފީޒުކުރަމުންދިޔަ މީހަކު ރައީސުލްޖުމުހުރިއްޔާ މިނިވަންކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ ހާޝިމް އަބޫބަކުރު، ހއ.ހޯރަފުށި/އަންދަލީބުގެ (57އަހަރު) އަކީ 2022 ވަނަ އަހަރުން ފެށިގެން ޖަލުގައި ޙުކުމް ތަންފީޛުކުރުމަށް ޖަލަށްލާފައިވާ މީހެއް ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ ހާޝިމް އަބޫބަކުރު 2022 އިން ފެށިގެންވެސް އައީ އުނަގަނޑު މައްސަލައެއް ހުރެ، އެކަމުގެ ވޭން ތަހައްމަލުކުރަމުން އަންނަ މީހެއް ކަމަށެވެ. އަދި އޭނާގެ ސާރޖަރީ ރާއްޖެއިން ކުރެވެން ނެތްކަމަށް ޑޮކްޓަރުން ދެއްވި ލަފާގެ މަތިން މި ސާރވީސްގެ މެޑިކަލް ބޯޑުން ނިންމުމާއެކު، އޭނާ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ މިއަހަރުގެ އޮގަސްޓް މަހު 5 ވަނަ ދުވަހު ކަރެކްޝަންސް އިން ދީފައިވާ ކަމަށެވެ.
އެގޮތުން، އޭނާ ވަނީ ބޭސްފަރުވާ ހޯދުމަށްފަހު 16 ސެޕްޓެމްބަރު އަނބުރާ މާލެއައިސްފައި ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސް އިން ބުނީ ހާޝިމް އަބޫބަކުރުގެ ބަލި ހާލަތު ހުރިގޮތުން ، ޑޮކްޓަރު ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީވެ، އޭނާ ވަނީ ހުކުމް ތަންފީޛުކުރުމަށް ވަގުތީ ގޮތުން ގޭބަންދުގައި ބެހެއްޓިފައިކަމަށެވެ.
ހަމަމިއާއެކު، ކަރެކްޝަންސް އިން ބުނީ އެ ސާވީސް އިން ދަނީ އޮންނަ އުސޫލާއެއްގޮތަށް އޭނާ މޮނިޓާ ކޮށް ބަލަހައްޓަމުން ކަމަށެވެ.
ބަދުއަޚުލާގީ އަމަލު ހިންގައިގެން ޖަލު ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ދޫކޮށްލިކަމަށްބުނެ ފަތުރަމުންދަނީ ހަގީގަތާއި ޙިލާފު ވާހަކަތަކެއް- ހީނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ